އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އޮންނަ ބާރު ކުޑަކޮށް، އާންމުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެ ކަމަށް އެ ގްރޫޕްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މަޢުލޫމާތު ދެއްވަމުން ސީއީއޯ ވިދާޅުވީ، ފަސޭހަ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިކުރުމަށްޓަކައި މާލޭގައި އާންމު ބަލީގެ ކްލިނިކްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެޕޮއިންޓްމަންޓަށް ރިކުއެސްޓްކުރައްވާ ގިނަ ބޭފުޅުން އަންނަނީ ރިފަރަލް ނިޒާމެއްގެ ތެރެއިނެއް ނޫން އެޕޮއިންޓްމަންޓް ނޯޓުކުރަން މިއަންނަނީ. އެހެންވީމަ އެކަމަށް ހައްލެއް ގެނެވިއްޖިއްޔާ ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފަރކުރެވިގެން އައިމަ މިކަމަށް ހައްލެއް އަންނާނެކަމަށް މިބަލަނީ. އެކަމަށްޓަކައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ސީއީއޯ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މާލެ ސަރަޙައްދުގައި މިފަދަ 4 ކްލިނިކް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މިއީ ޞިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
މި ކްލިނިކްތައް ޤާއިމުކުރުމުން، މައި ހޮސްޕިޓަލްތަކަށް އަންނަ ބާރު ކުޑަވެ، އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ޚާއްޞަ ފަރުވާ ބޭނުންވާ ބަލިމީހުންނަށް މައި ހޮސްޕިޓަލްތަކުން އިތުރު ސަމާލުކަމެއް ދެވިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
Advertisement
2 ޖުލައި 2025