އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން އިއުލާން ކުރައްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 71,832 އަކަފޫޓުގެ ބިމެކެވެ.
މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 8 ޖުލައި ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު ވާ ބުދަ ދުވަހުގެ 10:00 ކަމަށް ވުޒާރާއިން ވަނީ އަންގަވާފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 ޖުލައި ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ބައިވެރިވާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު ވުޒާރާގެ އީމެއިލް އެޑްރެހަށް ފޮނުވަން ޖެހޭނެއެވެ.
ބީލަން ފޮތް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 29 ޖޫން އިން ފެށިގެން 19 އޮގަސްޓް އާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާ ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ލިބެން ހުންނާނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
Advertisement
27 ޖޫން 2025