އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު
ހެޔޮލަފާ މައިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ ދަރިންގެ ބައްޕަ ދަރިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ނުގެންދާ ކަމެވެ. މިކަމުގެ ވާހަކަ ދެކެވުމުން ގިނަ ބައަކު ބުނަނީ ފުރަތަމަ ކަމަށް އޮތީ ބައްޕަ ނަމާދުކުރުން ނޫންހެއްޔެވެ؟ މައްސަލަ ކުރިމަތިވަނީ ބައްޕަ ނަމާދުކުރަން އިހްމާލްވާތީއެވެ.
އެހެންބުނާ މީހުންގެ ވާހަކައިގައި ޙަޤީޤަތެއްވާކަން ޤަބޫލުކުރަންޖެހެއެވެ. ސަބަބަކީ ދަރިން ލައްވައި ނަމާދުކުރުވޭނީ ފުރަތަމަ ކަމަކަށް މައިންބަފައިން ނަމާދުކޮށްގެން ކަމަށްވާތީއެވެ. ބައްޕައިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށްދާންޖެހޭ ފަދައިން މައިންނަށް އޮތީ ގޭގައި ނަމާދުކުރުމެވެ. މައިންބަފައިންނަކީ ނަމާދުކުރަން ސަމާލުކަންދޭ ބައަކުކަން ކުޑައިރުންސުރެ ދަރިންނަށް ދައްކައިދެވިގެން ނޫނީ ދަރިންގެ ކިބައިގައި ނަމާދުކުރުމުގެ ޢާދަ އަށަގެންނެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މިކިޔައިދެނީ ދާދިފަހުން ހިނގިކަމެކެވެ. މިސްކިތެއްގައި ސުންނަތް ރޯދައެއް ވީއްލަން ތައްޔާރުވެފައިވަނިކޮށް މިސްކިތަށް އަރަންދިއަ 10 ވަރަކަށް އަހަރުގެ 2 ކުއްޖަކަށް ދައުވަތު ދިނުމުން ކުޑަކޮށް ފަސްޖެހިލާފައިވެސް ބައިވެރިވިއެވެ. ބައިވެރިވީ "މިއަދު ރޯދަ ނޫންނަމަވެސް ބޮޑުވެގެން ރޯދަހިފީމާވެސް ބަރާބަރުވާނެ!" ކަމަށް ބުނީމައެވެ.
ސުފުރާ ކައިރީ އިށީނދެފައި އެއްކުއްޖަކު އަނެއް ކުއްޖާގެ ގާތުގައި ވަރަށް ސިއްރުން ބުނިއަޑު އިވުނެވެ. "އަހަރެމެންގެ ގޭގައި ނަމާދުކުރަނީވެސް ސުންނަތް ރޯދަ ހިފަނީވެސް މާމަ އާއި ކާފައެވެ." ޖަވާބުގައި އަނެއް ކުއްޖާ ބުނީ "އަހަރެމެންގެ ގޭގަ މާމައާއި ކާފަ ނެތީމާ ރޯދަހިފާނެ މީހަކު ނެތެވެ. އެކަމަކު މަންމަ ނަމާދުކުރެއެވެ." މިއީ ދެކުދިން ދެއްކި ވާހަކައެވެ.
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! ދަރިންނަކީ އިސްލާމް ދީނަށް ޢަމަލުކުރާ ޚާއްޞަކޮށް ނަމާދުކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވޭނެތޯއެވެ؟
ބައަކު ކޮންމެ ގޮތަކަށް ޤަބޫލުކުރިނަމަވެސް މިއަދުގެ ގިނަ ބައްޕައިން އެންމެ ބޮޑަށް ފޭލްވެފައިވާ އެއްކަމަކީ ދަރިން ލައްވައި ނަމާދުކުރުވުމެވެ. ގޭގައިވެސް ނުކުރުވޭތަނުގައި މިސްކިތަށް ގެންދިއުމުގައިވެސް ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ޚާއްޞަކޮށް ފަތިސްނަމާދުގައެވެ.
މާލޭގެ މެދުމިނުގެ ބޮޑެތި މިސްތަކުގެ ތެރެއިން މިސްކިތެކެވެ. މަދުރެއަކު ނޫނީ ފަތިސް ނަމާދަށް މިސްކިތް ފުރެއެވެ. ހިތާމައަކީ ދަރިން ގޮވައިގެން މިސްކިތަށް އަންނަނީ 4 ، 6 ބައްޕައިން ކަމެވެ. ބައެއް މިސްކިތްތަކަށް ކިތަންމެ މަދުން ނަމަވެސް 3،4 އަހަރުގެ ކުދިން ގޮވައިގެން ބައްޕައިން ހުރިހާ ނަމާދަކަށްހެން ދާކަންވެސް ފާހަގަކުރެވެއެވެ.
ކުޑައިރުންސުރެ ދަރިން މިސްކިތަށް ގެންގޮސް ނަމާދަށް އަހުލުވެރިކުރުވުމަކީ ބައްޕައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އެޒިންމާ އަދާނުކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ޔަޤީންވާއިރުވެސް މިހައި ގިނަ ބައްޕައިން އެކަމުގައި ފޭލްވެފައިވާކަމީ އެންމެ ބޮޑަށް ހިތާމަކުރަންޖެހިފައިވާ އެއްކަންތަކެވެ.
ކުރިންވެސް ފާހަގަކުރި ފަދައިން ދަރިން ގޮވައިގެން މިސްކިތަށް ގޮސް ނަމާދުކުރުވާ ބައްޕައިން މަދުނަމަވެސް އެކަންކުރާ ބައްޕައިންނަށް ހިތްވަރުދެމެވެ. ބައެއް ފަހަރު ކުދިން ބައްޕައިންގެ އުނގަށް ވަންނަތަނާ ގައިގައި ލެގިގެން ތިބޭތަންވެސް ފެނެއެވެ. އެކަމުންވާ އުނދަގުލަށް ނުބަލާށެވެ! ފަހުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
Advertisement
26 ޖޫން 2025