އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
އޭނާއަކީ އެކަނިވެރި މައެއްގެ ގޮތުގައި އިނދެ ބުރަ މަސައްކަތްކޮށްގެން 5 ދަރިން ގެންގުޅެ ބޮޑުކޮށް ކިޔަވައިދިން ފަޚުރުވެރި މަންމައެކެވެ. މުސްކުޅިވެ އަތްމަތި ދަތިވުމުންވެސް ކުދިންނަކަށް އުނދަގުލެއް ނުކުރެއެވެ. އޭނާގެ އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ފުއްދާލައިގެން އުޅެމުން އައި މަންމައެކެވެ.
މަންމަގެ 60 ވަނަ އުފަންދުވަސް ފާހަގަކުރަން ކޮންމެ ކުއްޖަކުވެސް ދިއައީ މަންމައަށް ހަދިޔާއެއް ހިފައިގެންނެވެ. ކޮންމެ ކުއްޖަކުވެސް ހަދިޔާދީފައި ސޯފާގައި އިށީނީއެވެ. އެންމެ ފަހުން އައީ އެންމެ ހަގު ދަރިފުޅެވެ. އޭނާ އައިސް ހަދިޔާއެއް ނުދެއެވެ. ގެނައި ދަބަސް ބަހައްޓާފައި ގޮސް މަންމަގެ ގައިގައި ބައްދާލައި ފިރުމާލައިފައި ގޮސް އިށީނުމުން މަންމަ އެންމެ ބޮޑަށް ސަމާލުކަން ދިނީ ހަގުދަރިފުޅަށެވެ.
ދެންތިބި ދަރިންނަކަށް އެކަން ބަލައެއް ނުގަނެވުނެވެ. ހަދިޔާއެއް ނުގެނައުމުންވެސް ކޮއްކޮއަށް އެހައިބޮޑު ސަމާލުކަމެއްދިން ސަބަބާއިމެދު ސުވާލުކުރުމުން މަންމަ ބުންޏެވެ. "ތިއަ ދަރިންނަށް އަދިވެސް ނުވިސްނޭތީ ވަރަށް ދެރަވަމެވެ. މަންމަ މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ހަދިޔާއެއް ނޫނެވެ. މަންމައަށް ޚަރަދުކުރަންޖެހުނީމާ އެކަމެއް ކޮށްލައިދެނިކޮށް ކަންމައަށް އެނިމުނީއެވެ. މަންމަ ތިއަކުދިންގެ ކިބައިން ބޭނުންވަނީ ލޯތްބާއި އަޅައިލުމެވެ. މަންމަގެ ގައިގައި ފިރުމާލަދިނުމެވެ. 5 ކުދިންގެ ތެރެއިންވެސް އެކަން އެކުރެވުނީ ކޮއްކޮއަށެވެ. މިހާރު ވިސްނޭނެ ކަމަށް ހީކުރަމެވެ."
ކޮއްކޮ ބުންޏެވެ. "އަހުރެންވެސް ހަދިޔާއެއް ގެނައިމެވެ. ދަބަހުގައި އުންނާނެއެވެ. ހަދިޔާދީގެން މަންމަގެ ރުހުން ހޯދަން އުޅުން އަހުރެންނަށް އެހައި މުހިންމެއް ނޫނެވެ. އެހެންވެ ދާން ނުކުންނަމުން ދޭން ބޭއްވީއެވެ. އެކަމަކު ތިއަވީ ގޮތުން ހަދިޔާ މިދެނީއެވެ." އެހެން ބުނެފައި ނަގައި ޗެކެއް ދިއްކޮށްލިއެވެ. އެއީ ދަތިނުވެ މަންމައަށް އަހަރެއްހައި ދުވަހު އުޅެވޭނެ ވަރުގެ ފައިސާއެވެ. އެކަން އެނގުމުން 4 ބެއިން ލަދުން އިސްދަށަށް ޖަހައިލިއެވެ. އެ4 ކުދިންނަށްވުރެ މާފަޤީރު ޙާލުގައި އުޅެމުންވެސް ކޮއްކޮ ދިން ހަދިޔާގެ އަގުބޮޑުވީމައެވެ.
ލޮބުވެތި ދަރިންނޭވެ! މިވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! މުސްކުޅިވާދުވަހުން މައިން ބޭނުންވާނީ ފައިސާ އެކަންޏެއް ނޫނެވެ. ފައިށާވެސް ބޭނުންވާނެއެވެ. ނަމަވެސް ފައިށާއަށްވުރެ ބޮޑަށް ބޭނުންވާނީ ލޯތްބާއި އަޅައިލުމެވެ. ހިނިތުންވުމާއި ފިރުމައިލުމެވެ.
Advertisement
4 ޖޫން 2025