އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
ހޭލުންތެރިކަން އިތުރުވެ ދިރިއުޅުމުގެ ބައެއް ކަންކަން ގިނަ ބައަކު އިޞްލާޙްކޮށްފިއެވެ. ނަމަވެސް އަދިވެސް ބައެއް ކަންކަމަށް ހޭލުންތެރި ނުވެވޭ ބައަކު އެބައުޅެއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ދަރިންނަށްވެސް އަންނަނީ ނުރަނގަޅު އަސަރުތަކެއް ކުރަމުންނެވެ. އެހެންކަމުން ފާހަގަކޮށްލަން މިއުޅެނީ ކޮންމެހެން އިޞްލާޙްކުރަން ޖެހިފައިވާ ކަމެއްގެ ވާހަކައެވެ.
ކޮންމެ ދެމަފިއެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އެކަކު އަނެކަކަށް ނުރުހޭ ޙާލަތުވެސް އަންނާނެއެވެ. ބަސްބުނަންޖެހޭ ޙާލަތުވެސް އަންނާނެއެވެ. ހަމަ އެއާއިއެކު ވިސްނާލަން އޮތް ކަމަކީ ބަސްބުނާނެ ގޮތެކެވެ. ބަސްބުނާނެ މިންވަރެކެވެ. އަޑުގެ ވޮލިޔުމް ބަހައްޓަންޖެހޭނެ ހިސާބެވެ.
މިޘާލަކަށް ބުނާނަމަ އަންހެނުންގެ ތެރޭގައިވެސް ފިރިހެނުންގެ ތެރޭގައިވެސް އަޑުގަދަ މީހުން ތިބޭނެއެވެ. ޚާއްޞަކޮށް ރުޅި އަތުވެއްޖެނަމަ ބާރަށް ބަސްބުނަން އާދަވެފައި ތިބި ބައަކު ތިބޭނެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
ދެމަފިރިން ދިރިއުޅެނީ އެކަނި ނަމަ އަވަށްޓެރިން ތިބޭނެއެވެ. ޢާއިލާއާއިއެކުގައިނަމަ ޢާއިލާގެ މީހުން ތިބޭނެއެވެ. ދަރިން ލިބިފައިވާނަމަ ދަރިން ތިބޭނެއެވެ. ސުވާލަކީ ދެމީހުން އުޅެނީ މައްސަލައެއް ޖެހިގެންކަން ޢާއިލާގެ މީހުންނަށާއި އަވަށްޓެރިންނަށް އަންގަން ޖެހޭނެ ހެއްޔެވެ؟ ޚާއްޞަކޮށް މަންމަ އާއި ބައްޕަ އުޅެނީ ރުޅިއައިސްގެންކަން ދަރިންނަށް އަންގަން ބޭނުންވާނެ ހެއްޔެވެ؟ އެކަންކަން ދަރިންނަށް އެނގުނީމާ ދަރިންގެ އަޚްލާޤަށްވާނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ދެބަސްވެ އަޑުގަދަކުރުމުގެ މިބުނި ކަންކަމަށް ވިސްނައިލާށެވެ. އެންމެ ގިނަ ދެމަފިރިން ކާމިޔާބު ހޯދަނީ ދަރިންނާއިމެދު ވިސްނާލައި ދަރިންގެ މަތިން ހަނޑާންކޮށްގެންނެވެ. ދަރިންގެ އަޚްލާޤަށް އަންނާނެ ނުބައި ބަދަލުތަކަށް ވިސްނައިގެންނެވެ.
ދެން އޮތީ ދެމަފިރިން ނަމަވެސް އަޑުގަދަކޮށް ޒުވާބު ނުކުރަންވީ އެންމެ މުހިންމު ނުކުތާއެވެ. އެންމެ ފައިދާ ބޮޑު ސަބަބެވެ. އެއީ ތިމާހުރީ ޙައްޤު ގޮތުގައި ނަމަވެސް ޒުވާބުކުރުން ހުއްޓާލައިފި މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އޮތްއިރު އެގަނޑުވަރު ލިބިގަތުމެވެ.
ނިކަން ބުނެބަލާށެވެ! ކަރުން ހަންދާވަރަށް އަޑުގަދަކޮށް ޒުވާބުކޮށްގެން ޒުވާބުން މޮޅުވެވުނަސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަމަކު ސުވަރުގެއިން ގަނޑުވަރެއް ލިބިއްޖެނަމަ ނުލިބޭނީ ކޮން ފައިޑާއެއްހެއްޔެވެ؟ ހުރިހާ އުފަލެއް ލިބިނިމުނީ ނޫންހެއްޔެވެ؟
މިވާހަކަކޮޅު އަޑުއެހި ހަމަ އެކަކުވެސް މިވަގުތުން ފެށިގެން ދެބަސްވެ އަޑުގަދަ ނުކުރާނެ ކަމަށް ޔަޤީންކުރަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 ޖޫން 2025