އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު
ދަތިޙާލުގަ އުޅެންޖެހުމުންވެސް ލޯބިވާކަން ޢަމަލުން ދައްކައިދިން އަންހެނަކަށް އޭނާގެ ލޯބިވެރިޔާ އެނގެނީ ވަޑާންކުރާ މީހެއްގެ ގޮތުގައެވެ. އޭނާގެ އަމިއްލަ ކުޑަވަރެއްގެ ވަޑާންގެއެއް ހިންގާ ކަމެވެ. އެހެންކަމާއިއެކުވެސް ލޯބިވެރިޔާ އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ.
އެހެންވެ ދެމީހުން ކައިވެނިކުރުމުގެ ކަންކަން ނިންމައި އެންމެ ފަހު މަރުމަޙަލާގެ ތެރެއިން ކައިވެނިކުރުމުގެ ކުރިން ކުޑަދުވަސްކޮޅަކު ދެމީހުން އެކުގައި ދިރިއުޅެން ނިންމައި ފިރިހެންމީހާގެ ގެއަށް ލޯބިވެރިޔާ ގެންދިއައެވެ.
ގެއަކީ ވަރަށް މުސްކުޅި ގެއެކެވެ. ފަރުނީޗަރެއް ދޮންނަ މެޝިނެއް، ފްރިޖެއް، ޓީވީއެއްވެސް ނެތެވެ. ނިދާނެ އެނދެއްވެސް ނެތެވެ. އޮތީ ގޮދަޑިއެކެވެ. އެއިން އެއްވެސް ކަމަކަށް ލޯބިވެރިޔާ ޝަކުވާއެއް ނުކުރެއެވެ.
ގޭގައި ބައިންދާފައި މަސައްކަތު ގޮސްފައި އެނބުރި އައިއިރު ލޯބިވެރިޔާ ވަނީ އޭނާގެ ފެންވަރުން ބައެއް ތަކެތި ގަނެގެން ގެއަށް ގެނެސްފައެވެ. ބުނީ އަތުގައި ކުޑަ ފައިސާކޮޅެއް ހުރުމުން ކޮންމެހެން ބޭނުންތަކެތި ގަތީކަމަށެވެ.
އެގޭގައި އެދަތިޙާލުގައި ދުވަސްކޮޅަކު އުޅުމަށްފަހު އެއްދުވަހަކު ހެނދުނު ހޭލައިގެން ސައިބޮއެ ހެދުމަށްފަހު ފިރިމީހާ ބުނީ ދެމީހުން އެކުގައި ދުއްވާލަންދާން ބޭނުންވާ ކަމަށެވެ. ލޯބިވެރިޔާ ތައްޔާރުވުމުން ގޮވައިގެންގޮސްވަނީ ވަރަށް ބޮޑު ގެއަކަށެވެ. ޕޯޓިކޯގައި އެންމެ އަގުބޮޑު ކާރުތައްވެސް ޕާކްކޮށްފައި ހުއްޓެވެ. އެތައްބައިވަރު ސެކިޔުރިޓީން ތިއްބެވެ. އެކަމަކު އެއްވެސް މީހަކު އެދެމީހުންނަށް ހުރަހެއް ނާޅައެވެ.
ދޮރުކުރިމައްޗަށް އެރުމާއިއެކު ދޮރުހުޅުވުނެވެ. އެތެރެއަށްވަންއިރު ބޮޑު ގަނޑުވަރެއް ފަދަ ތަނެކެވެ. ޔުނިފޯމް އެޅި މީހުން މަސައްކަތުގައި އުޅެއެވެ. ދެމީހުން ސޯފާގައި އިށީނުމާއިއެކު ޖޫސްގެނެސް ކުރިމަތީގައި ބެހެއްޓިއެވެ.
ފިރިހެން މީހާ ސުވާލުކުރިއެވެ. "މިގެ ކިހިނެއް ހެއްޔެވެ؟" ސުވާލުކުރުމުން ލޯބިވެރިޔާ ހިނިތުންވެލިއެވެ. ޖަވާބެއް ނުދެއެވެ. އޭނާގެ ވިސްނުމަކީ ކިތަންމެ ފުރިހަމަ ގެއެއް ނަމަވެސް އެކަމުން ފައިދާކުރާނީ ގޭގައި އުޅޭބައަކަށެވެ. އެހެންވީމާ ބަހެއް ނުބުނީއެވެ.
ފިރިހެންމީހާ ކިޔައިދިނެވެ. "މިއީ މީހެއްގެ ގެއެއް ނޫނެވެ. މިއަދުންފެށިގެން ތިބާގެވެސް ގެއެވެ. މިއީ އަހުރެންގެ އަމިއްލަ ގެއެވެ. އަހުރެންނަކީ ވަޑިއެއް ނޫނެވެ. ތަނަވަސްކަން ލިބިފައިހުރި ވިޔަފާރިވެރިއަކީމެވެ. އަހުރެންގެ ޙަޤީޤަތް އޮޅުވާލައިގެން މިކުރިކަމަކީ ތިބާ އިމްތިޙާން ކުރުމެވެ. މިހައިތަނަށް އަހުރެންނަށް ލޯބިވެވުނު ކޮންމެ އަންހެނަކުވެސް އަހުރެންނާއި ގުޅެން ބޭނުންވީ ގެއާއި ތަނަވަސްކަންދެކެ ލޯބިވެގެންނެވެ. އެހެންވެ މިގޮތަށް އިމްތިޙާނުކޮށްލަން ޖެހުނީއެވެ. އިމްތިޙާނުން ތިބާ ފާސްވެއްޖެއެވެ. ތިބާގެ އަތުގައި ހުރި މަދުފައިސާކޮޅު ހޭދަކޮށްގެން އެގެއަށް ތަކެތިގަތްކަން އެއީ އަހުރެން ފަޤީރަސް ތިބާ އަހުރެންނާއިއެކު އުޅެން ބޭނުންވާކަން ދައްކައިދިން ކަމެކެވެ. ދަތިޙާލުގައި ޝަކުވާ ނުކޮށް އެގޭގައި ކެތްކުރިކަން އެއީ އަހުރެންދެކެ ލޯބިވާކަން ހާމަވެގެންދިއަ ކަމެކެވެ.
ދެން އޮތީ އަހުރެންގެ ޢަމަލުތަކުން ތިބާދެކެ ލޯބިވާކަން ދެއްކުމެވެ. ކައިވެނިކޮށްދޭ މީހުން މިހާރު އަންނާނެއެވެ. ތިބާގެ ބައްޕައާއި ޢާއިލާގެ މީހުންވެސް އަންނާނެއެވެ. ކޮޓަރިއަށް ދާނީ ކައިވެނިކޮށްގެންނެވެ. އެގޭގައިވެސް ދެމީހުން ދެގޮދަޑީގައި ނިދީ ކައިވެނިނުކޮށް އެބާވަތުގެ ގުޅުމެއް ހިންގަން ބޭނުންނުވާތީއެވެ."
ކައިވެނިކުރެވުނީއެވެ. ދެމީހުންގެ ޒަވާޖީ ހަޔާތް ފެށުނީއެވެ. ދިރިއުޅެމުންދިއައީ އެކަކު އަނެކަކުދެކެ ލޯބިވާކަން ޢަމަލުތަކުން ދައްކަމުންނެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. ފާހަގަކޮށްލަން ބޭނުންވާ ފުރަތަމަ ކަމަކީ ތަނަވަސްކަން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް ތަނަވަސްކަމަށް ލޯބިވެގެން ކުރާ ކައިވެންޏަކުން އުފާވެރިކަމެއް ނުލިބޭނެއެވެ. އުފާވެރިކަން ލިބޭނީ ހިތުގެ އަޑިން ލޯބިވެގެން ކައިވެނިކުރީމައެވެ.
ލޯބިވެއްޖެނަމަ ޢުމުރަށް އެކުގައި އުޅެން ބޭނުންވާކަން ޢަމަލުތަކުން ދައްކާށެވެ! ކުރަން އޮތްކަމަކީ އެކަކު އަނެކަކަށް އަގުބޮޑުހަދިޔާ ދިނުމާއި އަގުބޮޑު ކެއުންތަކަށް ޚަރަދުކުރުމެއް ނޫނެވެ. ދެމަފިރިންގެ ދިރިއުޅުމަށް ފައިދާކުރާނެ ކަންކަން ކުރުމެވެ. އެއިރުން ހަމަ މިވާހަކައިގައި ކަންކަން ހިނގައިދިއަ ގޮތް ފަދައިން އެކަކު އަނެކަކަށް އިތުބާރު ބޮޑުވެ އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެއެވެ. އިން ޝާ ﷲ
--ޝާހިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 ޖޫން 2025