އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ޚުޠުބާ: އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް މާލީ ޚިދުމަތްތައް ހޯދެން ރާއްޖޭގަ މިހާރު އެބަހުރި! ރިބަވީ ބޭންކުތަކާ ތަކާފުލް ކުންފުނިތަކާ މުޢާމަލާތުކުރުން ހުއްޓައިލާ!

ހުކުރު ޚުޠުބާ: އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް މާލީ ޚިދުމަތްތައް ހޯދެން ރާއްޖޭގަ މިހާރު އެބަހުރި! ރިބަވީ ބޭންކުތަކާ ތަކާފުލް ކުންފުނިތަކާ މުޢާމަލާތުކުރުން ހުއްޓައިލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 51 ސިކުންތު

الله سُبْحَانَهُ وَتَعَالَى ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރިކުރައްވައިފައިވަނީ އިންސާނާއެވެ. އެއީ، އޭނާއަށް ހެވާއި ނުބައި ވަކިކޮށް، ދެނެގަނެވޭނެ ބުއްދި ދެއްވުމުންނެވެ. 

އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުޢާމަލާތުގެ ބަޔަށް ވެސް ވަނީ އިސްކަންދީފައެވެ. އެހެންކަމުން އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހެއެވެ. މި ގޮތުން މާލީ މުޢާމަލާތުތަކަކީ، އެ ކަމާ މެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެކެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިޤުތިޞާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތް އިރު، މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހެއެވެ.  

މީގެ ކުރީން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މި ވަނީ، މާތް ﷲގެ ރަޙުމަތާއެކު، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް މި ލޮބުވެތި ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތަޢާރަފުވެފައެވެ. ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު ވަނީ މާޒީވެފައެވެ. 

މިއަދު މުސްލިމް ޤައުމުތަކުގެ އިތުރަށް އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގާން ފަށައިފައެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި، ކުވައިތާއި، ޤަޠަރާއި، މެލޭޝިޔާއާއި، ޕާކިސްތާނާއި، މިޞްރާއި، ޔޫއޭއީއާއި، ބަޙްރެއިނާއި، ސޫދާނާއި، އީރާނާއި، އިންޑޮނޭޝިޔާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ކިތަންމެ ޤައުމެއް ހިމެނެއެވެ. ވީމާ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް، މާލީ މުޢާމަލާތުތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމޭކަށެއް ނެތެވެ. މިއަދު މިއޮތީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށް މާލީ މުޢަމަލާތު ހިންގޭނެ މަގު ތަނަވަސްވެފައެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަން ދަންނާށެވެ! 

އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުޢާމަލާތުތަކެއް ވަނީ ޙަރާމްކުރައްވައިފައެވެ. އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމަޢު ސަލާމަތްކުރުމަށެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ވިޔަފާރިކުރުން ވަނީ، الله، ހުއްދަކުރައްވައިފައެވެ. އަދި، رِبا ވަނީ حرامކުރައްވައިފައެވެ." 

ރިބާގެ މުޢާމަލާތަކީ، الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ، ހަލާކުކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اِجْتَنِبُوا السَّبْعَ الْـمُوْبِقَاتِ، قَالُوْا: يَا رَسُوْلَ اللهِ وَمَا هُنَّ؟ قَالَ: اَلشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِيْ حَرَّمَ اللهُ إِلَّا بِالْـحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيْمِ، وَالتَّوَلِّيْ يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)[1] މާނައީ: "ތިޔަބައިމީހުން ހަލާކުކުރަނިވި ބޮޑު ހަތް ފާފައިން ދުރުވާށެވެ!" ދެންނެވުނެވެ. "ﷲގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "މާތް ﷲއާ ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ﷲ ޙުރުމަތްތެރިކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަންދުވުމާއި، ފާފަކުރުމުގެ ވިސްނުމެއް ވެސް ނެތް ޢިއްފަތްތެރި މުއުމިނު އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތުކުރުމެވެ." 

ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރި ވެއެވެ. އެބަހީ، ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް ﷲގެ ލަޢުނަތް ހުރިކަމަށް ނަބިއްޔާ  ވަނީ މި އުންމަތަށް އިންޒާރުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.  (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)[2] މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު ﷲ  ލަޢުނަތް ލެއްވިއެވެ." 

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ. މީގެ އިތުރަށް، އެއީ އުޚުރަވީ ޙަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.  މާނައީ: "ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއްކަމުގައެވެ. (ނަމަވެސް) ވިޔަފާރިކުރުން ވަނީ، ﷲ، ހުއްދަކުރައްވައިފައެވެ. އަދި، ރިބާ ވަނީ ޙަރާމްކުރައްވައިފައެވެ. ފަހެ، އެ މީހާގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް އެ މީހަކާ ހަމަޔަށް އައުމުން އެ ކަން (އެބަހީ: ރިބާކެއުން) ހުއްޓައިލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެ މީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރީން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވައިފައި ވެއެވެ.) އަދި، އެ މީހެއްގެ ކަންތައް އޮތީ، ﷲއަށް ޚާއްޞަވެގެންނެވެ. އަދި، އަލުން (އެ ކަމަށް) އެނބުރި އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެންނީ އެ ތާނގައި ދެމިތިބެނިވި ބަޔެކެވެ." 

ރިބާއިން ދުރުހެލިވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި މާތް ﷲ ވަނީ އަންގަވައިފައެވެ. އަދި އެ ކަމުން ދުރުހެލި ނުވާ ނަމަ، ﷲގެ ޙަޟުރަތުންނާއި އެކަލާނގެ ރަސޫލާ zގެ ފަރާތްޕުޅުން ހަނގުރާމަ އިޢުލާނުވެގެންވާކަން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ﷲއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمنންކަމުގައިވާ ނަމަ، رِباގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (ނަށް أمرވެވިގެންވާ ގޮތަށް) عملނުކޮށްފި ނަމަ، ﷲގެ حضرةންނާއި، އެކަލާނގެ رسولއާގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقينކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوعވެ توبةވެއްޖެ ނަމަ ތިޔަބައިމީހުންގެ ރައުސުލްމާލުތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށް ވެސް އަނިޔާ ނުލިބޭ ގޮތުގައެވެ."[3] 

އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދާށެވެ! ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނަހަދާށެވެ! އަދި ތިމާ ޙަލާލު ގޮތުގައި ހޯދާ ފައިސާ ރައްކާކުރެވެނީ ޙަލާލު ގޮތުގައިތޯ ބަލާށެވެ! ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު ސުއްނަތުގައި، ޙަރާމްކަމަށް ބަޔާންކުރައްވައިފައިވާ ކަންކަމަކީ، ޙަރާމްކަންތައްކަމުގައި، އަދި ޙަލާލުކަމަށް ބަޔާންކުރައްވައިފައިވާ ކަންކަމަކީ، ޙަލާލު ކަންތައް ކަމުގައި ބަލައިގަނެ، މާތް اللهއާއި، އެކަލާނގެ ރަސޫލާ  ކަނޑައަޅުއްވައިފައިވާ އެންމެހައި ޙުކުމްތަކަށް ރުހި ޤަބޫލުވެގެންވާ ބަޔަކު ކަމުގައި، الله سُبْحَانَهُ وَتَعَالَى އަޅަމެން ލައްވާށިއެވެ! ރިބާގެ މުޢާމަލާތުތަކުން ދުރުވެ ރައްކާތެރިވުމުގެ މަގު ތަނަވަސްކޮށްދެއްވައި، ހެޔޮމަގުން ހިނގުމުގެ ތައުފީޤު އަޅަމެނަށް ދެއްވާށިއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު