އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު
ބައްދަލުވުމުން ސަލާން ގޮވުން މިހާރު މިވަނީ ވަރަށް ބީރައްޓެހިކަމަކަށްވެފައެވެ. ޢަމަލުކުރާ މީހުން އަންނަނީ މަދުވަމުންނެވެ. އެހެންވެ މިގެނެސްދެނީ ބައްދަލުވުމުން ސަލާމް ގޮވުމަކީ ޘަވާބު ލިބުމުގެ އިތުރުން އަނެކާގެ ހިތުގައި ލޯބި އުފެދޭކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކައެވެ. އިން ޝާ ﷲ
އޭނާއަކީ ބޭރު ޤައުމެއްގައި އިސްލާމްދީން ޙާޞިލްކުރަމުން ދިއަ ދަރިވަރެކެވެ. ޗުއްޓީއެއްގައި މާލެއައިސްހުރިއިރު މިސްކިތަށްދާއިރު ވވަރަށް ގިނަފަހަރު ކަންމަތިން "ގޭންގަކާ" ބައްދަލުވެއެވެ. ލީޑަރު އިންނަނީ ސައިކަލްމަތީގައެވެ.
ދަރިވަރު ނަމާދަށް ދަމުންވެސް އެނބުރި އަންނަމުންވެސް ލީޑަރަށް އަމާޒުކޮށް އެންމެންނަށް "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމްގޮވައެވެ. ލީޑަރު ބައެއް ފަހަރު ޖަވާބުދެއެވެ. އަނެއްބައި ފަހަރު ޖަވާބެއް ނުދެއެވެ. ޖަވާބުނުދިންނަމަވެސް ދަރިވަރު ސަލާމް ގޮވައެވެ.
ކޮންމެއަކަސް ދަތުރު ނިންމައި ދަރިވަރު ފުރައިގެންދިއައީއެވެ. އެއިގެ އަހަރުތަކެއް ފަހުން ދަރިވަރަށް އެނބުރި ރާއްޖެއަށް އައުދެވުނީ މާލެތެރެ ވަރަށް "ހަލަބޮލި" ދުވަސްވަރެއްގައެވެ. މީހުންނަށް މަގުމަތިން ހަމަލާދެމުންދިއަ ދުވަސްވަރެއްގައެވެ.
އެއްދުވަހަކު ދަރިވަރު މަގުމަތިން ދަނިކޮށް ލީޑަރަށް ދަރިވަރު ފާހަގަކުރެވިގެން ހުއްޓުވާފައި ބުންޏެވެ. "ތިއައީ ކާކުކަން އެބަ އެނގެއެވެ. ތިހެން އުޅޭއިރު އެއްވެސް ދިމާލަކުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އަހަރެންނަށް ގުޅާށެވެ. ނަމްބަރު މިއޮތީއެވެ."
މިވީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ދަރިވަރު ކެނޑިނޭޅި ސަލާމްގޮވުމުގެ ސަބަބުން އޭނާގެ ހިތުގައި ދަރިވަރުގެ މައްޗަށް ލޯބި އުފެދުނީއެވެ. ލީޑަރަކީ ދީނުގެ ކަންކަމަށް އެހައިބޮޑަށް ސަމާލުކަން ނުޑޭ މީހަކު ނަމަވެސް އެކަން އެގޮތަށް މެދުވެރިވެދާނެއެވެ. ސަބަބަކީ ބައްދަލުވުމުން ސަލާމް ގޮވުމަކީ ހިތުގައި ލޯބި އުފެދޭ ކަމެކެވެ. އަދި އެހައިމެ ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެއްވެސްމެއެވެ.
- ޝައިޚް މުޙައްމަދު ޝާހިދުގެ ދަރުސަކުން
Advertisement
10 ޖުލައި 2025