އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާއެވެ.
ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލައެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ވިޔަފާރިއާއި ރިބާއާ ބެހޭ ގޮތުން ބަޔަކު ބުނަމުން ދިޔަ ބަސްތައް، މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ----މާނައީ: "އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއްކަމުގައެވެ." މިއީ މި އަދު މަދުން ނަމަވެސް އަހަރެމެންގެ މުޖުތަމަޢުން އިވޭ އަޑެކެވެ.
އަހަރެމެންގެ ކޮންމެ ޢަމަލަކީ ވެސް މާތް ﷲ ބައްލަވައިވޮޑިގެންވާ ޢަމަލެކެވެ. ދުނިޔެއާއި އާޚިރަތުގައި ކާމިޔާބަށް އެދި، އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙުކޮށް، އަހަރެމެން ދެއަތް އުފުލައި ކުރާ ދުޢާ، ﷲގެ ޙަޟުރަތަށް އުފުއްލެވުމަށް އެދޭ ހިނދު، ރިބާގެ ވަބާ ފަދަ، މާތް ﷲ ޙަރާމްކުރައްވައިފައިވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް މި މަތިވެރި މިންބަރު މަތީގައި ހުރެ ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ. މާތް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އަޅުކަންކުރުމަށް އިސްކަންދޭ ފަދައިން، މާލީ މުޢާމަލާތުތައް ވެސް ﷲގެ ރުހިވޮޑިގަތުން ލިބޭނޭ ގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރާށެވެ!
ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމަޢުގެ ޙައްޤުގައި އަހަރެމެން ކުރާންޖެހޭ ކަމެކެވެ. ޝައްކާއި ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުޢާމަލާތުތަކަށް ރުޖޫޢަވާން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި، އެއްވެސް ބާވަތެއްގެ ޙަރާމް ކަމަކަށް ނުވަތަ އަނިޔާވެރިކަމަކަށް އެހީތެރިވުމަކީ، އިސްލާމް ދީނުގައި ޙަރާމްކަމެކެވެ. އަދި އެއްވެސް ފާފައަކަށް އެހީތެރިވެދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއްކަމުގައި، އިސްލާމް ދީން ދެކެއެވެ.
Advertisement
4 ޖުލައި 2025