އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް ކުރާ ނަމަ އެކަންވާނީ ﷲ އަށްވުރެ ތިމާ "މޮޅުކަމަށް" ކުރެވޭ ދައުވާއަކަށް!

އިސްލާމް ދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް ކުރާ ނަމަ އެކަންވާނީ ﷲ އަށްވުރެ ތިމާ "މޮޅުކަމަށް" ކުރެވޭ ދައުވާއަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

 

ބައެއް މީހުންނަކީ ﷲ ތައާލާ ޙަރާމް ކުރައްވަވާފައިވާ ބައެއް ކަންކަން ޢާންމު ދިރިއުޅުމުގައި ކުރާ މީހުންނެވެ. އަނެއްބައަކު އެމީހުން ކުރާ ވިޔަފާރީގައި އެފަދަ ކަންކަން އެބަކުރެއެވެ. އަނެއް ބައަކު އެމީހުން ކުރާ މުޢާމަލާތު ތަކުގައި އެފަދަ ކަންކަން އެބަ ކުރެއެވެ.  

 

ﷲ ތަޢާލާއަށް އީމާންވެގެން ހުރި ކަމަށް ބުނާ އެއްވެސް މީހެއްގެ އިސްލާމް ކަމަށް ޙުކުމް ކުރާކަށް ނެތީމެވެ. އެހެން ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމުގެ ތެރެއިން އެމީހަކު އަމަލުކުރަން ބޭނުން ކަންކަން ނުކޮށް ދޫކޮށްލާފައި އެމީހަކު ކުރަން ބޭނުން ކަމެއް ކުރަމުން ގެންދާނަމަ އެމީހެއްގެ އިސްލާމް ކަމުގައި މައްސަލައެއް އެބައުޅޭ ކަމަށް ބުނަން ޖެހެއެވެ.

 

އެހެނީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ބާވައިލައްވަވާފައިވަނީ އެމީހަކަށް ފެންނަ، ނުފެންނަ، އަމަލުކުރަން ބޭނުން، ބޭނުމެއް ނޫން، އިޚްތިޔާރުކުރުމުގެ ހުއްދަ ދެއްވަވާފައެއް ނޫނެވެ. ކޮންމެ މީހަކަށް ނަމަވެސް ޙަރާމް ހުރިހާ ކަމެއް ޙަރާމް ކަމުގެ ގޮތުގައެވެ. ހުއްދަ ހުރިހާ ކަމެއް ހުއްދަ ގޮތުގައެވެ.

 

އިސްތިސްނާ ހާލަތްތައް ކަނޑައަޅުއްވަވާފައިވަނީ ވެސް ހަމަ ﷲ ތައާލާ އެވެ. މިސާލަކަށް ރޯދަ ދޫކުރެވޭ ހާލަތްތަކެއް އެބަވެއެވެ. އެ ހާލަތްތައްވެސް ކަނޑައަޅުއްވަވާފައި ވަނީ ހަމަ ﷲ ތަޢާލާ އެވެ. އެހާލަތުތައް ކަނޑައަޅުއްވަވާފައިވަނީ ވަކި މީހަކަށް ނޫނެވެ. އެހާލަތަށް ފެތޭ ކޮންމެ މީހަކަށެވެ. 

 

މިހައި ސާފުކޮށް މިކަން އެނގެން އޮތްއިރު އަހަރެން ޖުވާކުޅޭ ތަނެއް ހެދީއެއް ނޫނެވެ. ޖުވާކުޅޭތަނެއްގެ ހިއްޞާއެއް ގަތީއެވެ. އެތަނަކަށް އަހަރެން ނުވެސް ދަމެވެ. ކިޔައި ބަހަނާއެއް ނުދެއްކޭނެއެވެ.

 

ބޭންކްތަކުން ކުރާ ކަންކަމުގައި އަހަރެން މިދައްކަނީ ރިބާގެ ފައިސާއެއް ނޫނެވެ. ބޭންކުން ނަގާ ސަރވިސް ޗާޖް ކަމަށް ބުނެވެސް ނިންމައެއް ނުލެވޭނެއެވެ. ބޭންކްތަކުން ރިބާ ނަގަމުން އެ ނަގަނީ ރިބާ ނޫން ކަމަށާއި ސަވިސްޗާޖް ނުވަތަ އިންޓަރެސްޓް ކަމަށް ބުނެވެސް ނިންމައެއް ނުލެވޭނެއެވެ. 

 

އާފަލު ގަހެއްގައި "މިއީ އޮރެންޖް ގަހެއް" ކަމަށް ލިޔެ ކިތަންމެ ބޮޑު ބޯޑެއް ބެހެއްޓި ނަމަވެސް އެއީ އޮރެންޖު ގަހަކަށް ބަދަލުނުވާނެ ފަދައިން ﷲ ތަޢާލާގެ ނިންމެވުން ތަކެއްވެސް ބަދަލެއް ނުކުރެވޭނެއެވެ. އެކަމަކަށް ކިތަންމެ ރީތި ނަމެއް ކީ ކަމުގައި ވީނަމަވެސް އެކަމެއް ވާނީ ހަމަ އެކަމަކަށެވެ. 

 

އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަމެއް ހުއްދަ ކުރުމާއި ހުއްދަ ކަމެއް ހަރާމް ކުރުމުން އެކުރެވެނީ ކޮން ކަމެއްކަން އެނގޭ ހެއްޔެވެ؟ އެމީހަކަށް އެ ދައުވާ ކުރެވެނީ ތިމާއަކީ ﷲ ތައާލާއަށްވުރެ މާ މޮޅަށް ކަންކަން އެނގޭ މީހަކު ކަމަށެވެ. ﷲ ތަޢަލާއަށްވުރެ މާ ގިނަ ބާރުތައް ލިބިފައިވާ މީހަކު ކަމަށެވެ. ވިމާ މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟

 

ހުރިހާ ވެސް ވާހަކައަކީ ފުރިހަމަ މުސްލިމަކަށް ވެވޭނީ ﷲ ތަޢާލާ ބާވައިލެއްވެވި އެންމެހައި ޙުކުމްފުޅުތަކަށް ޢަމަލުކޮށްގެން ކަމެވެ. ބައިކުޅަ ބައަށް އަމަލުކުރުން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައެއް ނުވެއެވެ! ވީމާ ކޮންމެ ކަމެއް ކުރުމުގައިވެސް އޮތީ ކީރިތި ޤްރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރުމެވެ. ޤްރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ނަހީވެގެންވާ އެއްވެސް ކަމެއް ނުކުރުމާއި ކުރަން އަންގަވާފައިވާ ހުރިހާ ކަމެއް ކުރުމެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ އެއިރުންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް