އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
ކައިވެނިކޮށްގެން އަޅުގަނޑަށް އުޅެންޖެހުނީ ފިރިމީހާގެ ގޭގައެވެ. ފިރިމީހާވެސް އަދި ފިރިމީހާގެ މަންމަވެސް އަޅުގަނޑާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑަށް ހުރެވެނީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެއީ މަންމަ ބުނާއިރަށް ބުނާވަރަކަށް ފިރިމީހާ މަންމައަށް ފައިށާދޭތީއެވެ. އަދި ކީއްކުރަންތޯ ސުވާލެއްވެސް ނުކުރާތީއެވެ.
އެގެއަށް ދިއަތާ 3 ވަނަ މަހަކީ ޚާއްޞަ މަހެކެވެ. އެއީ އަޅުގަނޑުގެ 30 ވަނަ އުފަންދުވަހާއި ބައްދަލުކުރަންޖެހޭތީއެވެ. އަބަދުވެސް ވިސްނަމުން ދިއައީ ކުލަގަދަކޮށް އުފަންދުވަސް ފާހަގަކުރާނެ ގޮތަކާއިމެދުގައެވެ.
އުފަންދުވަސް ވަރަށް ގާތްވެފައިވަނިކޮށް އެއް ދުވަހަކު މަންމަ ފިރިމީހާގެ ކިބައިން ފައިސާއަށް އެދުމުން ބުންޏެވެ! "މަންމާއެވެ! ވޮލެޓުގައި މިއަދަކު ފައިސާއެއް ނެތެވެ. ކޭޝްކާޑު މިއޮތީއެވެ. ގެންގޮސް ބޭނުންކަމެއް ކުރާށެވެ!"
އެދުވަހު ފިރިމީހާ އާއި ސުވާލުކުރީމެވެ. މަންމަ ބުނާއިރަށް ކޮންމެ ދުވަހަކު މަންމައަށް ފައިސާދޭ ސަބަބާއިމެދުގައެވެ. ފިރިމީހާގެ ޖަވާބަކަށްވީ އެއީ ވަރަށް ކުޑައިރުންސުރެ އެކަނިމާ އެކަނި އަހުރެން ގެންގުޅެ ބޮޑުކުރި މަންމައެވެ. އަހުރެންގެ އެކައުންޓަށް ފައިސާ ޖަމާކުރެވެނީ މަންމަ އަހުރެންނަށް ކިޔަވައިދީ ރަނގަޅު ވަޒީފާއެއް ހޯދަން މަގުފަހިކޮށްދިނީތީއެވެ. ވީމާ އަހުރެންގެ އެކައުންޓުގައި ހުންނާނީ މަންމަގެ ފައިސާ ނޫންހެއްޔެވެ؟ މަނަމަގެ އެއްޗެއް މަންމައަށް ނުޑީ ހިފަހައްޓަން އަހުރެންނަށް އޮންނާނީ ކޮން ޙައްޤެއް ހެއްޔެވެ؟
އިރުކޮޅަކުން މަންމަ އެނބުރި އައިސް ގެނައި ކޮތަޅުތަކުން ސާމާނު ނަގައި ކިޔައިދިންއިރު ގަނެފައިވަނީ އަހުރެންގެ އުފަންދުވަހަށް އަހުރެންނަށް ދޭނެ ހަދިޔާއެވެ. ހެދުމާއި އެނޫންވެސް ތަކެއްޗެވެ.
ވަރަށް ލަދުން ހުރެ އެއްޗެތީގައި ހިފީމެވެ. ލަދުގަތީ މަންމައާއިމެދު ނުބައިކޮށް ހީކުރެވުނީތީއެވެ. ހަމަ އެދުވަހު ރަނގަޅު ފުރުޞަތެއް ހޯދައިގެން މަންމަގެ ކިބައިން މާފަށްވެސް އެދުނީމެވެ. ކުށްހީކުރެވުނީތީއެވެ. އަދި އެގޮތަށް ހީކުރަންޖެހުނު ސަބަބުވެސް ބުނީމެވެ. އެއީ އަޅުގަނޑުގެ މަންމަ ބައްޕަގެ އަތުން ފައިސާ ހޯދައިގެން ގޮސް ބޭކާރު އެއްޗެތި ގިނައިން ގަންނާތީ ކަމަށްވެސް ބުނީމެވެ. އަދި ބުނީމެވެ. "ތިއަ މަންމައަށްވުރެ އަޅުގަނޑުގެ މަންމަގެ ތަނަވަސްކަންވެސް މާބޮޑެވެ. އެކަމަކު ދުވަހަކުވެސް ތިއަހައި ގިނަ ހަދިޔާއެއް ނުދެއެވެ. އެހެންވެ މިއަދު މިހުރީ ވަރަށް އުފަލުންނެވެ."
ޖަވާބުގައި މަންމަ ބުންޏެވެ! "ދަރިފުޅާއެވެ! ދަރިފުޅާއިމެދު މަންމަގެ ހިތް ވަރަށް ސާފެވެ. އަމިއްލަ ދަރިންނާއި އެއްވެސް ތަފާތެއް ނެތެވެ. ކުރެވިފައި ހުންނަ ތަޖުރިބާގެ ސަބަބުން ތިއަބާވަތުގެ ކަންކަން ވިސްނިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މަންމައަށް ރަނގަޅީ ދެންވެސް މަންމަގެ ކިބައިން ކިތަންމެ ކުޑަ ކަމަކަށް ޝައްކުވިޔަސް އަހައި އޮޅުންފިލުވައިލިއްޔާއެވެ! ނޫންނަމަ ޝައިޠޯނާ އެކަން ބޮޑު ފިތުނައަކަށް ބަދަލުކުރުވާނެތީއެވެ!"
އަޅުގަނޑަސް ކުރިމަތިވި މިކަންކަމުގެ ވާހަކަ މިކިޔައިދިނީ މައިދައިތައިންނާއިމެދު ތަފާތު ވާހަކަތައް ދެކެވޭތީއެވެ. ބައަކު ގޯސްނަމަވެސް މިފަދަ ރަނގަޅު މައިދައިތައިންވެސް ތިބޭވާހަކަ ބުނެލުމަށެވެ.
- ހާޖަރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
3 ޖުލައި 2025