އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު
އަޅުގަނޑަކީވެސް މައިންބަފައިންގެ ފުށުން ކިތަންމެ ކުޑަ ނަމަވެސް ބޯހިޔާވަހިކަން ލިބިގެންހުރި އަންހެނަކީމެވެ. ވީމާ އެކަމުގެ ކަންބޮޑުވުމެއް ނެތެވެ. ކައިވެނިކުރީވެސް ފިރިމީހާގެ ތަނަވަސްކަމަށާއި ގެދޮރަށް ބަލައިގެނެއް ނޫނެވެ.
ކައިވެންޏަށްފަހު ފުރަތަމަ އުޅެންފެށީވެސް އަޅުގަނޑުގެ ކޮޓަރީގައެވެ. ފިރިމީހާގެ އިތުރުން އޭނާގެ ޢާއިލާގެ މީޙުންގެވެސް އެދުމުގެމަތީން ފިރިމީހާގެ ގެއަށް ބަދަލުވީ އެގެއަކީ ތަނަވަސް، ބޮޑު ގެއަކަށްވުމުން ތަންކޮޅެއ ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް ކަންކަން ވެގެންދިއައީ ހީވެސްނުކުރާފަދަ ގޮތަކަށެވެ.
އެގޭގައި ކަމަކަށް އޮންނަނީ ފިތުނަ އުފެއްދުމެވެ. ދެބައުޑުވުމާއި ނެތިމޮށުމެވެ. މަލާމާތާއި ފުރައްސާރަކުރުމެވެ. އެހެންވެ ހިތްހެޔޮކަމާއިއެކު ބައްދަލުކޮށް ހިނިތުންވެލާ ހަމައެކަކުވެސް ނުއުޅޭކަމަށް ބުންޏަށް އެއީ ގޮގަކަށް ނުވާނެއެވެ.
އަޅުގަނޑު މަސައްކަތްކުރީ އެކަންކަން ނުކުރާށެވެ. އެފަދަ ވާހަކަތަކުގައި ބައިވެރިވެސްނުވާށެވެ. އެކަންވެސްވީ މައްސަލައަކަށެވެ. ބައެއް ފަހަރު އަލުގަނޑަކީ ބޮޑާ މީހަކަށް ހަދައެވެ. އަނެއްބައި ފަހަރު އަޅުގަނޑު އުޅެނީ ވަކިވެގަނެގެން ކަމަށާއި އެއީ ގެއިން ބައެއް އަވަހަށް ހޯދަންވެގެންކަމަށްވެސް ބުނާނެއެވެ.
މިފަދަ އަޑުތައް އިވޭ ކޮންމެފަހަރަކުވެސް ދެރަވެ ކަރުނައަޅަމެވެ. ނަމަވެސް އަޑުއިވުނުކަމަކަށް ނުހަދަމެވެ. ގޮސްވަންނަނީ ކޮޓަރިއަށެވެ. ހަމަޖެހިލައިގެން ސުންނަތުގައިވާ ފަދައިން ވުޟޫކޮށްލައި 2 ރަކްޢަތް ނަމާދެއްކޮށްލަނީއެވެ. ސަޖިދައިގައި އޮވެ ހިތަށް ހަމަޖެހުން ލިބެންދެން ދުޢާކުރަނީއެވެ. އިރާދަކުކުރެއްވީތީ ކެތްތެރިވެލުމުގެ ހިތްވަރު ލިބެއެވެ. އެހެންވެ ފިރިމީހާ ގާތަކުވެސް އެކަންކަމުގެ ވާހަކަ ދައްކައި ޝަކުވާކޮށެއް ނުހަދަމެވެ. ޝަކުވާ ނުކުރި ނަމަވެސް އޭނާއަށްވެސް ގޭތެރޭގައި ކަންކަން ހިނގަމުންދާ ގޮތް، ނުވަތަ ހިނގާ ކަންކަން އެނގެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް 2 އަހަރުވެއްޖެއެވެ. ދަރިއަކު ލިބިއްޖެއެވެ. އެފަދަ މާޙައުލެއްގައި ދިރިއުޅުމަކީ ވަރަށް ބޮޑު މުޞީބާތަކަށްވެއްޖެއެވެ. އެވަރުންވެސް ބަހެއް ނުބުނެ ހުއްޓައި އެއް ދުވަހަކު އެގޭގެ ދެބެއިންނާއި ފަހަރިއަކު ވަރަށް ހަޑިކޮށް އެއްޗެތިކިއެވެ. ދެރަވީވަރުން އާދައިގެމަތިން ކޮޓަރިއަށްވަދެ ނަމާދުކުރީމެވެ.
ސަޖިދައިގައި އޮއްވައި ކޮޓަރީގެ ދޮރުހުޅުވަމުން އަޅުގަނޑު ނަމާދުކުރަނީކަން އެނގުމުން އެކަމަށްވެސް އެއްޗެތިގޮވިއެވެ. "ދެން މިގަޑީގައި ކޮން ނަމާދެއްކުރާކަށް ހެއްޔެވެ؟ އެއުޅެނީ ދުޢާކޮށްގެން މިގެއިން އަހުރެމެން ބޭރުކޮށްލެވޭތޯއެވެ!" ފަދަ ބަސްތައްވެސް ބުންޏެވެ.
އެއަޑުތައް އިވުމުން ފުރަތަމަ ފަހަރަށް ދުޢާކުރީމެވެ. "ޔާ ﷲ! މިގެއިން މިއަޅާ ނެރުއްވަވާނދޭވެ! މިމީހުންގެ ނުބައިބަސްތަކުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ!" އެއިގެ ކުރިން ދުވަހަކުވެސް އެގެއިން ނުކުމެވޭނެ ގޮތެއްވުން އެދިގެން ދުޢާއެއް ނުކުރަމެވެ.
ހަމަ އެދުވަހު ހަވީރު ބޭބެ ގެއަށް އައިސް ބުނީ ބޭބެއަށް ހުޅުމާލެއިން ފްލެޓެއް ލިބިގެން މާދަމާ ބަދަލުވަނީ ކަމަށާއި ގެއަޅުގަނޑަށް ދިނީ ކަމަށެވެ. ހަގަށްހުރި ކޮއްކޮވެސް ބޭނުންވަނީ ގެއެކުގައި އަޅުގަނޑަށް ދޭން ކަމަށާއި އެހެންވީމާ ގެއިން ނުކުމެފައި ގޭގައި ކުލަލައި ރީތިކޮށްދިނީމާ ގެއަށް ބަދަލުވުމަށެވެ. އަދި އެކަމަށް ފިރިމީހާގެ ރުހުން ހޯދުމަށެވެ.
ބޭބެ އެވާހަކަތައް ދެއްކުމުން އުފަލުން ރޮވުނެވެ. ބޭބެގެ ގައިގައި އޮޅުލައިގަނެވުނެވެ. ރޮވުނުވަރުން އަޅުގަނޑު އުޅެނީ ހިތްދަތި ޙށާލުގައިކަން ބޭބެއަށް ވިސްނުނެވެ. ނަމަވެސް ބަހެއް ނުބުނެ ދިއައީއެވެ. އަޅުގަނޑުވެސް އިތުރު ވާހަކައެއް ނުދައްކަމެވެ.
ކޮންމެއަކަސް ހަފްތާއެއްވީއިރު އިނީ ގޭގައެވެ. ގެއަކީ 4 ކޮޓަރީގެ ކުޑަކުޑަ ގެއެކެވެ. އެކަމަކު ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ. އަމިއްލަ މިނިވަންކަމުގައި އުޅުމުގެ ފުރުޞަތު ލިބުނީތީއެވެ. އެފަދަ ނުބައި މާޙައުލަކުން ސަލާމަތްވެވުނީތީއެވެ. ފރިމީހާއަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
އަޅުގަނޑު މިވާހަކަ މިކިޔައިދިނީ މާގިނަ ވާހަކަ ބުނާކަށް ނޫނެވެ. އަޅުގަނޑަށް އެގޭގައި އުޅެންޖެހުނު ފަދަ ހިތްދަތިކަމުގައި އުޅެންޖެހިއްޖެނަމަ އަޅުގަނޑު ޢަމަލުކުރި ގޮތަށް ޢަމަލުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން ބުނެލުމަށެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ފިލާވަޅެއްކަމަށް ދެކެމެވެ.
- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
7 ޖޫން 2025