އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެށި ޚާއްޞަ ލޯނު ސްކީމްގެ ދަށުން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ. މި ލޯނު ސްކީމަކީ މެއި 1 ވަނަ ދުވަހުން ފެށިގެން ތަޢާރަފުކޮށްފައިވާ ޚާއްޞަ ލޯނު ޕްރޮގްރާމެކެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 8 އެޕްލިކޭޝަން މިވަގުތު ވަނީ ޕްރޮސެސިންގ މަރުހަލާގައެވެ. މި ލޯނު ސްކީމްގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ލޯނު ސްކީމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚާއްޞަ ކަމަކީ، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މަސްވެރިންގެ އާމްދަނީއާ އެއްގޮތަށް ފައިސާ އަނބުރާ ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސާފައިވުމެވެ. މިއީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.
ބީއެމްއެލްއިން ވަނީ މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ވީހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުން، އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
މި ލޯނު ސްކީމަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސްކީމްގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
25 ޖޫން 2025