އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް މަހެއްގެ މައްޗަށް 45 މިލިޔަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގައި ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް 16 މިލިޔަން ޑޮލަރާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދަކަށް ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ ހަމައެކަނި ކާޑުތަކުން ކުރި މުއާމަލާތްތަކުގެ އަދަދެވެ. ޓީޓީ ހެދުންފަދަ ކަންތައްތައް މިތާގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، މިއަހަރުގެ މެއި މަހާއި ހަމައަށް އައިއިރު މި އަދަދު ވަނީ މަހެއްގެ މައްޗަށް 20 މިލިޔަން ޑޮލަރުން 45 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިފަދަ ބޮޑު އިތުރުވުމެއް އައިސްފައިވާތީ، މިއީ ކޮންޓްރޯލެއް ގެންނަންޖެހޭ ކަމެއްކަން ބަދުރުއްދީން ފާހަގަކުރެއްވިއެވެ.
ބަދުރުއްދީން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، މެއި މަހުގެ ތެރޭގައި އެ 45 މިލިޔަން ޑޮލަރުގެ ތެރެއިން %75 އަކީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމްތަކަށް ދިޔަ އަދަދެއް ކަމަށެވެ. އީ-ކޮމާސް ޕްލެޓްފޯމްތަކޭ މި ފާހަގަކުރެވުނީ ފްލައިޓް ޓިކެޓާއި ހޮޓާ ބުކިންތަކަކީ ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އީ-ކޮމާސް ޕްލެޓްފޯމްތަކަކީ މުދާ ގަންނަން ނުވަތަ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ބަދުރުއްދީން ފާހަގަކުރެއްވީ އީބޭ، އެމޭޒަން، ޝީން، ޓެމޫ އަދި އަލިއެކްސްޕްރެސް ފަދަ ވެބްސައިޓްތަކެވެ. އޭނާ ވިދާޅުވީ %75 ގެ ތެރެއިން ތިން ބަޔަށް ބަހާލައިފިނަމަ، އޭގެ ތެރެއިން އެއް ބަޔަކީ (ގާތްގަނޑަކަށް 8 ނުވަތަ 9 މިލިޔަން ޑޮލަރު) މިފަދަ 6 ވެބްސައިޓަށް ދާ އަދަދެއް ކަމަށެވެ. މިގޮތުން ރާއްޖެއިން ޑޮލަރު ބޭރަށްދާ މިންވަރު މަތިވަމުން ދިއުމަކީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
9 ޖުލައި 2025