އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ލޯބިވެރިންކަމަށްވީނަމަވެސް އަދި އިތުރުމީހަކާއެކުނަމަވެސް ކައިވެނީގެ ކުރިން ޒިނޭކުރެވިފައިވާނަމަ ކައިވެނިކުރާއިރު ސަމާލުކަންދޭންޖެހޭނެ ކަންކަން-

ދެ ލޯބިވެރިންކަމަށްވީނަމަވެސް އަދި އިތުރުމީހަކާއެކުނަމަވެސް ކައިވެނީގެ ކުރިން ޒިނޭކުރެވިފައިވާނަމަ ކައިވެނިކުރާއިރު ސަމާލުކަންދޭންޖެހޭނެ ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު

ލޯބިވެގެން ރަނގަޅު ގޮތުގައި އުޅެވެނީ މަދު ބައަކަށެވެ. މިހެން ބުނަންޖެހެނީ ކައިވެނިކުރެވެންދެން ކެތްތެރިވެވެނީ މަދުބައަކަށް ކަމަށްވާތީއެވެ. ގިނަ ބައަކަށް އޮންނަނީ ލޯބިވެވުމާއިއެކު ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ތިބެ ކުރަން ފެށިފައި ކަމަށްވާތީއެވެ.  

ތިރީގައިވާ ސުވާލަކީ ތަކުރާރުކޮށް ލިބެމުން އަންނަ ސުވާލަކަށްވުމުން މިކަމުގެ ޙުކުމްތައް ވީހާ ގިނަ ބައަކަށް އެނގުމަކީ ވަރަށް މުހިންމު ކަމަކަށްވާތީ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް ލިޔުމުގައިވާ ޖަވާބުން ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގެންނަވާނެއެވެ.   

އަޅުގަނޑުގެ އަނބިމީހާ އަކީ އަޅުގަނޑު ކައިވެނި ކުރުމުގެ ކުރިން އެހެން ފިރިހެނަކާއި އެކު ޒިނޭ ކޮށްފައިވާ މީހެކެވެ. އަދި ކައިވެނި ކުރުމުގެ ކުރިން އަޅުގަނޑާއި އެކުވެސް އެގުޅުން ހިންގުނެވެ. އަޅުގަނޑުގެ ކައިވެނި ސައްޙަ ވާނެތޯއެވެ. އަޅުގަނޑު ކައިވެނި ކުމުގެ ކުރިން ތައުބާވީމެވެ. ނަމަވެސް ދީނީގޮތުން މިކަމުގައި އޮތްގޮތް ސީދާ އަޅުގަނޑަށް ނޭގެއެވެ. އަޅުގަނޑަށް މިކަން ސާފު ކޮށްދެއްވާށެވެ؟ 

ކައިވެނީގެ ކުރިން ދެމަފިރިންކުރެ މީހާކަށް ޒިނޭކުރެވިފައިވާނަމަ، ކައިވެނި ކުރުމުގެ ކުރިން ދެމީހުންވެސް ތައުބާވާން ޖެހޭނެއެވެ. ޒިނޭކުރާ އަންހެނަކާ ކައިވެނި ކުރުމަކީ މުއިމިން ފިރިހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން ޒިނޭކުރާ ފިރިހެނަކާ ކައިވެނި ކުރުމަކީ މުއިމިން އަންހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

ކައިވެނިކުރި އިރުގައި އަންހެން މީހާ ބަލިވެ އިންކަމަށް ވަނީނަމަ ކައިވެނި ޞައްހާވާނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. 

ޙަނަފީ އަދި ޝާފިޢީ މަޛުހަބުގައި ބަލިވެއިން އަންހެންކުއްޖަކާއި އޭނާ ޒިނޭކުރި ފިރިހެނާ ކައިވެނިކުރުން ހުއްދައެވެ. އެހެންނަމަވެސް އެނޫން މީހަކަށް އެކުއްޖަކާއި ކައިވެނިކުރެވޭނީ އޭނާ ވިހެއުމަށްފަހުގައެވެ. 

އެހެން ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަލިވެއިން އަންހެންކުއްޖަކާއި ކައިވެނީގެ ޢަޤުދެއް ނުކުރެވޭނެއެވެ. ވުމާއެކު މިކަމުގައި އެންމެ ރައްކާތެރިކަންބޮޑު ގޮތަކީ ވިހެއުމުގެ ކުރިން އަނބިފިރިކަމުގެ ގުޅުން ނުހިންގާ މަޑުކުރުމެވެ. އަދި ވިހެއުމަށްފަހުގައި ކައިވެނީގެ ޢަގްދު އާކުރުމެވެ. 

ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. ކައިވެނިކުރި އިރުގައި އަންހެންކުއްޖާ އިނީ ބަލެވެ ކަމުގައިވީނަމަވެސް މެއެވެ.  މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު އެއްދާންކުރި ކަމަށް ދަޢުވާކުރިކަމުގައިވީނަމަވެސް މެއެވެ. 

އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر)މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ.( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ. 

ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ-ރަޙިމަހުމު ﷲ- ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ. 

އަލްއިމާމް އަބޫޙަނީފާ-ރަޙިމަހު ﷲ- ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ. 

ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް