އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޞިއްޔަތަށް ރައްކައުތެރިވުން- ކޮންމެހެން ކުރަންޖެހޭ ކަމެއް!

ވަޞިއްޔަތަށް ރައްކައުތެރިވުން- ކޮންމެހެން ކުރަންޖެހޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 26 ސިކުންތު

ވަޞިއްޔަތުގެ ތަޢުރީފު: 

ޢަރަބިބަހުގައި ވަޞިއްޔަތަކީ އެއްޗެއް އެއްޗަކާ ގުޅުވާލުމެވެ. މީސްތަކުން ކުރާ ވަޞިއްޔަތަށް ވަޞިއްޔަތޭ ކިއިފައިވަނީ ދިރިހުރިއިރު އޮތްކަމަކާއި މަރުވުމަށްފަހުގައި އެކަމަކާ ގުޅުވައިދޭ މެދުވެރިއަކަށް ވާތީއެވެ.

ފިޤްހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި، ވަޞިއްޔަތަކީ މަރުވުމަށްފަހުގައި ކަމެއްކުރުމަށް ކުރެވޭ އަމުރެވެ. މީގެ ތެރޭގައި، މުދާ ވަކިގޮތަކަށް ހޭދަކުރުމާއި، ދަރިން ބެލެހެއްޓުމަށް ވަޞިއްޔަތްކުރުމާއި، މަރުވެފައިވާމީހާ ހިނެވުމާއި، އެމީހާގެ މައްޗަށް ކަށުނަމާދު ކުރުންފަދަ ކަންކަން ހިމެނިގެންދެއެވެ. 

ވަޞިއްޔަތް ޝަރުޢުވުމުގެ ދަލީލުތައް: 

ވަޞިއްޔަތް ޝަރުޢުވެގެންވާކަމަށް ޤުރުއާނުންނާއި ސުންނަތުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ދަލީލު ލިބެއެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ((كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْراً الْوَصِيَّةُ لِلْوَالِدَيْنِ وَالأَقْرَبِينَ بِالْمَعْرُوفِ حَقّاً عَلَى الْمُتَّقِينَ)) (البقرة: 180)

މާނައީ: "ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް ޙާޟިރުވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. (އެކަންއޮތީ) ތަޤްވާވެރިންގެ މައްޗަށްއޮތް ޙައްޤެއް ކަމުގައެވެ." 

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.

((مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا)) (النساء: 12) 

މާނައީ: "އެއީ، ތިޔަބައިމީހުންކުރާ ވަޞިއްޔަތެއްވާނަމަ، އެ ވަޞިއްޔަތެއް ތަންފީޛުކުރުމަށްފަހުގައެވެ." އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَا حَقُّ امْرِئٍ مُسْلِمٍ، لَهُ شَيْءٌ يُرِيدُ أَنْ يُوصِيَ فِيهِ، يَبِيتُ لَيْلَتَيْنِ، إِلَّا وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ)) (متفق عليه) މާނައީ: “ކަމަކަށް ވަޞިއްޔަތްކުރުމަށް ބޭނުންވެފައިވާކަމެއް، އެމީހާ ލިޔެފައި ވަޞިއްޔަތްނުކޮށް ދެރޭ ހޭދަކުރުމަކީ މުސްލިމަކަށް ޙައްޤުވެގެންވާކަމެއްނޫނެވެ." 

އަދިހަމައެހެންމެ، ވަޞިއްޔަތް ކުރުމަކީ ހުއްދަކަމެއްކަމަށް ޢިލްމުވެރިން އިޖުމާޢުވެލައްވާފައިވެއެވެ. 

ވަޞިއްޔަތް ޝަރުޢުކުރެއްވުމުގެ ޙިކުމަތް: 

ވަޞިއްޔަތުގެ ފައިދާތަކަށް ވިސްނާލުމުން އެނގިގެންދާނީ ވަޞިއްޔަތަކީ އެކަމުގެ ސަބަބުން ދުނިޔޭގައިވެސް ހެޔޮގޮތްމެދުވެރިވެ، އަދި އާޚިރަތުގެ ޘަވާބާއި ދަރުމަ ޙާޞިލުވުމަށްއޮތްމަގެއްކަމެވެ. އިސްލާމީ ޝަރުޢުގައި ބާރުއަޅުއްވާފައިވަނީ ހެޔޮޢަމަލުތައް ގިނަކުރުމެވެ. ވާރިސުން ފިޔަވައި ގާތްތިމާގެގޮތުން ކައިރިމީހުންނާ ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ޙާޖަތަށް ޖެހިފައިވާމީހުންގެ ޙާޖަތްތައް ފުއްދައިދިނުމާއި، ފަޤީރުންނާއި މިސްކީނުންގެ ބޭނުންތައް ފުއްދައިދިނުންފަދަ ކަންކަމަކީ މިގޮތުން ބަލާއިރު އިސްލާމްދީން ބާރުއަޅުއްވާފައިވާ ކަންކަމެވެ. އިންސާނާ މަރުވުމަށްފަހު، އެމީހާގެ މުދަލުން މިފަދަ ހެޔޮކަންކަމަށް ހޭދަކުރުމަށް ވަޞިއްޔަތްކުރުމަކީ، އެ ވަޞިއްޔަތްކުރާމީހާ މަރުވުމަށްފަހުވެސް ހެޔޮކަންކަމުގެ ޘަވާބާއި ދަރުމަ ޙާޞިލުކުރުމަށްއޮތް މަގެކެވެ. 

ހަމައެހެންމެ، އިންސާނާ މަރުވުމަށްފަހު، އެމީހާގެ އަހުލުންނަށް ހެޔޮކަންކަމަށް ވަޞިއްޔަތްކުރުމާއި، ދަރިންބެލެހެއްޓުންފަދަ ކަންކަމުގައި ރަނގަޅުގޮތަށް އިރުޝާދުދީ ވަޞިއްޔަތްކުރުމަކީ މުހިއްމުކަމެކެވެ. މިގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުގެ އުއްމަތަށް ހެޔޮވެގެންވާ ވަޞިއްޔަތްތަކެއް ކުރައްވާފައެވެ. ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ މަގަށް ވާޞިލުވާނެމަގަށް މަގުދައްކަވާފައެވެ. 

ވަޞިއްޔަތް ކުރެވޭނީ ކިހިނެއް: 

ވަޞިއްޔަތް ކުރެވޭނީ 3 ގޮތަކުންނެއެވެ. 

(1)  ބަހުން ކުރެވޭ ވަޞިއްޔަތެވެ. މިގޮތަށް ވަޞިއްޔަތް ކުރެވޭނެކަމާމެދު ޢިލްމުވެރިން މެދުގައި ޚިލާފެއްނެތެވެ. މީގެ މިސާލަކީ؛ ތިމަން އެވެނިމީހަކަށް މިވެނިކަމަކަށް ވަޞިއްޔަތް ކޮށްފީމެވެ. ނުވަތަ ތިޔަބައިމީހުން ހެކިކޮށް ތިމަންގެ މުދަލުގެ ހަތަރުބައިކޮށްފަ އެއްބައި ދިނުމަށް ވަޞިއްޔަތްކުރަމެވެ. މިފަދަ ޢިބާރާތަކުން ވަޞިއްޔަތް ކުރުމެވެ. 

(2)  ލިޔެގެން ވަޞިއްޔަތް ކުރުމެވެ. ވާހަކަ ނުދެއްކޭ މީހަކު، ނުވަތަ މަންމަންމީހަކު ލިޔެގެން ވަޞިއްޔަތް ކުރެވޭނެކަމާމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތެވެ.  

(3)  ވަޞިއްޔަތް ކުރިކަން އެނގޭނެފަދަ އިޝާރާތަކުން ވަޞިއްޔަތް ކުރުމެވެ. މަންމަން ވާހަކަ ނުދެއްކޭ މީހަކަށް ވަޞިއްޔަތް ދޭހަވާފަދަ އިޝާރާތަކުން ވަޞިއްޔަތް ކުރެވިދާނެއެވެ. ނަމަވެސް މިކަމުގެ ޝަރުޠަކީ އެވަޞިއްޔަތް ކުރާމީހާއަށް ވާހަކަދެއްކުމަށާއި، ލިޔުމަށް ނުކުޅެއްދުންތެރިވެގެންވުމެވެ. ވާހަކަ ނުދެއްކޭމީހަކަށް ލިޔަން އެނގޭކަމުގައިވާނަމަ އެމީހާކު ޖެހޭނީ ލިޔެގެން ވަޞިއްޔަތް ކުރާށެވެ. 

ވަޞިއްޔަތުގެ ވައްތަރުތައް: 

ވަޞިއްޔަތުގެ ދެވައްތަރެއް ވެއެވެ. އެއީ ވާޖިބު ވަޞިއްޔަތާއި ސުންނަތް ވަޞިއްޔަތެވެ. މިގޮތުން، ވަޞިއްޔަތްކުރާމީހާގެ މައްޗަށް ދަރަންޏެއް، އަމާނާތެއް، ނުވަތަ ޒިންމާއެއްފަދަ ކަމެއްވާނަމަ އެކަމާބެހޭގޮތުން ވަޞިއްޔަތް ކުރުމަކީ ވާޖިބުވެގެންވާކަމެކެވެ. މިފަދަ ވަޞިއްޔަތުގެ ސަބަބުން ވާރިޘުންނަށް އެކަމާބެހޭ ތަފްޞީލު ފުރިހަމައަށް ލިބުމަށް މަގުފަހިވެގެންދާނެއެވެ. 

ސުންނަތް ވަޞިއްޔަތަކީ، މީހަކު މަރުވުމަށްފަހު، އެމީހާގެ މަތިން ހެޔޮކަންތައްތަކަށާއި އިޙްސާންތެރިވުމުގެ ގޮތުން ކަންކަން ކުރުމަށް ވަޞިއްޔަތްކުރެވޭ ވަޞިއްޔަތް ކުރުމެވެ. މިސާލަކަށް؛ ތިމަން މަރުވުމުން ތިމަންގެ މުދަލުގެ ހަތަރުބައިކޮށްފަ އެއްބައި ފަޤީރުންނަށް ޞަދަޤާތްކުރާށެވެ. މިފަދަ ވަޞިއްޔަތެއް ކުރުމެވެ. މިގޮތުން މަރުވުމަށްފަހު ކަމެއްކުރުމަށް، ނުވަތަ މީހަކަށް ދިނުމަށް ވަޞިއްޔަތް ކުރެވޭނީ އެމީހެއްގެ މުދަލުގެ ތިންބައިކޮށްފަ އެއްބަޔަށްވުރެ މަދު މިންވަރެކެވެ. ވަޞިއްޔަތް ކުރެވޭނެ މިންވަރު ކަނޑައަޅުއްވާފައިވުމުގެ އެންމެ މުހިއްމު ޙިކުމަތަކީ ވާރިސުންގެ ޙައްޤުތައް ދިފާޢުކުރުމެވެ. މިއާޚިލާފަށް އެމީހާ ދުނިޔޭގައި ހުންނައިރު، އެމީހާގެ މުދަލުން އެދޭމިންވަރެއް އެމީހަކަށް ހޭދަކުރެވިދާނެއެވެ. 

ވަޞިއްޔަތް ޝަރުޢުއާ އެއްގޮތްވުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތައް: 

ވަޞިއްޔަތެއް ކުރާއިރު، އެ ވަޞިއްޔަތަކީ އިސްލާމީ ޝަރުޢުގައި ބަޔާންވެގެންވާގޮތާ އެއްގޮތްވެގެންވާ ވަޞިއްޔަތަކަށް ހެދުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. 

(1) އެކުރާ ވަޞިއްޔަތަކީ ޢަދުލުވެރި ވަޞިއްޔަތަކަށްވުމެވެ. މިގޮތުން ޝަރުޢީ ޢުޛުރަކާނުލައި އެއްދަރި އަނެއްދަރިއާ ތަފާތުވާގޮތަށް، ނުވަތަ ގިނަ އަނބިން ހުރިމީހަކު އެއްއަނބި އަނެއްއަންބާ ވަޞިއްޔަތުގައި ތަފާތުކުރުމަކީ ޢަދުލުވެރިކަމާ އެއްކިބާވާނެ ކަންކަމެވެ.

(2) ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވާގޮތަށް ކުރެވޭ ވަޞިއްޔަތަކަށްވުމެވެ.

(3) ހެޔޮކަމަކަށް ވަޞިއްޔަތްކުރާއިރު ﷲއަށް އިޚްލާޞްތެރިވުމާއި، ހެޔޮކަންކަމަށް ވަޞިއްޔަތްކުރުމެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް