އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
ވަރަށް އަސަރާއިއެކުވެސް ބުނަން ޖެހެނީ ޒުވާން ޢުމުރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެކަމަށް މަސައްކަތްކުރާ ޒުވާނުންވެސް އެބަ ތިއްބެވެ. ނަމަވެސް ގިނައީ އެކަމަށް ސަމާލުކަން ނުދޭ ޒުވާނުންކަމަށްވާތީ ހިތާމަކުރަމެވެ.
ލޮބުވެތި ޒުވާނުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވާނެ ޢުމުރެއް ނުއެނގޭނެއެވެ. ނަމަވެސް ޔަޤީންކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ޤިޔާމަތްދުވަހު ހުއްޓިހުންނަންޖެހޭ ފިޔވަޅުމަތިން ގުޑައިލެވޭނީވެސް ޒުވާން ޢުމުރު ހޭދަކުރި ގޮތުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާފައިކަމެވެ.
ތިރީގައިވާ ޙާދިށާގެވާހަކަ ވިދާޅުވެލައްވާށެވެ! އަދި ފުރުޞަތުއެބައޮތެވެ! އުޅުން އަވަހަށް އިޞްލާޙްކޮށްލާށެވެ!
މިއަދު ގިނަ ބައަކު ބުނާ ގޮތުގައި ފަތިސް ނަމާދަށްވެސް ނުހޭލައި އަދި އެހެންވެސް އަޅުކަން ނުކޮށް މަޑުކުރަނީ ޢުމުރުން ދުވަސްވުމުން އެކަންކަން ކުރުމަށެވެ. އެހެންވެ ފިލާވަޅެއްގެ ގޮތުން މިކިޔައިދެނީ 19 އަހަރުގެ ޒުވާނަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ.
އެއީ އާދައިގެ ޒުވާނެއްވެސް ނޫނެވެ. ވަރަށް ރީތިކޮށް ޤުރްއާން ކިޔަވައި މިސްކިތުގައި އިމާމްވެ ނަމާދުކުރާ ޙާފިޛެކެވެ. އިމާމް ބަލިވެއުޅުނު ދުވަހަކު ޢިޝާ ނަމާދު ނިމިގެން ޒުވާނާ ގާތުގައި ބުނީ އޭނާގެ ބަލި ޙާލުހުރި ގޮތުން ފަތިސްނަމާދަށް ނާދެވިދާނެކަމަށާއި ވަޤުތުވުމުން ބަންގިގޮވައި އިމާމްވެ ނަމާދުކޮށްލުމަށެވެ.
ކޮންމެއަކަސް ޒުވާން ޙާފިޛް ގެއަށް ގޮސް މައިންބަފައިންގެ ގާތުގައި އެވާހަކަ ބުންޏެވެ. ނުހޭލެވި އޮވެއްޖެނަމަ ގޮވައި ހޭލައްވައި ދިނުމަށް އެދުނެވެ. ކަންދިމާވިގޮތުން ޒުވާނާއަކަށް ނުހޭލެވުނެވެ. ބައްޕަ ގޮސް ގޮވުމުންވެސް ޚަބަރެއް ނުވުމުން ގައިގައި އަތްލައި ބެލިއިރު ދަރިފުޅު އޮތީ މަރުވެފައެވެ. ދުނިޔެއާއި ވަކިވެ އާޚިރަތަށް ދަތުރުކޮށްފައެވެ.
އިން ޝާ ﷲ އެޒުވާނާއަށް ހުރީ އުފާވެރިކަމެވެ. އޭނާއަށް އެލިބުނީ ރަނގަޅު ނިމުމެކެވެ. މަރުވެގެން އެދިއައީ ޙާފިޛެއްގެ ގޮތުގައެވެ. އިމާމެއްގެ ގޮތުގައެވެ. އަދި އިމާމްކަމާއި ޙަވާލުވެގެންވެސް އޮއްވައެވެ. ފަތިސްނަމާދަށް ހޭލައި ބަންގިގޮވައި އިމާމްވެ ނަމާދުކުރުމުގެ މަތިވެރި ނިޔަތުގައި އޮއްވައެވެ.
ދެން އަހުރެން ތިއަ ޒުވާނުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ އެޒުވާނާ ފަދައިން ޢަމަލުކުރާ ކިތައް ޒުވާނުން މިތަނުގައި އެބަތިބިހެއްޔެވެ؟ މިވަގުތު މަރުވާންޖެހުނު ނަމަވެސް ކަންބޮޑުވުމެއް ނެތި އުފަލުގައި ރަނގަޅު މަރަކުން މަރުވެވޭނެކަމަށް އުންމީދުކުރާ ކިތައް ޒުވާނުން މިތަނުގައި އެބަތިބި ހެއްޔެވެ؟
ލޮބުވެތި ޒުވާނުންނޭވެ! އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ކޮންމެ ޢުމުރެއްގައި އަދި ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ކަމުގައި ޤަބޫލުކޮށްގެން ކަންކަން ކުރަމުން ގެންދާށެވެ. ފަތިސްނަމާދާއި އެހެންވެސް ނަމާދުތަކާއި އަޅުކަންކުރުމަކީ ޢުމުރުން ދުވަސްވުމުން ކުރަން ބާއްވާ ކަމަކަށް ނުހަދާށެވެ! އަބަދުވެސް މިބުނާ ފަދައިން އެއްވެސް މީހަކު މަރުވާނީ ކޮން ވަޤުތަކުކަމެއް ނުއެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
14 ޖޫން 2025