އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމަށް ނަގަންޖެހޭ ޚާއްސަ ލައިސެންސް ނެތި ދުންފަތުގެ ވިޔަފާރި ކުރުމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ތަންފީޒުކުރަން ފަށާ އާ އުސޫލެކެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި، ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީއެކްސްޕޯޓުކުރުމަށާއި ރާއްޖޭގައި ވިއްކުމަށް މިހާރު ވަކި ލައިސެންސެއް ނަގަންޖެހެއެވެ. މިއީ ދުންފަތުގެ ވިޔަފާރި ރަނގަޅަށް ބެލެހެއްޓުމަށާއި، ޤާނޫނީ ދަފްތަރެއްގެ ތެރެއިން މިވިޔަފާރި ކުރިއަށްގެންދިއުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.
ދުންފަތުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ މިލައިސެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ. އެޗްޕީއޭއިން ބިޒްނަސްވެރިންނަށް ގޮވާލާފައިވަނީ، ދުންފަތުގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މިމަހުގެ 17 ގެ ކުރިން ލައިސެންސް ނުނަގާ އޭގެފަހުން ވިޔަފާރިކުރާނަމަ އެއީ ޤާނޫނީ ކުށެއް ކަމަށާއި، އެކަމުގެ އަދަބު އެފަރާތްތަކަށް ލިބޭނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމަށް ނަގަންޖެހޭ ލައިސެންސް އަދި ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރު ނަމަ 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ އާއްމު ގަވާއިދުގައިވަނީ ސިއްޙަތާ ބެހޭ ވުޒާރާއަށް ބާރު ދެއްވާފައެވެ. އަދި މިފަދަ ކުށެއް ތަކުރާރުވެއްޖެ ނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 100,000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. މީގެއިތުރުން، ޤަވާއިދުގެ ދަށުން ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.
ވިޔަފާރިވެރިންނާއި އާއްމުންވެސް މިކަމަށް ސަމާލުވެ، ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
Advertisement
2 ޖުލައި 2025