އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު
ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެނައި އަނބިމިހާއަކީ ވަރަށް ރަނގަޅު ޅީދަރިފުޅެކެވެ. ފިރިމީހާއަށް ޚިދުމަތްކުރުމުގެ އިތުރުން ގޭގެ މަސައްކަތްތައްވެސް ކޮށްދެއެވެ. ނަމަވެސް މައިދައިތައަކަށް އޭނާ ކަމަކު ނުދިއައެވެ. އޭނާއަށް ކުރެވޭ ކުދިކުށްތައް އެއީ ބޮޑުކަމަކަށް ހަދައި އަބަދު ޝަކުވާކުރާތީ ވަރިކޮށް ފޮނުވައިލިއެވެ.
ދެވަނައަށް ގެނައި އަނބިމީހާވީ މުޅިން ތަފާތު އަންހެނަކަށެވެ. ޢޭނާ ބުނަނީ ގޭގެ އެއްވެސް މަސައްކަތެއް ކުރާނީ ކުރަން ބޭނުންވާ ދުވަހަކު ކަމަށެވެ. އަދި އެކަމަށް މަޖުބޫރުނުކުރެވޭނެ ކަމަށެވެ. ކައިވެނިކުރީވެސް ޢާއިލާގެ ނޯކަރަކަށް ނުހަދާނެކަމަށް އެއްބަސްވުމުން ކަމަށެވެ.
ދަރިފުޅު ގާތުގައި އެކަމުގެ ޝަކުވާކުރުމުން ބުންޏެވެ. "މަންމާއެވެ! އަހުރެން ނުހަނު ލޯބިން ހޯދި އަނބިމީހާވެސް ފޮނުވާލަންޖެހުނީ މަންމަގެ ޝަކުވާތައް ގިނަވެގެންނެވެ. ވީމާ ދެން އަހުރެން ބުނާނީ މިއަނބިމީހާ ގޮވައިގެން އުޅެވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ދުވަހަކު އަންހެނަކާއި ކައިވެނިކުރުމަކީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟"
މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! އެމަންޖެޢާއިމެދު ގޯސްކޮށް ކަންކަން ކުރެވުނީ މަންމައަށް ކަމަށް ޤަބޫލުކުރަމެވެ. މަންމަ ގޮސް އޭނާގެ ކިބައިން މާފަށްވެސް އެދިއްޖައިމެވެ. އޭނާ ހުރީ އަދިވެސް ދަރިފުޅުގެ އިންތިޒާރުގައެވެ. އެމަންޖެ އަނބުރާ ގެނެސްދޭށެވެ!"
މިހުންނަނީ އައުވާހަކަތަކެއް ނޫނެވެ. އަބަދުހެން އަޑުއިވޭ ވާހަކަތަކެވެ. އަބަދުހެން ތަޖުރިބާކުރަންޖެހޭ ކަންތައްތަކެވެ. ވީމާ ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެންނަ ޅީދަރިފުޅުގެ ކިބައިން ކިރިޔާ ނުވަތަ ކިތަންމެ ކުޑަ ކުށެއް ފެނުނަސް ރުޅިއިސްކޮށް އެއްޗެތިގޮވާ މައިދައިތައިން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ.
ޅީދަރިން މައިދައިތައިންނަށް ހެޔޮކޮށް ހިތާނީ އެމީހުންގެ އަގު ވަޒަންކުރާވަރަކުންނެވެ. މައިދައިތައަސް ބޭނުންވާ ކަމަކު ބުނުމާއި ގޭގެ ހުރިހާ މަސައްކަތެއް ކުރުވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އެކަން ޤަބޫލުނުކުރެވޭނަމަ ޅީދަރިންގެ ކިބައިން ލިބެން ބޭނުންވާ އެއްބާރުލުމެއް ނުލިބޭނެއެވެ. ގިނަވާނީ މާބޮޑަށް ޕްރެޝަރު ބޮޑުކުރާނަމަ އެއްވެސް ކަމެއްކޮށްނުދޭނެ އަންހެނުންނެވެ.
ހަމައެއާއިއެކު މާބޮޑަށް ޕްރެޝަރު ބޮޑުކުރާނަމަ ފެންނާނީ ފިރިމީހާ ގޮވައިގެން ގެއިން ނުކުމެގެންދާތަނެވެ! ފިރިމީހާ ނުދިއަނަމަ އަމިއްލައަށް ނުކުމެގެންދާނީއެވެ! ދެން ގެންނަ އަނބިމީހާގެ ކިބައިން ކުރިމަތިވާނެ ކަންކަން އޮންނާނީ މާބޮޑުވެފައެވެ! ދެރައީ މިއީ އަންހެނުންވެސް ކިޔަވައި ހޭލުންތެރިވެގެން ތިބި ޒަމާނެއްކަން ބައެއް މައިދައިތައިންނަށް ނުވިސްނޭ ކަމެވެ.
Advertisement
4 ޖޫން 2025