އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 41 ސިކުންތު
ދެއިރުގެ ޛިކުރުތައް ކިޔަންވާ ވަޤުތުތަކުގައި ނުކިޔޭތީ ބައެއް ކިޔުންތެރިން ކަންބޮޑުވެ ސުވާލުކުރައްވައެވެ. މިމައްސަލަ ބޮޑަށް ކުރިމަތިވަނީ ފަތިހު ލަހުން ހޭލެވުމުންނެވެ. އެހެންވެ މިގެނެސްދެނީ ޢަމަލުކުރަން އޮތް ގޮތެވެ.
ހެނދުނާއި ހަވީރު ކިޔުމަށް ގިނަ ޛިކުރުތަކެއް ރަސޫލާ صلى الله عليه وسلمގެ ސުންނަތުން ޘާބިތުވެފައިވެއެވެ. ނަމަވެސް މިޛިކުރުތައް ކިޔުމަށް އެންމެ އެދެވިގެންވާ ވަޤުތަކީ ކޮބައިތޯ ޢިލްމުވެރިންވަނީ ބަހުޘްކުރައްވާފައެވެ. އެއީ އެކަމާ ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތަކާއި އަދި ޢަރަބި ބަހުގެ ޢިލްމުވެރިން އެވަޤުތުތައް ޝަރަޙަކުރައްވާފައިވާ ގޮތަށް ބިނާކޮށެވެ.
މިގޮތުން ހެނދުނުގެ ޛިކުރުތައް ފެށޭވަޤުތަކީ ފަޖުރުލުމުންކަމުގައި ގިނަބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ނިމޭ ވަޤުތާބެހޭގޮތުން ޢިލްމުވެރިންގެ 3 ޤައުލެއްވެއެވެ.
1- މިވަޤުތުނިމެނީ އިރުއެރުމުންނެވެ.
2- މިކަމުގެ އަޞްލުވަޤުތަކީ ފަޖުރުލީއްސުރެ އިރުއަރަންދެނެވެ. ނަމަވެސް ދުވާލުގެ ވަޤުތެއްގައިކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.
3- މިވަޤުތުނިމެނީ އިރުއޮއްސުމުންނެވެ.
އަދި ހަވީރުގެ ޛިކުރުތަކާބެހޭގޮތުންވެސް 3 ޤައުލެއްވެއެވެ.
1- ޢަޞުރު ފަހުން ފެށުމަށްފަހު އިރުއޮއްސުމުން މިވަޤުތު ނިމެއެވެ.
2- އިރުއޮއްސުމަށްފަހު ފަށާފައި އިރުއެރުމުން މިވަޤުތު ނިމެއެވެ.
3- މިކަމުގެ އަޞްލު ވަޤުތު ފަށަނީ އަޞުރު ވަޤުތު ވަނުމުންނެވެ. ނަމަވެސް ރޭގަނޑުގެ ވަޤުތެއްގައި ކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.
މިޤައުލުތަކުގެ ތެރެއިން އިބްނުލް ޤައްޔިމް رحمه الله "الوابل الصيب من الكلم الطيب" އޭ ކިޔުނު ފޮތުގައި ބުރަވެވަޑައިގެންފައިވާ ޤައުލަކީ ހެނދުނުގެ ޛިކުރުތައްކިޔުމުގެ ވަޤުތަކީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ވަޤުތަކީ އަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ. އެގޮތުން ތިރީގައި އެވަނީ އެފޮތުގައިވާ އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ ބަސްކޮޅުގެ ތަރުޖަމާއެވެ.
އިބްނުލް ޤައްޔިމް رحمه الله ގެ ބަސްކޮޅު:
އެދެވަޤުތުވަނީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ޢަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا[٤١] وَسَبِّحُوهُ بُكْرَةً وَأَصِيلًا[٤٢]﴾ سورة الأحزاب
މާނައީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން الله ހަނދުމަކުރާށެވެ. (41) އަދި ހެނދުނާއި ހަވީރު އެއިލާހަށް ތަސްބީޙަ ކިޔާ އުޅޭށެވެ. (42)"
الأَصِيْلُ އާ ބެހޭގޮތުން އަލްޖައުހަރީ ވިދާޅުވެފައިވެއެވެ: އެއީ ޢަޞުރުފަހުން އިރުއޮއްސިއްޖައުމަށްދާންދެން އޮންނަ ވަޤުތެވެ. އޭގެ ޖަމްޢުއަކީ: أُصُل وآصال وأصائل…
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ ﴾ [سورة غافر ٥٥]
މާނައީ: "އަދި ކަލޭގެފާނުގެ ރައްބަށް ހަވީރާއި ހެނދުނު ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ."
ފަހެ الإِبْكَار އަކީ: ދުވާލުގެ ކުރީކޮޅެވެ. އަދި العَشِيُّ އަކީ: އޭގެ ފަހުކޮޅެވެ.
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ [سورة ق٣٩]
މާނައީ: "އަދި އިރު އެރުމުގެ ކުރީގައްޔާއި އޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަވިދާޅުވާށެވެ."
ހެނދުނުވުމުން ނުވަތަ ހަވީރުވުމުން މިފަދައިން އަދި އެފަދައިން ކިޔާށޭ އައިސްފައިވާ ޙަދީޘްތަކުގެ ތަފްސީރަކީ މިއީއެވެ. ހަމަކަށަވަރުން އޭގެ މުރާދަކީ: އިރުއެރުމުގެ ކުރިންނާއި އަދި އިރުއޮއްސުމުގެ ކުރިންނެވެ. އަދި އެކިޔަންވީ ފަތިސް[ނަމާދު] ފަހުންނާއި ޢަޞުރު[ނަމާދު] ފަހުންނެވެ…"
–އިބްނުލް ޤައްޔިމް رحمه الله ގެ ބަސްކޮޅު ނިމުނީ –
ހެނދުނާ ހަވީރުގެ ޛިކުރުތައް އޭގެ ވަޤުތުގައި ކިޔުމަށް ހަނދާންނެތުން ނުވަތަ މަޝްޣޫލުވުން
މިކަމާ ބެހޭގޮތުން ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު حفظه الله ވިދާޅުވެފައިވެއެވެ.
”إن شاء الله، އެކަމަކީ ހަމަކަށަވަރުން ވަރަށްވެސް ތަނަވަސްވެގެންވާކަމެކެވެ.
އަޅަކު އެ[ޛިކުރުތައް] އޭގެ ވަޤުތުގައި ކިޔުމަށް ހަނދުމަނެތިއްޖެނަމަ ނުވަތަ ކަމެއްދިމާވެއްޖެނަމަ، ހެނދުނުގެ ޛިކުރުތައް އިރުއެރުމަށްފަހު އަދި ހަވީރުގެ ޛިކުރުތައް އިރުއޮއްސުމަށްފަހު ކިޔުމަކީ މައްސަލައެއް ނޫނެވެ."
والله أعلم.
- ޑރ. ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން
Advertisement
4 ޖުލައި 2025