އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް މިއަދު ހަވީރު 4:00 ގައި ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި މި އައު މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އެއަރޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރުމަށްފަހު، ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓަރ ސެލިއުޓެއް ދެވުނެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 5 ވަނަ މަތިންދާ ބޯޓެވެ.
މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްޞަ ހަފްލާއެއް މިއަދު ވަނީ ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް، އަދި އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، "މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުން."
މި އައު މަތިންދާބޯޓާއެކު، މޯލްޑިވިއަންގެ ފްލީޓު އިތުރަށް ވަރުގަދަވެ، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރެވެއެވެ. މީގެއިތުރުން، މި ފިޔަވަޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ބެލެވެއެވެ.
Advertisement
7 ޖޫން 2025