އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު އެންމެ މަތިވެރި ޝަރަފާ ޢިއްޒަތުގަ އެފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް މަލާއިކަތުން އުފުއްލަވާނެ މީހަކަށްވާން ބޭނުން ހެއްޔެވެ؟

ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު އެންމެ މަތިވެރި ޝަރަފާ ޢިއްޒަތުގަ އެފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް މަލާއިކަތުން އުފުއްލަވާނެ މީހަކަށްވާން ބޭނުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ތިމަންނާއަކީ މުސްލިމެއް ކަމަށް ބުނުމަކުން އަދި އެއީ ހެޔޮލަފާ މުއްމިނަކަށް ނުވެވޭނެއެވެ. ހެޔޮލަފާ މުއްމިނަކަށް ވެވޭނީ ބުނާބަހާއި އެއްގޮތަށް ޢަމަލުވެސް ކުރުމުންނެވެ. ﷲ ތަޢާލާގެ ދީނުގައި ޘާބިތުވުމުންނެވެ. ދައްކަން މިއުޅެނީ އެފަދަ މުއްމިނުންގެ ވާހަކައެވެ.

މިއީ ހެޔޮލަފާ މޫމިން އަޅުންގެ ފުރާނަ މަލަކުލްމައުތުގެފާނު ހިއްޕަވާހިނދު ކަންކަން ވެގެންދާނެގޮތާއި ކައްވަޅުގައި އެމީހަކަށް މިންވަރުކުރައްވަވާނެ ނިޢްމަތްތަކުގެ ވާހަކައެވެ. ޝައުޤުވެރިކަމާއިއެކު ކިޔާލައި ތިބާގެ ފުރާނައަކީ މިފަދައިން ނިޢްމަތްތައް ލިބިގެންދާ ފުރާނައެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ!

ހެޔޮލަފާ މީހާގެ ފުރާނައާއި ޙަވާލުވެވަޑައިގަތުމަށް މޫނުތައް އަލިވެގެންވާ މަލާއިކަތުންތަކެއް ފައިބައި ވަޑައިގަންނަވާނެނެތެވެ. އެފުރާނައަށްޓަކައި ސުވަރުގެއިން ގެންނަވާ ކަފުނެއް އެބޭކަލުން ގެންނަވާނތެވެ. އެފުރާނައަށްޓަކައި އެބޭކަލުން ސުވަރުގެއިން ހުވަނދު ގެންނަވާނެތެވެ.

އެފުރާނައާއި މުޚާޠަބުކުރައްވަވައި މަލަކުލްމައުތުގެފާނު ވިދާޅުވާނެ: "ހޭ ހެޔޮލަފާ ނަފުސެވެ، ތިބާ ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ!"

އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާނީ ފެންތައްޓަކުން ފެން ތިއްކެއް އޮހޮރިގެންދާހައި ފަސޭހަކަމާއި އެކގައެވެ.

އެފުރާނައާއިގެން މަލާއިކަތް ބޭކަލުން ހަތްވަނަ އުޑާއިހަމައަށް ދަތުރުކުރައްވާނެތެވެ.

މިދަތުރުގައި އެބޭކަލުން އެމާތް ފުރާނައާއި ބެހޭގޮތުން ސުވާލު ކުރައްވާ މަލާއިކަތުންނަށް އޭނާގެ އެންމެ ފުރިހަމަ ތައުރީފް ބަޔާންކޮށް ދެއްވާނެތެވެ.  ކޮންމެ އުޑެއްގެ މަލާއިކަތުން އެމާތް ފުރަނައިގެ ޝަރަފުގައި އަނެއް އުޑާއި ހަމައަށް އެފުރާނައާއި އެކުދަތުރު ކުރައްވާނެތެވެ.

ހަތްވަނަ އުޑާއި ހަމައަށް ދެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ! "ތިމަން އިލާހުގެ އަޅާގެ ޢަމަލުތަކުގެ ފަތް ހެޔޮލަފާ މީހުންގެ ޢަމަލްތައް ލިޔުއްވޭ އިއްލިއްޔޫންއޭ ކިޔުނު ފޮތުގައި ލިޔުއްވާށެވެ!"

ކަށްވަޅުގައި އެމީހަކަށްޓަކައި ސުވަރުގޭގެ ތަންމައްޗެއް ތައްޔާރު ކުރެވިފައިވާނެތެވެ.

އަދި ކަށްވަޅުގައި ސުވަރުގޭގެ ފޭރާމުން އޭނާ ފޭރާންލެއްވިގެން ދާނެތެވެ.

އޭނާއަށްޓަކައި ސުވަރުގެއިން ދޮރުކޮޅެއް ހުޅުވައިލެވި ސުވަރުގޭގެ މީރު ހުވަނދު ވަސްތަކާއި އަރާމް ފިނި ރޯޅިތައް ޤިޔާމަތާއި ހަމައަށް އޭނާއަށް ލިބިލިބި ހުންނާނެތެވެ.

އަދި އޭނާގެ ކަށްވަޅު ލޮލުކޮޅަށް ފެންނަ ދުރުމިނަށް ތަނަވަސްކުރެވިގެން ދާނެތެވެ. އޭނާގެ ހެޔޮ ޢަމަލުތައް ރިވެތި ސޫރައެއްގެވެރި، ރިވެތި ފޭރާމެއްގެ ލާއިގެންހުރި، މީރުވަސްދުވާ ހުވަނދެއްލައިގެން ހުރި މީހެއްގެ ސިފައިގައި އޭނާގެ ގާތަށް އައިސް އޭނައަށްޓަކާއި

ސުވަރުގޭގައި ތައްޔާރު ކުރެވިފައިވާ ނިޢުމަތްތަކުގެ އުފާވެރި ޚަބަރުތައް ދެމުންދާނެތެވެ.

އެހިނދު އެނިޢުމަތުގެ ތެރެއަށް އަވަހަށް ދިއުމުގެ އެދުމުގައި ޤިޔާމަތް އަވަހަށް ޤާއިމުވުމަށް އެދި އެމީހަކު ދުޢާކުރާނެތެވެ.

(ނޯޓު: މިމަޢުލޫމާތަކީ މުސްނަދު އަޙްމަދާއި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އަލްބަރާބުން ޢާޒިބްގެ އަރިހުން ރިވާވެގެންވާ ސައްޙަ ޙަދީޘްފުޅެއްގައިވާ ވާހަކަތަކެކެވެ.)

 

--ޝައިޚް އަޙްމަދު ރިމާޒް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް