އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި ދުވާލަކު 8 ގަޑިއިރު ނިދަން އެބަޖެހެއެވެ. އެއީ ދުވާލެއްގެ ތިންބައިކުޅައެއްބައެވެ. ކޮންމެ 3 ހަފްތާއަކުން އެއް ހަފްތާއެވެ. ކޮންމެ ތިން މަހަކުން އެއް މަސްދުވަހެވެ. ކޮންމެ 3 އަހަރަކުން އެއް އަހަރު ދުވަހެވެ. ވީމާ 60 އަހަރު ދުނިޔޭގައި އުޅެވިއްޖެނަމަ އެމީހަކަށް އޮންނާނީ 20 އަހަރު ނިދިފައެވެ. މާނައަކީ ޢުމުރުގެ ތިންބައިކުޅަ އެއްބައިގައި ނިދަނީއެވެ.
ދެން މިއުޅެނީ ސުވާލެއް ކުރާށެވެ! ނިދަން ހޭދަކުރި އަހަރުތަކަކީ ކުރެވުނު އަޅުކަމަކަށް ހަދަން ބޭނުންވޭ ހެއްޔެވެ؟ ބޭނުންވާނަމަ ސުންނަތުގައިވާ ފަދައިން ނިދާށެވެ! އަދި ﷲ ތަޢާލާއަށްޓަކައި ރޭއަޅުކަންކުރަން ނުވަތަ ފަތިސްނަމާދަށް ހޭލަން ނިޔަތްގަނެގެން ނިދާށެވެ. އެއިރުން ތިބާގެ ނިންޖަކީވެސް ކުރި އަޅުކަމެއް ކަމުގައި ލިޔުއްވަވާނެތެވެ. އިން ޝާ ﷲ
އެކަމަކު ގިނައީ މިކަންކަމަށް ޣާފިލުކަންމަތީގައި ނިދާ މީހުންނެވެ. އެއިރުން އެމީހުންގެ ޢުމުރުގެ 3 ބައިކުޅަ އެއްބައި އެއްވެސް ފައިދާއެއް ނެތް ގޮތުގައި ގެއްލިގެންދިއައީއެވެ. އާޚިރަތް ކާމިޔާބުކުރަން އެދޭ މީހާއަށް މިއީ ލިބޭ ކިހައި ބޮޑު ގެއްލުމެއް ހެއްޔެވެ؟
ދުނިޔޭގައި ހޭދަކުރަން މިލިބެނީ ދާދި މަދު ދުވަސްކޮޅެކެވެ. އެވަޤުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފާ މީހަކީ އާޚިރަތް ކާމިޔާބުކުރަން އެޑޭ މީހަކު ކަމަކަށް ނުވާނެއެވެ. އާޚިރަތް ކާމިޔާބުކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށެވެ. ވީމާ މިދެވުނު ނަޞޭޙަތްކޮޅަކީ ފައިދާކުރާނެ ނަޞޭޙަތެއް ކަމަށް އުންމީދުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 ޖޫން 2025