އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު
މައިންބަފައިންގެ ގޭގައި ދިރިއުޅެނީ ބޭބެއާއި ބޭބެގެ އަނބިދަރިންނެވެ. އަޅުގަނޑު ދިރިއުޅެނީ ފިރިމީހާ އާއި ދެމީހުންގެ މަސައްކަތުން ހޯދާފައިވާ ފްލެޓެއްގައެވެ. ހުކުރު ދުވަހަކު މެންދުރުވާން ގާތްވެފައިވަނިކޮށް މަންމަމެންގެ ގެއަށް ދެވުނުއިރު މަންމަ އުޅެނީ ބަދިގެ ތެރޭގައި ކައްކާށެވެ.
އާދައިގެ މަތިން ގޮސް މަންމަގެ ގައިގައި ބައްދައިލީމެވެ. ލިބުނީ ސިހުމެކެވެ. ހުމާ މަްނމަ ފިހެނީއެވެ. މަންމަގެ އަތުގައި ހިފައިގެން ގެންގޮސް ސިޓިން ރޫމްގައި ހުރި ސޯފާގައި ބައިންދާފައި ވަރަށް ބާރަށް ބުނެވުނެވެ. "މިގޭގައި ބައަކު ނޫޅެނީހެއްޔެވެ؟"
އަޅުގަނޑުގެ އަޑުއިވިގެން ް ބޭބެއާއި ފަހަރި އެތަނަށް އައުމުން ބޭބެގެ އަތުގައި ހިފައިގެން ގެންގޮސް މަންމަގެ ނިތްކުރީގައި ޖައްސުވާފައި ބުނީމެވެ. "މިޙާލުގައި މަންމަ ބަދިގެއަށް ވައްދުވައިގެން ކައްކުވާ އެއްޗެތި ހަމަ ތިއައަރުން އެތެރެވާނެ ހެއްޔެވެ؟ ތިމާ ހެއްދެވި ފަރާތަށްވެސް ބިރުނުގަންނަނީ ހެއްޔެވެ؟"
ދެމަފިރިންވެސް ހެދީ މަންމަގެ ޙާލު ނުއެނގޭ ކަމަށެވެ. ބުނީމެވެ. "މިއަދަކީ ހުކުރު ދުވަހެވެ. ދެމަފިރިންވެސް ތިއަތިބީ ގޭގައެވެ. މަންމަގެ ޙާލު ބަލައިލެވުނުނަމަ އެނގޭނެތާއެވެ. މަންމަގެ ޙާލު ނުއެނގޭ ކަމަށް ބުނެ ތިއަ ހަދަނީވެސް ދޮގެވެ. ކުރިން ަމންމަ އެއްވެސް ވާހަކައެއް ކިޔައި ނުދިންނަމަވެސް ހުންގަަދކަމުން ބޯގޮވާފައި އިނީމާ ނަމަވެސް މަސައްކަތްނުކުރާތީ މިއަދު ހެނދުނު ފަހަރި ކުރިވަރު ކިޔައިދީފިއެވެ. ބޭސްކައިލިމާ ރަނގަޅުވާނެއޭ، ތިއައީ މިއުޅޭ ރޯގާއޭ ބުނިވާހަކަވެސް ބުނެފިއެވެ. މައްސަލައެއް ނެތެވެ. އެއްވެސް ކަމެއް ނޭނގެއެވެ. އެނގޭނެ ކަމެއްވެސް ނެތެވެ. ގޭގެ 5 ކޮޓަރިން ބޭނުން 2 ކޮޓަރިއެއް ނަގާފައި އަނެއް 2 ކޮޓަރި ހުސްކުރާށެވެ! މަންމަގެ ކޮޓަރި މަންމައަށެވެ. އަނެއް ދެކޮޓަރިއަށް އަހަރެން މިބަދަލުވަނީއެވެ. ނޫނީ ފެންނާނީ އެއްވެސް ކަމެއް ނުއެނގޭ ބައެއްގެ ގާތުގައި ހުއްޓައި މަންމަ މަރުވެފައި އޮއްވައެވެ. މަންމަ ގޮވައިގެން މިދަނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ގެންދާނީ ގެއަށެވެ. ގެއަށް ބަދަލުވާނީ ހަވީރުއެވެ." އެހެން ބުނެފައި މަންމަ ގޮވައިގެން ދިއައީއެވެ.
ފިރިމީހާ އެގޮތް ޤަބޫލެއް ނުކުރިއެވެ. ފިރިމީހާ ބުނީ މަންމަގެ ގޭގެ 3 ކޮޓަރި ކުއްޔަށްދިނުމަށެވެ. މަންމަ ގެންގުޅޭނީ އަހުރެމެންގެ ގޭގައި ކަމަށެވެ. އެއީ އެގެއަށް ބަދަލުވެއްޖެނަމަ ޒުވާބުކުރަންޖެހޭނެތީ ކަމަށެވެ. އެެހން ބުނުމުން ޢަމަލުކުރީ ފިރިމީހާ ބުނިގޮތަށެވެ.
ފަހަރީގެ ނުފޫޒުގައި ބޭބެ ނިންމީ 3 ކޮޓަރި ނުދޭށެވެ! އެގޮތަށް ނިންމުމުން ބައްޕަގެ ތަރިކަ ބަހަން ކޯޓަށްލީއެވެ.
ބުނެލަން ބޭނުންވަނީ މަންމަ ގެނެސް ގެންގުޅެން ފެށިފަހުން ދެމަފިރިންގެ މަސައްކަތް ކުރިއަރައިގެން ދިއައެވެ. ލިބޭ އާމްދަނީ އިތުރުވިއެވެ. ދެމަފިރިންގެ ގުޅުމަށްވެސް އިތުރު ބަދަހިކަން ލިބުނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ މައިން މުސްކުޅިވާ ދުވަހު ނިކަމެތިނުކުރާށެވެ! މައިންނަށް ހެޔޮކޮށް ހިތާވަރަކަށް އެކަމުގެ ފައިދާ ދުނިޔޭގައިވެސް ފެންނާނެއެވެ. އިން ޝާ ﷲ.
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 ޖޫން 2025