އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
ހުޅުމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުފައްދާފައިވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ބާއްވާ މިކޭމްޕަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖުތިމަޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ ޖަމުޢިއްޔާއެކެވެ. މިގޮތުން އެޖަމުޢިއްޔާއިން މިހާރުދަނީ މި މެޑިކަލް ކޭމްޕް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
މިމެޑިކަލް ކޭމްޕަކީ އެކި ސްޕެޝޭލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްޙަތާއި ގުޅޭ ގިނަ މަޢުލޫމާތު ލިބި ޗެކަޕް ކޮށްލުމަށް ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި އެޖަމުޢިއްޔާއިން ފާހަގަކުރެއެވެ. މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައެވެ. އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ހަވީރު 4 އިން ފެށިގެން ރޭގަނޑު 10:30 އަށް މިކޭމްޕް ކުރިއަށް ދާނެކަމަށް އެޖަމުޢިއްޔާއިން ބުނެއެވެ.
ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ މިކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ސިއްޙީ ފަރުވާދޭ ތަންތަނަށް މިހާރުވަނީ ހުޅުވާލާފައެވެ.
Advertisement
10 ޖުލައި 2025