އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 20 ސިކުންތު
އަނބިމީހާގެ ކިބައިން ފެންނަ ކަމެއްގެ ސަބަބުން ކަމަށްވިޔަސް އަދި މީހަކު ބުނާ ބުނުމެއްގެ މައްޗަށްވިޔަސް އޭނާ ޒިނޭކުރިކަމުގެ އިލްޒާމް އެޅުވުމަކީ ކިހައި ބޮޑުކަމެއްކަން އެނގޭހެއްޔެވެ؟ އެއީ ޤަޛްފުގެ ޙައްދުން ސަލާމަތްވުމަށްޓަކައި ލިޢާންކުރަންޖެހޭ ކަމެއްކަން އެނގޭހެއްޔެވެ؟
ލިޢާން ކުރެވޭނެ ޙާލަތު:
ދަންނައެވެ. ލިޢާނު ކުރުންވަނީ ދެގޮތެއްގެ މަތިންނެވެ. އެއްގޮތަކީ: އަނބިމީހާ ޒިނޭ ކުރިކަމުގެ އިލްޒާމު ފިރިމީހާ އަޅުވައި. ފިރިމީހާ އަށް އެކަން ޘާބިތު ކުރުމަށް ހަތަރު ހެކިން ނުގެނެވިއްޖެނަމައެވެ. މިޙާލަތުގައި ލިޢާނު ކުރުމުން ފިރިމީހާގެ މައްޗަށް ގަޛްފުގެ ޙައްދު ނެތިގެން ދެއެވެ.
ދެވަނަ ގޮތަކީ: ދަރިފުޅު ނަފީ ކުރުމެވެ.
ލިޢާނު ކުރުން ޝަރްޢު ކުރެއްވި ކަމުގެ ދަލީލަކީ ނޫރު ސޫރަތުގެ 6 ވަނަ އާޔަތެވެ. (وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ) މާނައަކީ: " އަދި އެއުރެންގެ އަމިއްލަ نفسތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށްލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذفކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّهގަންދީ ހަތަރު ހުވައިން ހުވާކުރުންހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކުކަމަށެވެ".
މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
"ފިރިމީހާ އޭނާގެ އަނބިމީހާގެ ބޮލުގައި ޒިނޭގެ އިލްޒާމު އަޅުވައި ހަތަރުހެކިން ގެ ހެކިބަސް ގެނައުމަށް ނުކުޅެދިއްޖެނަމަ، އޭގެ ބަދަލުގައި (ހަތަރު ހެކިން ދެއްކުމުގެ ބަދަލުގައި) އޭނާ އަށް އޮތީ ތިމަންނާ މިހަދަނީ ތެދުކަމުގައިބުނެ ހަތަރުފަހަރު މާތް ﷲ ގަންދީ ހުވާ ކުރުމެވެ. އަދި ފަސްވަނަ ފަހަރުގައި ތިމަންނާ މިހަދަނީ ދޮގުކަމުގައިވާނަމަ މާތް ﷲ ގެ ލަޢްނަތް ތިމަންނާގެ މައްޗަށް ޙައްގުވެއްޖެޔޭ ބުނެ ހުވާ ކުރަން ޖެހެއެވެ. މިގޮތަށް ކަންކޮށްފިނަމަ (ލިޢާނުކޮށްފިނަމަ) އަބަދުގެ އަބަދަށް އެދެމީހުން ކައިވެނި ޙަރާމް ވެއްޖެއެވެ.
މިހިސާބުން އަންހެން މީހާގެ މައްޗަށް ޒިނޭގެ ޙައްދު ވާޖިބުވެއްޖެއެވެ. ނަމަވެސް ފިރިމީހާ އެހަދަނީ ދޮގު ކަމުގައިބުނެ ހަތަރުފަހަރަށް ހުވާ ކުރުމަށްފަހުގައި، ފިރިމީހާ އެހަދަނީ ތެދުކަމުގައިވަނީނަމަ މާތް ﷲ ގެ ކޯފާ ތިމަންނާގެ މައްޗަށް ޙައްގުވެގެންވެޔޭ ބުނެ ހުވާ ކުރުމުން އަންހެން މީހާ ޒިނޭގެ ޙައްދުން ބަރީއަ ވާނެއެވެ.
މާތް ﷲ ވަޙީ ކުރައްވައެވެ. (وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ)
މާނައަކީ: "ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّهގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حدޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާމީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّهގެ ކޯފާ އެކަނބުލޭގެމައްޗަށް ހުރިކަމަށެވެ". والله أعلم
އިތުރު ސުވާލާ ޖަވާބު:
އަޅުގަނޑަކީ ކިޔަވަން ބޭރު ޤައުމެއް ގައި އުޅުނު ކުއްޖެކެވެ. އެ ޔުނިވާސިޓީ މީހުންނަކީ އިސްލާމް ދީނަށް ވަރަށް ފުރައްސާރާ ކުރާ ބައެކެވެ. އަޅުގަނޑުމެންގެ ޓައިމް ޓޭބަލް ހުންނަނީ ވީހާވެސް އަޅުގަނޑުމެންނަށް ނަމާދު ވަގުތު ނުކުރެވޭނެ ގޮތަށް ހަދާފައެވެ. އަޅުގަނޑާއެކު އެ ޔުނިވާސިޓީގައި މުސްލިމް ކުއްޖަކުވެސް އުޅުނެވެ. އަޅުގަނޑުމެން ހުކުރަށްދާ އުޅެފިއްޔާ ސަލާމަތީ ސަބަބުތަކާއި އަދި މާއްދާ އޮންނަ ގަޑިތަކޭ ކިޔައިފަ އެކަމަށް ހުރަސްއަޅައި މިސްކިތަށް (މިސްކިތަށް ދާން ގޭޓުން ބޭރަށް ދާންޖެހޭ) ނުފޮނުވައެވެ. ނަމަވެސް ޢިލްމު ހޯދަން ބޭނުން ވެގެން އެކަމަށް ކެތްކުރީއެވެ. އެހެން ނަމަވެސް އެމީހުން (ބުދުދީނުގެ) ޕޯޔަރޑޭ އެމީހުން އަޅުގަނޑުމެންނަށް ދަފާތު އުދަގޫ ކޮށްގެންވެސް ގެންދައެވެ. އަޅުގަނޑުމެން އެ ބުދުކޯލުތަކަށް(ފިއްތުންތަކާއި ހެދި) ވަން ކަމުގަ ނަމަވެސް އެމީހުން އުޅޭކޮތަކަށް ނޫޅެމެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ފާފަ ވާނެތޯއެވެ؟ މިހާރު އަޅުގަނޑު މިހުރީ މި ލޮބުވެތި ވަޠަނުގައެވެ. މިކަމުގައި ޚިޔާލެއްދެއްވި ދާނެ ތޯއެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (رفع عن أمتي الخطأ والنسيان وما استكرهوا عليه) މާނައަކީ: "ނޭނގިގެންނާއި، ހަނދާން ނެތިގެންނާއި، މަޖްބޫރީ ޙާލަތުގައި ކުރެވޭ ކަންތަކުން ގަލަމް ވަނީއުއްމަތުގެ މައްޗަށްއުފުއްލެވިގެންނެވެ".
އަޚާ އަށް ބުދު ދީނުގެ ޙަފްލާ އަށް ދެވިފައި ތިޔަވަނީ މަޖްބޫރީ ޙާލަތެއްގައި ކަމުން –އިންޝާﷲ- އަޚާގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. والله أعلم
ވަޒީފާގެ ގޮތުން އަޅުގަނޑު ވަރަށް ގިނައިން މީހުން އެއްވާތަންތަނަށާއި ފިރިހެނުން ތިބޭ ތަންތަނާއި މިފަދަ އެކި ކަންކަމުގައި އެފަދަ ތަންތަނުގައި އުޅެން ޖެހެއެވެ. މިއީ އަންހެނަކަށް ވާތީ ކުރުން ހަރާމްކަމެއްތޯއެވެ؟
ވަޒީފާ އަދާކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ދުނިޔޭގެ ޙަޔާތް އާރާސްތުކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ދުނިޔެވީ ޙަޔާތް އާރާސްތު ކުރުމުގައި، އުޚުރަވީޙަޔާތުގެ މައްޗަށް ދުނީޔޭގެ މި ވަގުތީ ޙަޔާތް އިސްކުރުން އެއީ އަބާއްޖަވެރިވުމުގެ ފެށުމެކެވެ. ﷲއަށް ބިރުވެތިވާ ބަޔަކަށް އެކަލާނގެ މަގުތައް ތަނަވަސްކޮށް ހުޅުއްވަވައި ދެއްވައެވެ.
އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا ، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ((= سورة الطلاق 2،3=
މާނައަކީ؛ " މާތް ﷲގެ ކިބަފުޅަށް ތަޤުވަވެރިވާމީހާއަށް ދިންނެވުމުގެ މަގެއް އެކަލާނގެ ލައްވާނެތެވެ. އަދި ހީނުކުރާފަދަ ގޮތްގޮތުން އެމީހާއަށް ރިޒުޤު ދެއްވާނެތެވެ."
އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ މިކްސް ވެގެން އުޅުމަކީ އިސްލާމްދީން ގަބޫލު ކުރާ ކަމެއް ނޫނެވެ. އޭގެ ސަބަބުން ނިކުމެދާނެ ނުބައި ނަތީޖާ އަކުން މީސްތަކުން ސަލާމަތް ކުރެއްވުމުގެ ބޭނުމުގައި އެކަން ވަނީ ޙަރާމް ކުރައްވާފައެވެ. އެހެންކަމުން، އެހެން ވަޡީފާ އެއް ލިބޭތޯ ބެލުން ރަގަޅެވެ. والله أعلم
ހުކުރު ދުވަހު މެންދުރު ނަމާދަކީ ފަރުޟު ކުރައްވާފައިވާ ނަމާދެއްތޯ؟ އެހެން ކަމުގައި ވަނީނަމަ ހުކުރު ދުވަހު ފިރިހެނުންގެ މައްޗަށް 6 ނަމާދެ ފަރުޟު ކުރައްވާފައި ވޭތޯ؟
ހުކުރު ނަމާދު ކޮށްފި މީހާ އިތުރަށް މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ހުކުރުނަމާދުގެ ޖަމާޢަތް ނުލިބުނު މީހާ މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. ސަބަބަކީ ހުކުރު ނަމާދަކީ ހަމައެކަނި ޖަމާޢަތުގައި ކުރެވޭ ނަމާދެކެވެ. އެކަނި ހުރެ ކުރެވޭ ނަމާދެއް ނޫނެވެ. އެހެންކަމުން، ހުކުރު ދުވަހުވެސް މުސްލިމުންގެ މައްޗަށް ފަރްޟުވެގެން ވަނީ 5 ނަމާދެވެ. والله أعلم
އަލުގަނޑުގެ ފިރިމީހާ އަޅުގަނޑުގެ އެއްވެސްކުށެއްނެތި ވަރިކުރުމަށްފަހު އެހެންމީހަކާ އިނދެފަ އަޅުގަނޑާ ދެއަނބަށްއިނުމަށް އެދުމުން އަޅުގަނޑު އެކަމާ އިންކާރުކުރުމުން އޭނާ ފަހުން އިންމީހާ ވަރިކުރުމަށްފަހު އަޅުގަނޑާ ކައިވެނިކޮށްފަ އަޅުގަނޑަށް އޮޅުވާލައިގެން އެއަންހެންހީހާއާއި ކައިވެނިރުޖޫޢަކުރީ.
ފަހުން އަޅަގަނޑަށް އެނގުނީ އެދެމީހުން ވަރިކޮށް އަދި އަޅުގަނޑާ ދެވަނަފަހަރު އިނީ ރާވައިގެން މަކަރާޙީލަތުންކަން.
ވުމާއެކު އޅުގަނޑާ އޭނާ ކުރިކައިވެނީގެ ޙޫކުމަކީ ކޮބައިތޯ؟ އަދި މިސަބަބާހުރެ އަޅުގަނޑު އޭނާގެ ކައިރިން ވަރިވުމަށްއެދުމާމެދު ދީނުގައިވާގޮތަކީ ކޮބައިތޯ؟ އަދި އޭނާއަށް ފިރިއެއްގެ ގޮތުގައި ޚިދްމަތްކުރުމަކީ އަޅުގަނޑަށް ކުރުން ވަރަށް ދަތިކަމަކަށްވާތީ މިކަމުން އަޅޫގަނޑު ފާފަވެރިވާނެތޯ؟
އޮޅުވާލުމަކީ އިސްލާމްދީން ތަރްޙީބުދޭ ކަމެއް ނޫނެވެ.ނަމަވެސް، ކައިވެނީގެ ރުކުންތައް ހަމަވާ ގޮތަށް ކައިވެނީގެ ޢަގްދު ކުރެވިފައިވާނަމަ ކައިވެނި ޞައްޙަ ވާނެއެވެ. ފިރމީހާ އާއި އެކުގައި އުޅެވޭތޯ ބެލުން ރަގަޅެވެ. އުޅެން ބޭނުން ނޫންނަމަ ޚުލްޢު ވުމުގެ ފުރުޞަތު ދީނުގައި ލިބިދީފަފައިވެއެވެ.والله أعلم
އުނަގަޑުގެ ބަދައެއްގައި ރިއްސާތީ، 2 އަހަރު ނުހިގި ބަލި އެދުގައި އޮންނަތަން ވެފައިވާ މީހަކު ގިނަ ޓެސްޓްތަކެއް ހައްދާ ، އެތައް ބައިވަރު ޑކްޓަރުންނަށް ދެއްކީމައި ވެސް ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ވޭނަށް ކެތް ނުވެގެން ގޮސް އޭނައަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ވީމާ މިއީ ދީނީ ގޮތުން ބަލާއިރު ކޮންކަހަލަ ކަމެއް؟
ތިޔައީ މާތް ﷲ ކުރިމަތި ކުރައްވާފައިވާ އިމްތިޙާނެކެވެ. ތިޔަ ކަމަށް ކެތްތެރިވާށެވެ. އަދި ޝިފާ ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ދަންނަވާށެވެ. ކޮންމެ ބައްޔަކަށްވެސް ބޭހެއްވެއެވެ. ވީމާ، އަޚާ އަށް ދިމާވެފައިވާ ބަލީގެވެސް ޝިފާ އެއް ވާނެއެވެ. އަދި ޑޮކްޓަރުންނަށް ބަލި ދަމައި ނުގަނެވެނީއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
23 ޖޫން 2025