އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު
ކައިވެނިކުރުމަށްފަހު ފިރިމީހާއަށް ލިބިގެންދާ މަޤާމަކީ ވަރަށް މަތިވެރި އަދި ވަރަށް ޝަރަފްވެރި މަޤާމެކެވެ. އެހެންކަމުން އަނބިމީހާއަށް އޮތީ ﷲ ތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. އެހެންކަމާއިއެކުވެސް ފިރިމީހާގެ މައްޗަށްވެސް ކަންތައްތަކެއް ވާޖިބުވެގެންދެއެވެ. އެވާޖިބުތައް އަދާނުކުރާނަމަ މަތިވެރިކަމެއް ނެތެވެ.
ފުރަތަމަ ކަމަކަށް ބަލައިލަންޖެހޭ އެއްކަމަކީ ދީނުގައި އޮތީ ފިރިމީހާއަށް ކިޔަމަންވުންކަމަށް ބުނެ ޢަމުރުތައް ކުރުމަކުން އަދި ނުފުދެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އިތުރު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކުރަންވެސް ޖެހެއެވެ.
މިޘާލަކަށް ދުވަހަކުވެސް އެކަނބަލުންނަށް ކޯފާއިސްކުރައްވައިފައެއްނުވެއެވެ. ހަޑިހުތުރު ބަސްފުޅުތައް ވިދާޅުވެފައެއް ނުވެއެވެ. އަނިޔާވެރި އެއްވެސް ޢަމަލުފުޅެއްވެސް ކުރައްވަވާފައެއް ނުވެއެވެ. އަދި ބޮޑެތި ވަރުގަދަ އަމުރުފުޅުތަކެއްވެސް (ﷲ ތަޢާލާގެ މަގުގައި މެނުވީ) ކުރައްވަވާފައެއް ނުވެއެވެ.
ދީނުގައި އޮތްގޮތް އަނބިމީހާއަށް ކިޔައިދީ އަމުރުތައް ކުރަންވާނީ ތިމާއަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަމުންނެވެ. އަނބިންނާއިމެދު ސުންނަތުގައި އޮތް ގޮތަށް ތިމާވެސް ކަންކަން ކުރަމުންނެވެ. އެހެނީ ދީނުގައި އޮތްގޮތަށް ޢަމަލުކުރަންޖެހެނީ ވަކިމީހަކަށް ނޫނެވެ. ދެމީހުންނަށެވެ.
ބައެއް ފިރިން އެމީހުންގެ އަނބިމީހުންނާއިމެދު ހަރުކަށިވެ އެމީހުން ދައްކާ ވާހަކަ އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. މިއީވެސް ސުންނަތާއި ޚިލާފް ކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުވެސް އަނބިކަނބަލުންގެ ވާހަކަފުޅު އަޑުއެއްސެވިއެވެ. އެކަނބަލުން ދަންނަވަން ބޭނުންފުޅުވެވަޑައިގެންނެވި ކޮންމެ ވާހަކަފުޅެއް ދެންނެވުމުގެ ފުރުޞަތުވެސް ދެއްވެވިއެވެ. ހިތްޕުޅަށް އުނދަގޫފުޅުވާ ޒާތުގެ ވާހަކަފުޅެއް ދެންނެވިނަމަވެސް ކޯފާއިސްކުރައްވަވާފައެއް ނުވެއެވެ. ޖަވާބު ދެއްވެވީވެސް އޯގާތެރިކަމާއިއެކުގައެވެ. މިގޮތަށް އެކަންތައް ނުކުރެވޭނަމަ އެމީހަކަށް ޢަމަލުއެކުރެވެނީ ދީނުގައި އޮތް ގޮތަކަށް ނޫނެވެ.
އަނބިންނަށް ބައްދަލުނުކުރެވޭނެ މީހުންނާއި ވާހަކަ ނުދެއްކޭނެ މީހުން ކަނޑައެޅުމުގެ އިޚްތިޔާރުވެސް ފިރިންނަށް ލިބިގެންވެއެވެ. އެކަންވެސް ކުރަންވާނީ އިންޞާފުންނެވެ. އަމިއްލައެދުން ކުރިއަށް ނެރެގެނެއް ނޫނެވެ. އޮންނަ ޒާތީ ރުޅިވެރިކަމެއްގެ ސަބަބުން އެކަނބަލުންގެ މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި ބައްދަލުކުރުމުމުގެ ޙައްޤުން މަޙްރޫމެއް ނުކުރެވޭނެއެވެ. އެއިރުން އެދެވެނީ އިމުން ބޭރަށެވެ.
ފިރިންނަށް ކިޔަމަންތެރިވުމަކީ އަނބިންނަށް ކުރެވޭ އަޅުކަމެކެވެ. ނަމަވެސް އެކިޔަމަންތެރިކަން ހިމެނިފައި އޮންނަންވާނީ ދީނުގައިވާ މަގުންނެވެ.
އެންމެ ރަނގަޅު މީހަކީ އެމީހެއްގެ ޢާއިލާއަށް އެންމެ ހެޔޮމީހާކަމަށް ޙަދީޘްފުޅުކުރައްވަވާފައި އެބައޮތެވެ. ވީމާ ޢާއިލާއަށް ނުބައިކޮށް ކަންކަން ކުރުމުން އެމީހަކީ އެންމެ ނުބައި މީހާ ކަމުގައި ނުވާނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެއެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލައަށްވެސް އަނބިއަނބިކަނބަލުންގެ އަރިހުން މައްސަލަތައް ކުރިމަތިވެވަޑައިގެންނެވިއެވެ. އެކަންކަން ޙައްލުކުރެއްވެވީ ހަރުކަށިކަން ދައްކަވައިގެނެއް ނޫނެވެ. ނުބައި ބަސްފުޅުތައް ވިދާޅުވެގެންނެއްވެސް ނޫނެވެ. ގަދައަމުރުފުޅުތައް ކުރައްވަވައިގެނެއްވެސް ނޫނެވެ. ބުއްދިފުޅުގެ ބޭނުންފުޅު ކުރައްވަވައިގެންނެވެ. ވީމާ އަހުރެމެންނަށްވެސް އޮތީ ހަމައެގޮތަށް ކަންކަން ކުރުމެވެ.
ތަޤްވާވެރި އަންހެނުން ފިރިންނަށް ކިޔަމަންތެރިވާނެއެވެ. ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައެވެ. ފިރިމީހާގެ އަމުރުތަކަކީ އިންޞާފުން ކުރާ ޙައްޤު އަމުރުތަކެއް ނަމައެވެ. ނޫންނަމަ ނުކިޔަމަންތެރިވުމުގައި އެކަނބަލުންގެ ކުށެއް ނެތެވެ.
ތަޤްވާވެރި އަންހެނުން އެކަނބަލުންގެ ފިރިންނަށް ތެދުމަގު ވިސްނައިދީ އީމާންތެރިކަން ވަރުގަދަކުރުވަން މަސައްކަތްކުރާނެއެވެ. ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރެވެނީ އެކަނބަލުންގެ އަޑުއަހައި ޤަބޫލުކުރާ މީހުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 ޖޫން 2025