އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު
އަޅުގަނޑުމެން ދެމަފިރިންނަކީ ކައިވެނިކޮށް ވަރަށް އެކުވެރިކަމާއިއެކު ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނީމުއެވެ. ދެމީހުންވެސް ދިރިއުޅެމުން އައީ ވަރަށް ތަޤްވާވެރިކަންމަތީގައެވެ. ވީހާގިނައިން އަޅުކަންކުރަމުއެވެ. ޙައްޖާއި ޢުމްރާވެސް އެތައް އަހަރަކުވީމެވެ.
އަލަތު ކައިވެނިމަތީގައި ދިރިއުޅެ ޢުމުރުން 60 އަހަރުން މަތިވީފަހުން އެއް ދުވަހަކު މެންދުރުކައިގެން ދެމީހުން އެކުގައި އެނދުގައި އޮށޯވެލީމެވެ. އިރުކޮޅަކުން އަނބިމީހާގެ ހަށިގަނޑު ތުރުތުރުއަޅާހެން ހީވެގެން ސިއްސައިގެންގޮސް ބަލައިލެވުނުއިރު އަނބިމީހާގެ ނިތްކުރިންވަނީ އޮއްދައު ހިއްލައިފައެވެ.
އަވަސްއަވަހަށް ކަނާތު ކަންފަތްކައިރީގައި 3 ފަހަރު ޝަހާދަތް ކިޔާލެވުނުތަނާ އަނބިމީހާ މަޑުވެއްޖެއެވެ. މޭގައި އަތްޖައްސައިލުމުން ވިންދު ނުޖަހާކަން އިޙްޞާޞް ކުރެވުމުން އަވަސް އަވަހަށް ކޮޓަރިން ނުކުތީމެވެ. ދަރިން ގާތު "މަންމަ ނިޔާވެއްޖެ" ކަމަށް ބުނުމުން ދިއައީ ސިއްސައިގެންނެވެ.
އެހެން ނުވާނީ ކީއްވެގެންތޯއެވެ؟ އެވަޤުތާއި ހަމައަށް މަންމައަކީ ގަދަފަދަ އަންހެނެކެވެ. އެދުވަހުވެސް ކައްކައި އެންމެންނަށް މެންދުރު ކާންދިނީވެސް މަންމަ ކަމަށްވުމުންނެވެ. ކޮންމެއަކަސް ހޮސްޕިޓަލަށް ގެންދިއުމުން ބުނީ ނިޔާވެފައިވާކަމަށެވެ.
ކުރެވޭނެ ކަމެއް ނެތެވެ. އޮތީ ހެޔޮދުޢާކުރުމެވެ. ސުވަރުގެއިން ބައްދަލުވުމަށް އުންމީދުކުރުމެވެ. މިހާރު އަޅުގަނޑުގެ ޢުމުރަކީ 87 އަހަރެވެ. ކައިވެނީގައި 50 ވަރަކަށް އަހަރު ވަރަށް ލޯބިން ދިރިއުޅެވުނުކަން ހަނދާންކުރާހާލު އަދި މިއަދާއި ހަމައަށްވެސް މިހުރީ އަނބިމީހާ އާއި ބައްދަލުވުމުގެ އުންމީދުގައެވެ. އަނބިމީހާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ކުރަން ދީނުގައި އޮތް ކަންކަން މިގެންދަނީ ކުރަމުންނެވެ. އިން ޝާ ﷲ. ދުޢާ އަކީ އެކަން ހިންމަވައިދެއްވެވުމެވެ. އާމީން
- މިއަދުނޫހުގެ ކިޔުންތެރިއެއް
ކިޔުންތެރިޔާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ރޮވެންފެށީއެވެ. މިއީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްކަން ފާހަގަކުރެވެއެވެ. ދެމަފިރިއަކު ތަޤްވާވެރިކަމާއިއެކު ލޯބިން ދިރިއުޅޭނަމަ ޢުމުރަށް އެކަންކަން ފަހިކޮށްދެއްވަވާނެ ކަމާއި އެކަކު ނިޔާވި ނަމަވެސް އަނެކަކު އޭނާއަށްޓަކައި އޭނާއަށް ސުވަރުގެ ދެއްވެވުން އެދިގެން މަސައްކަތްކުރާނެކަމާއި ސުވަރުގޭގައިވެސް ދެމީހުން އެކުގައި ލެއްވެވުން އެދޭނެކަން އެނގިގެންދާ ވާހަކައެކެވެ.
ކޮންމެ ދެމަފިރިއަކުވެސް މަސައްކަތްކުރަންވީ އެދެމަފިރިން ފަދަ ދެމަފިރިން ކަމުގައި ވުމަށެވެ. އެއިރުން މިދުނިޔެއާއި އާޚިރަތްވެސް އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
Advertisement
23 ޖޫން 2025