އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެތްތެރިވެވޭ މީހަކަށް ކުރާނެ ފައިދާތަކަށް ބަލައިފިނަމަ ނުކުރާނެ ފައިދާއެއް ނެތް!

ކެތްތެރިވެވޭ މީހަކަށް ކުރާނެ ފައިދާތަކަށް ބަލައިފިނަމަ ނުކުރާނެ ފައިދާއެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 4 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ކެތްތެރިކަމަކީ މުސްލިމުންގެ ކިބައިގައި އަބަދުވެސް ހުންނަން ޖެހޭ، އެމީހަކާއެކު ގެންގުޅެންޖެހޭ އަޚްލާޤީ ސިފައެކެވެ. މުސްލިމަކަށް ދުނިޔެއާއި އާޚިރަތުގައި ލިބޭ ކާމިޔާބީ ބިނާވެފައިވަނީ ކެތްތެރިކަމުގެ މައްޗަށެވެ. ކެތްތެރިކަމަށްވުރެ ރަނގަޅު އެއްވެސް ހެޔޮކަމެއް މީހަކަށް ޙާޞިލުކުރެވޭނެ ނެތެވެ. ރަސޫލާ މުުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (ما أُعْطِيَ أحدٌ عطاءً هو خيرٌ وأوسَعُ مِنَ الصَّبرِ) މާނައީ: "ކެތްތެރިކަމަށްވުރެ ރަނގަޅު އަދި ފުޅާ ހަދިޔާއެއް އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. " 

ކެތްތެރިކަމުގެ އަހުލުވެރިންނަށް ތައުރީފުކުރާ އެތައް ޤުރުއާނުގެ އާޔަތްތަކެއް ވެއެވެ. އޭގެތެރޭގައި ސޫރަތު އާލް ޢިމްރާން ގެ 200 ވަނަ އާޔަތުގައި މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴿٢٠٠﴾‏ މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (200)" 

ކެތްތެރިކަމުގެ ބައެއް ފައިދާތައް: 

·      އާޚިރަތުގައި އެންމެ ބޮޑު ޘަވާބު ލިބިގެންދިޔުން. މާތް ﷲ ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴿١٠﴾‏ މާނައީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. (10)" 

·      މާތް ﷲގެ ލޯތްބާއި ރުއްސެވުން ޙާޞިލުވުން. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އާލް ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ ﴿١٤٦﴾‏ މާނައީ: " ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (146)" 

·      ހިތުގައި ހިދާޔަތާއި، ނަފްސުގެ ހިތްހަމަޖެހުން ޙާޞިލުވުން 

·      ﷲ ތަޢާލާގެ އެހީތެރިކަން އެއަޅަކާއެކުވުން. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ﴿١٥٣﴾‏ މާނައީ: " ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (153)" 

·      ކެތްތެރިމީހާގެ މައްޗަށް الله ގެ ރަޙްމަތާއި ރަޙްމަތާއި ބަރަކާތް ލެއްވިގެންވުން. މާތް ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 157 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ﴿١٥٧﴾‏ މާނައީ: " އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. (157)"

·      ދީނުގައި ލީޑަރޝިޕް ބަރޯސާވެފައިވަނީ ކެތްތެރިކަމުގެ މައްޗަށެވެ . މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ސަޖިދަ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ ﴿٢٤﴾‏ މާނައީ: އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ.

އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ. (24)" 

·      ދުޝްމަނުންގެ ރޭވުންތަކުން ކެތްތެރިކަމުގެ އަހުލުވެރިން ސަލާމަތްވުން. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އާލް ޢިމްރާން ސޫރަތުގެ 120 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ ﴿١٢٠﴾‏ މާނައީ: ” އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (120)" 

·      ދުނިޔޭގައި ބާރުވެރިކުރުމުގެ ވަސީލަތްތައް ހޯދުން ޔޫސުފްގެފާނުގެ ކެތްތެރިކަމާއި ތަޤްވާވެރިކަމަށްފަހު ދިމާވި ފަދައިން. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ޔޫސުފް ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ﴿٩٠﴾‏ މާނައީ: "ހަމަކަށަވަރުން، تقوى ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ. (90)" 

·      އީމާންތެރިކަމުގެ އިޚްލާޞްތެރިކަމާއި ޙަޤީޤަތް އިމްތިޙާނުކުރެއްވުން. މާތް ﷲ އާލް ޢިމްރާން ސޫރަތުގެ 142 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ ﴿١٤٢﴾‏ މާނައީ: " ތިޔަބައިމީހުންގެ ތެރެއިން جهاد ކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ (142)" 

·      އީމާންތެރި މީހުންނަށް އެހީތެރިކަންލިބި، މިދުނިޔޭގެ ޙަޔާތުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ދަތިތަކާއި ތަޙައްމަލުކުރުމުގައި އެހީތެރިކަން ލިބުން. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾‏ މާނައީ: " އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"

Advertisement

ކޮމެންޓް ކުރެއްވުމަށް