އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސިންގަޕޫރަކީ މުހިއްމު ބައިވެރިއެއް: ރައީސް

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސިންގަޕޫރަކީ މުހިއްމު ބައިވެރިއެއް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސިންގަޕޫރަކީ މުހިއްމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ ޤައުމުގެ ގުޅުމުގެ ތާރީޚަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށެވެ. އަދި މިވޭތުވެދިޔަ ދިގު މާޒީގައި އެގުޅުންތައް އިތުރަށް ބަދަހިވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ސިންގަޕޫރަކީ ދިވެހިން ތަރައްޤީއާއި ތަމައްދުން ތަޞައްވުރު ކުރުމުގައި މިސާލު ނަގާ ޤައުމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެ ޤައުމުން ލިބެން ހުރި ސިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ދިވެހިން ބޭނުންކުރާކަމަށާއި، އެކަމުގެ ފައިދާ ހޯދައި މިހާރު ޤައުމަށް ޚިދުމަތްކޮށްދެމުންދާ ޖީލެއް އުފެދިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު ކުރިމަތިވި މާލޭގެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހުޅުމާލޭ ޣާޒީ ސްކޫލަކީވެސް ސިންގަޕޫރުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރުއްވާފައެވެ. މި ފަރިއްކޮޅުގައި ދެ ޤައުމުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު