އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު
ބައެއް މީހުން ބުނެއެވެ. "އަހުރެންނަށްވަނީ ޒުވާންއިރު ހާދަ ގިނަ ފާތަތަކެއް ކުރެވިފައެވެ. އަހުރެންގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނެބާވައެވެ!"
ބުނަންހެއްޔެވެ؟ ފުރަތަމަ ކަމަކަށް ތިއަ ވިސްނުން ތިއަ ދެއްވެވުމަކީވެސް ލެއްވެވި ބޮޑު ރަޙްމަތެކެވެ. ދެވަނަ ކަމަކަށް އެހައި ގިނަ ފާފަތައް ކުރީމާވެސް މިހައި ގިނަދުވަހު ދުނިޔޭގައި ލަހައްޓަވައި ދެއްވަވާފައި އެވަނީ ތައުބާވުމުގެ ފުރުޞަތު ތިބާއަށް ދެއްވަވަންކަން ޤަބޫލްކުރާށެވެ! އެއަށްފަހު ތައުބާވުމަށް އަވަސްވެގަންނާށެވެ! އެއިރުން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވަނީ ތިބާ ސުވަރުގެ ވައްދަވާނެ ކަމަށެވެ. އިން ޝާ ﷲ
ޙަދީޘްފުޅުގައި އޮތީ ކޮންމެ އާދަމްގެދަރިއަކީވެސް ފާފަކުރެވޭނެ މީހަކު ކަމަށެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް މުސްލިމުންގެ ތެރެއިން އެތައްބައަކު ގެންދަނީ ފާފަތައް ކުރަމުންނެވެ. ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. ކުޑަފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމުން އެމީހާގެ ދަރަޖަދަނީ އުފުލިގެނެނެވެ. ކުރާ ކޮންމެ ފާފައެއްވެސް ލިޔުއްވަވާނީ އެއް ފާފައިގެ ގޮތުގައިކަމަށްވެފައި ހެޔޮކަމެއް ކުރުމުން 10 ހެޔޮކަން ދެއްވަވާތީއެވެ.
ދެން އޮތީ ބޮޑެތި ފާފަތަކެވެ. ބޮޑުފާފައެއްކަމުގައި ހިމެނޭ ފާފައެއް ކުރެވިއްޖެނަމަ ތައުބާވާންޖެހެއެވެ. އެކަމަށް ޚާއްޞަ 2 ޝަރުޠެއްވެސް އެބައޮތެވެ. އެއީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމާއި އިތުރަށް ފާފަނުކުރަން މަސައްކަތްކުރުމެވެ. މި ދެޝަރުޠޫ ފުރިހަމަކޮށް ޢަމަލުކުރުމުގައި ސާބތުވެއްޖެ މީހާ އަށް ﷲ ތަޢާލާ ދެއްވަވާފައިވާ އުފާވެރިކަމުގެ ޚަބަރު އެނގޭހެއްޔެވެ؟
އެ ޚަބަރަކީ ސުވަރުގެ އުފައްދަވާފައިވަނީ އެފަދަ މީހުންނަށްޓަކައިކަމެވެ. ﷲ ތައާލާ ދެއްވަވާފައިވާ ދައުވަތު މިކަމުގެ ދަލީލަކަސް ފުދެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތިއަބައިމީހުން ﷲ އަށް ތައުބާވާށެވެ! އެއިރުން ތިއަބައިމީހުންގެވެރި ރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުއްތައް ފުއްސަވައި، އެތާނގެދަސުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާ އާއި އެކަލޭގެފާނުގެ އަރިއަހުގައިވާ އީމާންވި މީހުން، ﷲ ނިކަމެތި ނުކުރައްވަވާނެ ދުވަހުގައެވެ. އެއުރެްގެ ތައުބާ އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަސް ފުރިހަމަކޮށްދެއްވަވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަސް ކުލަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8)
މިއާޔަތުގައި އެވަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ކުރަންވީ ދުޢާއެއްވެސް ބަޔާންކުރައްވަވައިފައެވެ.
رَبَّنَاۤ اَ تۡمِمۡ لَـنَا نُوۡرَنَا وَاغۡفِرۡ لَـنَا ۚ اِنَّكَ عَلٰى كُلِّ شَىۡءٍ قَدِيۡرٌ
"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވަވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
އަދިވެސް ﷲ ތަޢާލާ ވަޙިކުރައްވަވާފައިވެއެވެ.
"—ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 222)
ޠޯހިރުވުމަކީ ހަމައެކަނި ފެންވަރައި ސާފުތާހިރުވުން ކަމަށް ދެކެގެންނުވާނެއެވެ. އެންމެ މުހިންމީ ފާފަތަކުން ނަފުސް ޠޯހިރުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 ޖޫން 2025