އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާނި ވަސީލަތްތައް އަގު ބޮޑުވުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެއް: ވަޒީރު މާރިޔާ

ޒަމާނި ވަސީލަތްތައް އަގު ބޮޑުވުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެއް: ވަޒީރު މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ދިވެހިރާއްޖޭގައި ދަނޑުވެރިކަން ޒަމާނީ އަދި ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިއުމުގައި އައު އީޖާދުތަކާއި، ޓެކްނޮލޮޖީގެ އާލަތްތައް އަގުބޮޑުވުމަކީ ގޮންޖެހުމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފް އޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއަށް އެތެރެކުރަނީ އަހަރެމެން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަކަން ފާހަގަކުރެއްވިއެވެ.އަދި ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑު ކަމަށްވެފައި، 1 އިންސައްތައަކީ އެއްގަމު ކަމުގައިވާއިރު، އަދި އެ އެއްގަމުގެ 80 އިންސައްތަ އޮތީ ކަނޑުގެ ލޮނުގަނޑުން މަތީގައި 1 މީޓަރަށްވުރެ ދަށުގައި ކަމަށްވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަން ފާހަގަކުރެއްވިއެވެ.އެހެންކަމުން މި ނާޒުކު ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ހެޔޮ ބަދަލު ގެނައުމަށް، ދަނދުވެރިކަން ޒަމާނީކުރުމަށް އިސްތިރާޖީ މަޝްރޫޢުތަކެއް ތަންފީޒުކުރަމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ.

"އަހަރެމެން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށޭނަ ދަނޑުވެރިކަމުގެ އާ ޓެކްނިކްތައް ތަޢާރަފުކުރަން ފަށާފަ. މީގެ ތެރޭގައި ހިމެނެނީ އަހަރެމެންގެ ރަށްތަކުގެ ޚާއްޞަ ޙާލަތަށް ފެތޭގޮތަށް ބައްޓަންކުރެވިފައިވާ ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޯނިކްސް. ޚާއްޞަކޮށް ވާޓިކަލް ފާމިންގއަކީ ދިވެހިރާއްޖޭގައި ބިމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ޢަމަލީގޮތުން ކުރެވިދާނެ ކަމެއް."

ވަޒީރު ވިދާޅުވީ މި ބަދަލު ގެނައުމަށް އެހީތެރިވުމުގެ ގޮތުން، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރަނގަޅު ދަނޑުވެރިކަމުގެ އާދަތަކާ (އެމްޖީއޭޕީ) ބެހޭގޮތުން ދަނޑުވެރިންނަށް މަޢުލޫމާތު ދެމުން ގެންދާކަމަށެވެ. މީގެ ތެރޭގައި ގަސްކާނާ އަދި ޕެސްޓިސައިޑް ރައްކާތެރިކަމާއެކު އަދި ހަރުދަނާކަމާއެކު ބޭނުންކުރުމަށް އިސްކަންދެއްވާކަމަށެވެ. މީގެ އިތުރުން، ފެން ބޭނުންކުރުން މަދުކުރުމަށާއި ބިމުގެ ފެނަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ވާރޭފެން ނަގާ ރައްކާކުރުމަށް ބާރުއަޅާކަމަށާއި އަދި މީގެ އިތުރުން، ވަސީލަތްތައް އިސްރާފުވުން ކުޑަކުރުމަށާއި ކެމިކަލް ބޭނުންކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ޕްރެސިޝަން އެގްރިކަލްޗަރއާ ބެހޭގޮތުން ދަނޑުވެރިންނަށް މަޢުލޫމާތު ދެމުން ގެންދަވާކަމަށެވެ.

"އަހަރެމެން އަދި ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޯނިކް ސިސްޓަމްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާ މެދުވެސް ވިސްނަމުން ގެންދަން. ނަމަވެސް މި ޓެކްނޮލޮޖީތަކުގެ އަގުބޮޑުކަމަކީ ގޮންޖެހުމެއް. ޚާއްޞަކޮށް ކުދި ދަނޑުވެރިންނަށާއި އަމިއްލަ ބޭނުމަށް ދަނޑުވެރިކަންކުރާ ފަރާތްތަކަށް މި ޓެކްނޮލޮޖީތައް ގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެ. އެހެންކަމުން މިކަމާ ގުޅުވައިގެން ދަނޑުވެރިންނަށް ލުއި ލޯނު ދޫކުރުމާއި ހިލޭ އެހީގެ ޕްރޮގްރާމްތައް ފަށާފައިވާނެ"

ވަޒީރު އިތުރަށް ފާހަގަކުރެއްވީ ކެމިކަލް ގަސްކާނާގެ ސަބަބުން ދިގު މުއްދަތަކަށް ބިން ހަލާކުވަމުންދާކަން، މަސް ކުނޑިއާއި ކާބޯތަކެތީގެ ކުނި ބޭނުންކޮށްގެން އޯގަނިކް ގަސްކާނާ އުފެއްދުމުގެ އައު ގޮތްތައް ހޯދަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ނުހަނު ފާގަތިކަން ފާހަގަކުރައްވައި ވިދާޅުވީ އެހެންކަމުން މި ގޮތަކީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިދާނެ ކަމެއް ކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށްޓަކައި، އަހަރެމެން ވަނީ ޒަމާނީ މޫސުމާބެހޭ މަޢުލޫމާތު ދޭ ނިޒާމުތަކާއި އަވަހަށް އިންޒާރުދޭ ނިޒާމުތަކުގައި އިންވެސްޓްކުރަން ފަށާފައި ވާކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި މަސްވެރިންނަށް ބަދަލުވަމުންދާ ޙާލަތްތަކާ އެއްގޮތަށް ހަރަކާތްތެރިވެ، ކުރިއަރައި ދިއުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތްތައް ލިބިގެންދާނެކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 

ހަބަރު: ސަރުކާރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު