އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ރާއްޖޭގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ އިތުރުން ދެ ރަށެއްގައި ފުލުހުންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ނިންމާފައިވާކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަޝްރޫއުތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެ މަތިން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ނިންމާފައިވަނީ ށ. ފީވަށް، ރ. މަޑުއްވަރި، މ. މުލި، ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ލ. މާވަށުގައި ކަމަށެވެ. މި ތަންތަނުގެ ތެރެއިން މުލި އަދި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 212,500 ރުފިޔާ ކަނޑައަޅާފައިވާއިރު، އެހެން ރަށްތަކުގައި ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ވަނީ 72,250 ރުފިޔާ ކަނޑައަޅާފައެވެ.
ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ނިންމާފައިވަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައެވެ. މި މަޝްރޫއުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 127,500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވެފައިވަނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 14:00 އަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.
މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިންނެވެ. މި މަސައްކަތްތަކުގެ ސަބަބުން އެ ރަށްރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
3 ޖުލައި 2025