އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ރާއްޖެ ޓްރާންސްޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރ.އަތޮޅުގައި މާދަމާއިން ފެށިގެން ފެށުމަށް ތައްޔާރުވެއްޖެއެވެ. މިކަން މިއަދު އިއުލާނު ކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިންނެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2 ގައި ހިމެނޭ ރ.އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، ރައްޔިތުންނަށް މި ޚިދުމަތަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި، ފުރަތަމަ ހަފްތާގައި ދަތުރުތައް ކުރިއަށް ގެންދާނީ ހިލޭކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި ގޮތުން، ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ.
ދަތުރުކުރުމަށް ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެގޮތުން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ.
މި ޚިދުމަތް ފެށުމާއެކު ރ.އަތޮޅުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
25 ޖޫން 2025