އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 51 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ޔަޙުޔާގެފާނު ރައްކައުވުން:
ކޮންމެއަކަސް މާތްﷲ އެންގެވިފަދައިން زكريّا عليه السّلام ގެ އަނބިކަނބަލުން اشياع އާލަސްވެއިންނަވައިފިއެވެ. އާލާސްއިންނެވުމުގެ އަލާމާތްތައް އެކަމަނާގެ ފަރާތްޕުޅުން ފާޅުވާން ފަށައިފިއެވެ. އޭގެ ދުވަސްތަކެއްފަހުން ދަރިކަލަކާއިގެ އެކަމަނާ ރައްކައުވެވަޑައިގެންފިއެވެ. މާތްﷲ އެދަރިކަލުންގެ ނަންފުޅުވަނީ އެދަރިކަލުން ރައްކައުވުމުގެ އެތަށް ދުވަހެއް ކުރިން ކަނޑައަޅުއްވާ ނިންމަވައިފައެވެ. އެހެންކަމުން زكريّا عليه السّلام ގެ ދެކަނބަލުން ދަރިކަލުންނަށް [ޔަޙްޔާ] އޭ ވިދާޅުވެ ނަންދެއްވިއެވެ.
يحيى عليه السّلام އަކީ ތުއްޕުޅުއިރުވެސް ވަރަށް އާދަޔާ ޚިލާފު ތޫނު ވިސްނުންފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ދީނީ ޙުކުމްތައް ވިސްނައިވަޑައިގަތުމުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެން ހުންނެވި ހުޝިޔާރު ބޭކަލެކެވެ. މިކަމަށް އިޝާރާތްކުރައްވައި މަރްޔަމް ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢﴾
މާނައީ: [އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.]
ކުޅިވަރަށް ޝައުޤުވެރިވުމަކީ ކުޑަކުދިންގެ ހުންނަ ޚާއްޞަ ސިފައެކެވެ. ނަމަވެސް يحيى عليه السّلام އަކީ ތުއްޕުޅުއިރު އެއްވެސް ވަރަކަށް ކުޅިވަރަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަލެއްނޫނެވެ. އެކަލޭގެފާނުގެ އެންމެ ޚާއްޞަ އުފާފުޅަކީ ވަށައިގެން ފެންނަމުންދާ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރެއްވުމެވެ. އަރަހުށި މާތްﷲ ރަސްކަންފުޅު މަތިން ހަނދުމަފުޅު ކުރައްވައި ޒިކުރުކުރެއްވުމެވެ.
ޢަބްދުﷲ ބިން މުބާރަކު ވިދާޅުވެފައިވެއެވެ. يحيى عليه السّلام އާ އެއްފުރާގެ ކުދިން އައިސް އެކުދިންނާއެކު ކުޅިވަރު ކުޅެން ދަޢުވަތުދިނުމުން އެކަލޭގެފާނު ވިދާޅުވެއެވެ. [އަހަރެމެން ހައްދަވާފައިވަނީ ކުޅިވަރު ކުޅޭކަށް ނޫނެވެ.]
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަން ޖިލްދު، ޞަފްޙާ 401}
ރިސާލަތު:
يحيى عليه السّلام ގެ ރިސާލަތާ ގުޅޭ މަޢުލޫމާތެއް ކީރިތި ޤުރްއާނުން ލިބޭކަށް ނުހުރެއެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޙަދީޘެއް ތިރުމިޒީގައި ރިވާވެގެންވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
މާތްﷲ سبحانه وتعالى، يحيى عليه السّلام އަށް ފަސްކަމެއް ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އެކަންތައްތައް ކުރުމަށް ބަނީ އިސްރާޢީލު ބާގައިގެ މީސްތަކުންނަށް އަމުރު ކުރެއްވުމަށްވެސް އެންގެވިއެވެ. ނަމަވެސް يحيى عليه السّلام އެކަންތައްތަށް ބަނީ އިސްރާއީލުންގެ މީސްތަކުންނަށް އެންގެވުން ފަސްކޮލެއްވިއެވެ. އެހިނދު ޢީސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. [މާތްﷲ ވަނީ ފަސްކަމަކަށް ކަލޭގެފާނަށް އަމުރުކުރައްވާފައިނޫންތޯއެވެ؟ އަދި އެކަންތައް ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކުރުމަށް އަމުރު ކުރައްވާފައިވޭނޫންތޯއެވެ؟ ކަލޭގެފާނު އެބައިމީހުންނަށް އެކަންތަކަށް އަމުރު ކުރައްވާށެވެ. ނުވަތަ ތިމަންކަލޭގެފާނު އެކަމަށް އަމުރުކުރަންތޯއެވެ؟]
يحيى عليه السّلام ވިދާޅުވިއެވެ. [ކަލޭގެފާނު އަޅުގަނޑަށްވުރެ ކުރިން އެކަންތައް ކުރައްވައިފިނަމަ މިބިންގަނޑުގެ އަޑިއަށް އަޅުގަނޑު ގަންބައިގަންނަވައިފާނެތީ ނުވަތަ މާތްﷲ ޢަޛާބުދެއްވަފާނެތީ ބިރުވެތިވަމެވެ.] އެހެން ވިދާޅުވެ އެކަލޭގެފާނު ބައިތުލްމަޤްދިސަށް މީސްތަކުން އެއްކުރައްވައި މިންބަރަށް އަރާވަޑައިގެން ވިދާޅުވިއެވެ.
ހަމަކަށަވަރުން މާތްﷲ ތިމަންކަލޭގެފާނަށް ފަސްކަމެއް ކުރުމަށް އަމުރުކުރައްވައިފިއެވެ. އަދި އެ ފަސްކަންތައް ކުރެއްވުމަށް ތިޔަބައިމީހުންނަށް އަމުރުކުރެއްވުމަށްވެސް އެންގެވިއެވެ. ފުރަތަމަކަމަކީ ތިޔަބައިމީހުން ހަމައެކަނި މާތްﷲ އަށް އަޅުކަން ކުރުމެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. މާތްﷲ އަށް ޝަރީކުކުރާ މީހާގެ މިސާލަކީ ތިމާގެ އަމިއްލަ މުދަލުން ޚާދިމަކު ގަންނަމީހާގެ މިސާލެވެ. އޭނާ ޚާދިމާއަށް ބުނެއެވެ. މިއީ އަހަރެންގެ ގެ އެވެ. އަދި މިއީ އަހަރެންގެ ވިޔަފާރިއެވެ. ވީމާ އެތަކެތިން ވިޔަފާރިކޮށް ލިބޭ ފައިދާ އަހަރެންނަށް ގެނެސްދޭށެވެ. ދެން އެ ޚާދިމާ ވިޔަފާރިކޮށްގެން ލިބުނު ފައިދާ އޭނާގެ ސާހިބު މީހާ ނޫން އެހެންމީހަކަށް ދިނެވެ. ތިޔަބައިމީހުންގެ ތެރެއިން އެފަދަ ޚާދިމަކު ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟
ދެވަނަ ކަމަކަށް މާތްﷲ އަމުރު ކުރައްވާފައިވަނީ ނަމާދު ކުރުމަށެވެ. ނަމާދު ކުރާއިރު ތިބާ ފަސްއެނބުރި ނުބަލާށެވެ. އެހެނީ މާތްﷲ ވަޖުހުފުޅުވަނީ އަޅުންކުރާ ފަރާތާއެކުގައެވެ. އޭނާ ފަސްއެނބުރިގެން ދާންދެންނެވެ. ދެން އެކަލާނގެ އަމުރު ކުރައްވަނީ ރޯދަހިފުމަށެވެ. ރޯދަހިފާ މީހާގެ މިސާލަކީ އަތަރުފުޅިއެއް ހިފައިގެން ބައެއްގެ ތެރޭގައި ހުރިމީހެއްގެ މިސާލެވެ. އޭނާ އާ އެކުގައިވާ އެންމެހައި މީސްތަކުންނަށް އެ އަތަރުގެ މީރުވަދުވާނެއެވެ. ހަމަކަށަވަރުން ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ މާތްﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރިއަށް ވުރެ މީރުވަސްދުވާ ވަހެކެވެ.
ދެން އެކަލާނގެ އަމުރު ކުރައްވަނީ ޞަދަޤާތް ދިނުމަށެވެ. ޞަދަޤާތްދިނުމުގެ މިސާލަކީ ދުޝްމިނަކު ހައްޔަރުކޮށްފައިވާ މީހެއްގެ މިސާލެވެ. އެބައިމީހުން އޭނާގެ އަތް ކަނދުރާއާއެކުގައި އައްސައި އޭނާގެ ކަނދުރާގައި ތަޅަންފަށައެވެ. އެހިނދު އޭނާ ބުނެއެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ތިޔަބައިމީހުންގެ ކިބައިން ކުޑައެއްޗަނުން ވިޔަސް ނުވަތަ ބޮޑުއެއްޗަކުން ވިޔަސް ފިދުޔަދީ މިނިވަން ކުރަމުއެވެ. ދެން އެބައިމީހުންނަށް ފިދުޔަދީ އޭނާ، އޭނާގެ ނަފުސު މިނިވަން ކުރެއެވެ.
ދެން އެކަލާނގެ އަމުރު ކުރައްވަނީ މާތްﷲ ހަނދާންކޮށް ޒިކުރުކުރުމަށެވެ. ޒިކުރުކުރާމީހާގެ މިސާލަކީ ދުޝްމިނުންގެ ބަޔަކު ހޯދަމުންގެންދިޔަ މީހެއްގެ މިސާލެވެ. ދުޝްމިނުންނަށް އޭނާ ފެނުމުން އޭނާ އަތުލުމަށް ފަހަތުން އަންނަން ފެށުމުން އޭނާގޮސް ވަރުގަދަ ކިއްލާއެއްގެ ހިމާޔަތް ހޯދިއެވެ. މިއީ އަޅުވެރިންގެ ކަންތައް ހުންނަގޮތެވެ. އޭނާ ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދިނީ މާތްﷲ މަތިން ހަނދުމަކުރުމުންނެވެ. {جامع الترمذي، كتاب الأمثال عن رسول الله صلى الله عليه وسلم، ޙަދީޘް 3102}
Advertisement
10 ޖުލައި 2025