އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު
އަޅުގަނޑަކީ ތަޤްވާވެރިކަމުގައި ކުރިއަރައިދާން ވަރަށް ބޮޑަށް މަސައްކަތްކުރާ އަންހެނަކީމެވެ. އެކަނިވެރި މައަކީމެވެ. 2 ދަރިން ގެންގުޅެނީ އެކަންޏެވެ. މައިންބަފައިންގެ ފުށުން ކުޑަ ތަންކޮޅެއް ވާރުގަވެފައިވާތީ ސަލާންޖަހާކަށް ނުޖެހެއެވެ.
މައްސަލަ ޖެހެނީ ރޭގަނޑުއެވެ. ހޭލައި ރޭއަޅުކަންކުރަން ފަށާތަނުން ކުއްޖަކު ހޭލަނީއެވެ. އެދަރިފުޅު ނިންދަވަން މަސައްކަތްކުރުމުގެ ތެރެއިން އަޅުގަނޑަށްވެސް ނިދެނީއެވެ. މިއީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ވިސްނަވިސްނައިވެސް ޙައްލެއް ނުވިސްނުނެވެ. ރޭއަޅުކަން ކުރަން ބޭނުންވާ ވަރަށް ނުކުރެވޭތީ ވަރަށް ދެރަވެއެވެ. މިޙާލަތުގައި އަޅުގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް އޮންނާނެތޯ؟
ކިޔުންތެރިޔާ ތިއަ ބުނާ ޙާލަތުގައި އަމިއްލައަށް ކުރެވޭނެ ސީދާ ކަމެއް ނެތިދާނެއެވެ. ނަމަވެސް ކުރެވިދާނެ އެއް ކަމަކީ ތިއަ ހޭލާ ވަޤުތު ޖެހުމުގެ ކުރިން ހޭލައި ނުވަތަ ނިދުމުގެ ކުރިން ކޮންމެވެސް ވަރަކަށް ރޭއަޅުކަން ކުރުމެވެ. ތިބާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކުރިން ކުރިޔަސް ދެއްވަވާ ޘަވާބު މަދުވެދާނެ ކަމަށް ބިރުނުގަންނާށެވެ! ކަންބޮޑުވެސް ނުވާށެވެ! ފަހުން ހޭލައިގެން ފުރުޞަތު ލިބޭ ވަރަކަށް ކުރަމުން ގެންދާށެވެ!
ދެވަނަ ކަމަކީ އަސްތަގްފާރުކުރުން ގިނަކުރާށެވެ! އަދި ރޭއަޅުކަމަށް ފުރުޞަތު ފަހިކޮށްދެއްވެވުން އެދިގެން ދުޢާކުރާށެވެ! ހަމަ އެއާއިއެކު މިކަންވެސް ވިސްނާށެވެ! ދަރިން ބެލުމަކީވެސް އަޅުކަމެކެވެ. ތިއަ ޙާލަތުގައި ތިއަވަނީ އެކަނި ދަރިން ބަލަންޖެހިފައެވެ. ވީމާ އެކަމަށް ކުރާ މަސައްކަތަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލުމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 ޖޫން 2025