އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
މި ޖަފާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމުގެ ތަޖުރިބާތަކުން ކޮންމެ ޤައުމަކަށް ހާސިލްކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެ މަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، ޚާއްޞަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ފަރިއްކޮޅުގައި ސިންގަޕޫރާއި ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
Advertisement
1 ޖުލައި 2025