އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު
މިހާރުގެ ގިނަ އަންހެނުން ބޭނުންވަނީ ހަމައެކަނި ތަނަވަސްކަން ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެން އެބުނަނީވެސް ސަބަބުތަކެއް ހުރީމައެވެ. ވީމާ އެކަމަށް ދެކޮޅުހަދައި އިންކާރުކުރެވޭކަށްވެސް ނެތެވެ. ނަމަވެސް ސުވާލަކީ "ގިނަ" މިއީ ހަމަ ޙައްޤު ބަހެއް ބާވައެވެ؟
މިސުވާލު ކުރަންޖެހޭ ސަބަބަކީ ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވެގެން އަހުރެންގެ ގާތަށް އަންނަ ގިނަ އަންހެނުންގެ ކަންބޮޑުވުމަކަށްވެފައި އޮންނަނީ ފައިސާ ނުވަތަ ތަނަވަސްކަމެއް ނޫނެވެ. އެކަނބަލުންގެ އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީ ފިރިމީހާ ތަނަވަސް ނަމަވެސް ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ނުލިބުމެވެ. ރަޙުމް ނުކުރުމެވެ.
އަތްމަތިދަތި ފިރިންގެ އަނބިންގެ ޝަކުވާއަކަށްވެފައި އޮންނަނީ ފިރިމީހާއަށް ލިބޭވަރު މަދުވުމެއް ނޫނެވެ! ޢާއިލާއަށް ޚަރަދުކުރާނެ ވަރަށް ފައިސާ ނުލިބޭއިރުވެސް ހިލޭ އަންހެނުންނަށާއި ފިރިމީހާއަށް ފައިދާއެއް ނުކުރާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާވަރު ބޮޑުވުމެވެ. ހަމަ އެއާއިއެކު ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން ނުލިބޭ ކަމެވެ.
ވީމާ މިދެ ޙާލަތަށް ބެލިނަމަވެސް އެންމެ ބޮޑު މައްސަލައަކަށްވެފައި މިއޮތީ ލޯތްބާއި އަޅައިލުން ނުލިބުންކަން ފާހަގަކުރެވެއެވެ. ކޮންމެއަކަސް އަހުރެންގެ ބޭނުމަކީ ވަކި ބައަކު ރަނަޅުކޮށްފައި އަނެއް ބައަކު ނުބައި ކުރުމެއް ނޫނެވެ. އަހުރެންގެ ބޭނުމަކީ ކިތަންމެ ތަނަވަސްނަމަވެސް އަދި ފަޤީރު ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް ލޯތްބާއި އަޅައިލުން ދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ލިބެން އޮތީ އެއިރުންކަމަށްވާތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
އަންހެނަކު ބަޔާންކުރާ އޭނާގެ ޙާލަތުވެސް ވިދާޅުވެލައްވާށެވެ!
"އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސްމީހެކެވެ. އެހެންކަމުން ޚަރަދުކުރެއެވެ. އަގުބޮޑު އެއްޗެތި ދެއެވެ. ބޭނުންވަރަކަށް ޚަރަދުކުރަން ކޭޝްކާޑެއްވެސް އޮންނަނީ ދީފައެވެ. ނަމަވެސް އޭނާއަކީ ލޯބި ދަންނަވެސް މީހެއް ނޫނެވެ. އޯގާތެރިކަމާއިއެކު ކަމެއްކޮށްދޭން ނުއެނގޭތަނުގައި ލޯބިން ބަހެއް ބުނުމަކީވެސް އޭނާ ކުރަން ދަންނަ ކަމެއް ނޫނެވެ.
އަޅުގަނޑަކީ އެހައި ބޮޑު ތަނަވަސްކަމަކަށް އެދޭ އަންހެނަކީމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ އާދައިގެ ދިރިއުޅުމެކެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވަނީ ލޯތްބާއި އަޅައިލުމެވެ. އެކުވެރިކަމެވެ. އަގުބޮޑު ރެސްޓޯރަންޓްތަކުން ކެއުމެއް ނޫނެވެ. ގޭގައި ކައްކާ އެއްޗެއް ހިފައިގެން އަތިރިމައްޗަށްގޮސް ދެމީހުން އެކުގައި ކައިލުންވެސް އަޅުގަނޑަށް މާރަނގަޅެވެ. މާއުފާވެރިކަން ލިބޭނެއެވެ.
ވީމާ އަޅުގަނޑު ފިރިމީހާ ގާތުގައި ވާހަކަދައްކައިގެން ޞުލްޙައިގައި ވަރިވެ އަޅުގަނޑު އެދޭފަދަ ބައިވެރިއަކު ލިބޭތޯ ބެލުމަކީ ކޮންކަހަލަކަމެއްތޯއެވެ؟ އެކަމުން އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟ ނޫނީ ކުރެވޭ ކުށަކަށްވާނެތޯއެވެ؟ ފުރަތަމަ ވަރިވާން ބޭނުންވަނީ މީހެއްގެ އަންތބަކަށް އިނދެ ލޯބިވެރިއަކު ހޯދަން ބޭނުންނުވާތީއެވެ. އެއީ ޚިޔާނާތަކަސްވެދާނެތީއެވެ."
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފުރަތަމަ އޮތީ ދެމީހުންގެ މެދުގައި ހުންނަ ތިއަބާވަތުގެ ތަފާތުތައް ނައްތާލަން މަސައްކަތްކުރުމެވެ. އެކަން އެގޮތަށް ކާމިޔާބުނުކުރެވުނުނަމަ ޞުލްޙައިގައި ރީތިގޮތުގައި ވަރިވުމަކީ މައްސަލައެއް ނޫނެވެ. ޝަރުޠަކީ ފުރަތަމަ ތިމާ ބޭނުންވާ ގޮތް ފިރިމީހާއަށް ބުނެދީ ފިރިމީހާގެ ޢަމަލުތައް ބަދަލުވޭތޯ މަސައްކަތްކުރުމެވެ. ވަރިއާއި ހަމައަށް ދާންޖެހޭނީ އެއިގެ ފަހުންނެވެ. ދެން އެހެން ގޮތެއް ނެތިއްޖެ ނަމައެވެ.
Advertisement
25 ޖޫން 2025