އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު
އެކުގައި ދިރިއުޅެމުންދާއިރު ޚިޔާލުތަފާތުވާ ކަންކަން ކުރިމަތިވާނެއެވެ. އެފަދަ ޙާލުގައި އެންމެންގެ ވިސްނުން އެއްގޮތްނުވުމާއި ވިސްނުމާއި ކެތްތެރިވެވޭ މިންވަރު ތަފާތުވުމުން އެކަކަށް ބާރަށް ބަހެއް ވެސް ބުނެވިދާނެއެވެ. އެޙާލަތުގައި ރައްދުނުދޭށެވެ. ރައްދު ދިނުމުން ބަދަލުވެގެންދާނީ ޒުވާބަކަށެވެ. އެއީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި ލޯބި ކެނޑިގެންދާ ކަމެކެވެ.
ދުނިޔޭގެ ދިރިއުޅުމުގައި އެފަދަ ކަންކަން މެދުވެރިވިނަމަވެސް ދެމަފިރިންނަށް ސުވަރުގެއިން ބައްދަލުވެވޭއިރު ކަންކަން މުޅިން ތަފާތުވާނެއެވެ. އެއްވެސް މިންވަރަކަށް ރުޅިވެރިކަމެއް ނުހުންނާނެއެވެ. ނުބައި އެންމެ ބަހެއްވެސް ނުބުނާނެއެވެ. ވީމާ މިދުނިޔޭގައި ބައިވެރިޔާއަށް ބުނެވޭބަހަކުން އެހައި ބޮޑަށް ކަންބޮޑުނުވާށެވެ.
އޭނާގެ އަނބިމީހާއަކީ އަބަދުވެސް ޒުވާބުކުރާ އަންހެނެކެވެ. ރުޅިގަދަ އަންހެނެކެވެ. ދެމަފިރިން އެކުގައި 60 އަހަރު ދުނިޔޭގައި އުޅެފައި އަނބިމީހާ ނިޔާވީއެވެ. ވަޅުލައި ނިމިގެން އިމާމް ދުޢާކުރެއްވިއެވެ. ދެމަފރިން އެކުގައި ސުވަރުގޭގައި ލެއްވެވުން އެދިއެވެ.
އެވަގުތު ފިރިމީހާ ބުންޏެވެ. "އިމާމްއެވެ! މެދުކެނޑުމެއް ނެތި ޒުވާބުކުރާތާ 60 އަހަރުވީއެވެ. ކެތްކޮށްގެން މިހުރީއެވެ. އަދި ސުވަރުގޭގައިވެސްވީ އެޒުވާބުކުރުމުގެ ތެރޭގައި އުޅެންތޯއެވެ؟"
ޖަވާބުގައި އިމާމްވިދާޅުވިއެވެ. "ކެތްތެރިވާށެވެ! ސުވަރުގޭގައި ކަންކަން މުޅިން ތަފާތުވާނެއެވެ. ރުޅިވެރިކަމާއި ޒުވާބުކުރުމަކީ ސުވަރުގޭގައި އޮންނަ ކަމެއް ނޫނެވެ. އެންމެންވެސް އުޅޭނީ ލޯބިން ހިތްފުރިގެންނެވެ."
އެހެންވާހަކައެއްވެސް ކިޔައިދޭނަމެވެ.
އޭނާގެ ފިރިމީހާއަކީ ރަނގަޅު ހެޔޮ މީހެކެވެ. ނަމަވެސް ވަރަށް ރުންކުރު މީހެކެވެ. ކިރިޔާކަމެއްވާއިރަށް ޒުވާބުކުރަން ފަށައެވެ. ކަންދިމާވިގޮތުން ކައިވެންޏަށް 10 އަހަރުގައި ފިރިމީހާ މަރުވެއްޖެއެވެ. މަރުވިކަން އެނގޭއިރަށް އަނބިމީހާ ދުޢާކުރިއެވެ. "ޔާ ﷲ! ސުވަރުގެއިން ދެމީޙުން ބައްދަލުވެ އެކުގައި ލައްވަވާނދޭވެ!
އެކުވެރިންގެ ގާތުގައި އެވާހަކަ ބުނުމުން ސުވާލުކުރިއެވެ. "ސުވަރުގޭގައިވެސް އުޅެން ބޭނުންވަނީ އަބަދު ރުންކުރުވެފައި ހުންނަ ޒުވާބުކުރާ މީހަކާއިއެކުގައި ހެއްޔެވެ؟|" ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ކަލޭމެންނަށް ސުވަރުގޭގެ ކަންކަން ނުއެނގެނީއެވެ. އަވަހަށް ދަސްކުރާށެވެ!"
ކޮންމެ މުސްލިމަކުވެސް މަސައްކަތްމިކުރަނީ ސުވަރުގެދިއުމަށެވެ. ނަމަވެސް ގޭތެރޭގައި ޢާއިލާގެ މީޙުންނަށްވެސް ބުނަނީ ނުބައިބަސްތަކެވެ. ގޭތެރެ ގުގުމާލާފައި ހުންނަނީ ޒުވާބުކުރާއަޑުންނެވެ. މިއީ ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހުން ވިސްނައިލަން ޖެހޭނެ ކަމެކެވެ. އެހެނީ ސުވަރުގޭގައި މިކަންކަން މުޅިން ތަފާތެވެ. އެއްވެސް ކަމަކާއި ހިތްހަމަނުޖެހިގެން އުޅޭކަށް ހަމައެކަކަށްވެސް ނުޖެހޭއެވެ. އެންމެންވެސް އަބަދުވެސް ތިބޭނީ އުފަލުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.
"ބޭކާރު ބަސްތަކެއްވެސް އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް އެތާކު (ސުވަރުގޭގައި) އެއުރެންނަކަށް ނީވޭނެތެވެ. (25) އެކަމަކު (އެއުރެންނަށް އިވޭނީ) ސަލާމްހުއްޓޭ، ސަލާމް ހުއްޓޭ ބުނެވޭ އަޑެވެ." (26) (އަލްވާޤިޢާ: 25،26)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
19 ޖޫން 2025