އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ހަކުރު ބައްޔަކީ ލޭގައި އާދަޔާ ޚިލާފަށް ހަކުރުގެ މިންވަރު މައްޗަށް ދިޔުމެވެ. ލޭގައި ހުންނަ ގްލްކޯޒްތައް ހަށިގަނޑުގެ ޓިޝޫތަކުގައި ރައްކާ ކުރަނީ ގްލައިކޯޖަންއަށް ބަދަލު ކުރުމަށްފަހުގައެވެ. ހަކުރުބަލި ޖެހެނީ ލޭގައި ހުންނަ ހަކުރުގެ ބާވަތްކަމުގައިވާ ގްލުކޯޒް, ގްލައިކޯޖެންއަށް ބަދަލުކޮށްދޭ ހޯމޯންކަމުގައިވާ އިންސުލިން ހަށިގަނޑުގައި ނުއުފެއްދުމުގެ ސަބަބުންނެވެ. ނުވަތަ އުފެއްދިކަމުގައި ވިޔަސް އެ ހޯމޯން ހަށިގަނޑުގައި ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.
ހަކުރުބަލީގެ ސަބަބުން ވަރަށް ގިނަ ގުނަވަންތަކަކަށް ގެއްލުން ލިބެއެވެ. އޭގެ ތެރެއިން މުހިންމު އެއް ގުނަވަނަކީ ލޮލެވެ. ހަކުރު ބަލީގެ ސަބަބުން ލޮލުގެ ކަޅުކަޅީގައި ހުންނަ ލޭހޮޅިތަކަށް ގެއްލުން ލިބެއެވެ. އޭގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. މިހާލަތަށް ޑައިބެޓިކް ރެޓިނޯޕަތީ އޭ ކިޔައެވެ. ބަލީގެ ފުރަތަމަކޮޅު މާބޮޑު އަލާމަތެއް ނުފެނި ހަމައެކަނި ލޯފުސްވެފައި ހުރެދާނެއެވެ. ނަމަވެސް ފަރުވާނުކޮށް ގިނަ ދުވަސްވެއްޖެނަމަ ލޯ އަނދިރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހަކުރުބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ކުރިމަތިވާ މި މައްސަލައަކީ ރައްކާތެރިވެވިދާނެ މައްސަލައެކެވެ. އެގޮތުން ހަކުރު ކޮންޓްރޯލު ކުރުމާއި ގަވައިދުން ކަސްރަތު ކުރުމާއި ރަނގަޅުކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ހަމަ އެގޮތުން ލޭ މައްޗަށް ދާމީހުން ލޭގެ ޕްރެޝަރުކޮންޓްރޯލް ކުރުމާއި ކްލެސްޓްރޯލް މައްޗަށްދާމީހުން ކޮލެސްޓްރޯލް ދަށްކުރުމަކީ މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުވާންޖެހެއެވެ. ލޮލުގެ ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. ހަކުރު ބަލީގެ މީހުން ގައިދުން ލޮލުގެ ޗެކްއަޕް ހެދުމަކީ މުހިންމު ކަމެކެވެ.
Advertisement
18 ޖޫން 2025