އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ އޮލިމްޕިކް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިފަދައިން ވިދާޅުވެފައިވަނީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދެއްވަމުންނެވެ.
މިއަހަރުގެ އޮލިމްޕިކް ދުވަހުގެ ޝިއާރަކީ "ލެޓްސް މޫވް ޓުގެދާ ފޯ ހެލްތު" އެވެ. މި ޝިއާރުގެ މަޤްޞަދަކީ ދުނިޔޭގެ މުޖުތަމައުތައް އެއްތަންވެ، އެކުވެރިކަމާއެކު އެއް ރޫހެއްގައި ހަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމެވެ.
ރާއްޖެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ މެންބަރުކަން ހާސިލުކުރީ 1985 ވަނަ އަހަރުއެވެ. އަދި ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކް ގޭމްސްގައި ބައިވެރިވެފައިވަނީ 1988 ވަނަ އަހަރު ދެކުނު ކޮރެއާގެ ވެރިރަށް ސޮއުލްގައި ބޭއްވުނު ސަމާ އޮލިމްޕިކް ގޭމްސްގައެވެ.
އޮލިމްޕިކް ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށިފައިވަނީ 1894 ވަނަ އަހަރު އޮލިމްޕިކް ގޭމްސް އުފެއްދި ދުވަހުގެ ހަނދާނުގައެވެ. އޮލިމްޕިކް ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކާއެކު ފާހަގަކުރާ ދުވަހެކެވެ.
Advertisement
23 ޖޫން 2025