އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
ނަމާދާއި ސަޖިދައަކީ ހުރިހާ ކަމަކަށް އޮތް ޙައްލުކަމަށް ބުނީމާ ޤަބޫލުނުކުރެވޭ މީހުންގެ ގާތުގައި ބުނެލަން އޮތީ އެއީ އަހުރެން ބުނާ ވާހަކައެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ވަޙީއެވެ. ވީމާ އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް މިކަމުގައި ނެތެވެ. އޮތީ ޤަބޫލުކޮށް ޔަޤީންކުރުމެވެ.
ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވެވަޑައިގެންނެވިނަމަވެސް 2 ރަކްޢަތް ނަމާދެއް ކުރެއްވެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަބަދުވެސް އަވަސްވެވަޑައިގެންނެވިކަން އެއީ މިބުނި ބަހަށް އޮތް ދަލީލެވެ.
ހިތްދަތިވިޔަސް އަތްމަތި ދަތިވިޔަސް އެނޫންވެސް ކަންބޮޑުވާންޖެހޭ ކޮންމެ ކަމެއް ދިމާވިނަމަވެސް އޮތް ހައްލަކީ ހަމަ ނަމާދެވެ. ސަޖިދަކުރުމެވެ. ދުޢާކުރުމެވެ. ނަމާދުގެ ސަޖިދައިގަ ނަމާދުން ބޭރުގައިވެސް ހަމަ ދުޢާކުރަންވީއެވެ. ސަބަބުތައް މިކިޔައިދެނީއެވެ.
ދިރިއުޅުމުގައި އަބަދު ކުރިމަތިވާނީ އުފާވެރި ކަންކަމެއް ނޫނެވެ. ގިނަ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާނީ ހިތްދަތިކަމެވެ. ދަތި އުނދަގޫ މައްސަލަތަކެވެ. ކަންބޮޑުވާންޖެހޭ ކަންކަމެވެ. މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ. އަބަދު އުފަލުގައި ހުރެވޭނެ މީހަކު ހަމަ ވަރަށް، ވަރަށް މަދުވާނެއެވެ.
ހިތްދަތިވުމާއި މައްސަލަ ތައް ކުރިމަތިވުމުން ޙައްލުހޯދަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ކުރާ އެންމެ ފުރަތަމަ ކަމަކީ ދެރަކްޢަތް ނަމާދެއްކުރުން ކަމުގައި ހަދާށެވެ. އެނަމާދުގައި ސަޖިދަ ކުޑަކޮށް ދިގުކޮށްލާށެވެ! ތިބާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމުގެ ވާހަތައް ﷲ ތަޢާލާއަށް ދަންނަވާށެވެ. އަދި މީހަކު ތިބާއަށް ދެރައެއް ނުވަތަ ގެއްލުމެއް ދޭން މަސައްކަތްކުރާކަމުގެ ބިރު އުފެދުނު ނަމަވެސް ޢަމަލުކުރަން އޮތީ ހަމަ މިމަގުންނެވެ.
އެންމެ ފުރިހަމަ ދުޢާތައް ހުރީ ޤުރްޢާނާއި ސުންނަތުގައި ޙަދީޘްފުޅުތަކުގައެވެ. އެހުރިހާ ދުޢާތަކެއް އަހަރެމެންނާއި ހަމައަށް އައިސްފައި އެވަނީ ﷲ ތަޢާލާ އެންމެ މަތިވެރިކުރެއްވެވި އިންސާނާ، ލޮބުވެތި ރަސޫލާ، މުޙައްމަދު ﷺ ގެ ދޫފުޅުންނެވެ. ދެތުންފަތްޕުޅު ދެމެދުންނެވެ. ވީމާ އެއަށްވުރެ ފުރިހަމަ ދުޢާތަކެއް ނުފެންނާނެއެވެ.
އެހެނަސް އެމީހަކަށް އެންމެ ފަސޭހަބަހަކުން އެމީހަކު ބޭނުންވާ ކަންކަމުގެ ވާހަކަތައް އެމީހަކަށް އެންމެ ރިވެތިކޮށް ދެންނެވޭ ޢިބާރާތަކުން ދަންނަވާށެވެ! ﷲ ތަޢާލާ ހުރިހާ ބަސްތަކެއް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވެއެވެ.
ކުރިންވެސް ބުނި ފަދައިން މިއީ އަހަރެން ތިއަބައިމީހުންގެ ގާތުގައި ބުނާ ބަސްތަކެއް ނޫނެވެ. ﷲ ތަޢާލާ، އެކަލާނގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަށް ވަހީކުރައްވަވާފައިވާ ބަސްފުޅެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ އެންގެވުމެކެވެ.
"ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙްވިދާޅުވާށެވެ! އަދި ސަޖިދކުރާ މީހުންގެތެރެއިން ކަލޭގެފާނުވެވަޑައިގަންނަވާށެވެ!" (އަލްޙިޖްރް: 98)
އެއަށްފަހު ކުރަން އޮތީ އެންމެ މުހިންމު ކަންތަކެވެ.
"އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ މަރު) އަތުވެއްޖައުމަށްދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އަޅުކަންކުރައްވާށެވެ!" (އަލްޙިޖްރް: 99)
ވީމާ އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކޮށް ސުންނަތް ނަމާދުތައްކޮށް އަދި ތަސްބީޙް ކިޔަންވީ ހަމައެކަނި ކަމެއް ކުރިމަތިވުމަކުންނޫނެވެ. މަރު އައިސް ބައްދަލުކުރަންދެން ހުންނަންވީ އެކަންކަން ކުރުންމަތީގައެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
18 ޖޫން 2025