އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އޭސީސީއަށް ލިބިފައިވާ ވަސީލަތްތައް މިގެންދަނީ ބޭނުން ކުރަމުން: ހަސަން ލުޠްފީ

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އޭސީސީއަށް ލިބިފައިވާ ވަސީލަތްތައް މިގެންދަނީ ބޭނުން ކުރަމުން: ހަސަން ލުޠްފީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 42 ސިކުންތު

 

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ވީއެންމެ ރަނގަޅަކަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ. 

 

އަ ޙަސަން ލުޠުފީ މިމޭރުމުން ވިދާޅުވެފައިވަނީ މިހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. 

 

އޭސީސީ އިން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށްސާބިތު ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކުގައި ނުހަނު ބޮޑެތި ބާގަނޑުތައް ހުރުމާއެކު އެކަންކަން އިސްލާޙް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮމިޝަނުގެ ތަހުގީގީ މައްސަލަތަކާގުޅޭ މަޢުލޫމާތާއި ތަފާސް ހިސާބުވެސް ރައީސްގެ ޚިޠާބުގައި ވަނީ ހިމަނުއްވާފައެވެ.

 

ލުޠްފީ ވިދާޅުވެފައިވަނީ ޤައުމެއްގެ ޢާންމު ހަމަޖެހުމަށާއި، އިޤުތިޞާދީ ކުރިއެރުމާއި، ފަރުދުންގެ ފުދުންތެރިކަން އިތުރުވެ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވުމަށް ކޮރަޕްޝަނުގެ ޢަމަލުތައް ހުރަސްއަޅާ ކަމަށާއި ކޮރަޕްޝަންގެ ސަބަބުން ޤައުމުތަކުގެ ތަރައްޤީގެ ދުވެލި މަޑުވާ ކަމަށެވެ. 

 

ލުޠްފީ ވިދާޅުވެފައިވަނީ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމުގައި ނުވަތަ އެފަދަ ޢަމަލުތަކަށް މަގުފަހިވާ ކަންކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ ހުރިހާ އިދާރާތަކުގެ މުހިންމު ޒިންމާއެއް ކަމުގައި އަބަދުވެސް ދެކެންޖެނޭނެ ކަމަށެވެ. 

 

ލުޠްފީގެ ބަޔާނުން: 

 

 އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ނަޒާހަތްތެރިކަމުގެ ރީތި ސިފަތަށް މުޖްތަމަޢުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމަށް މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާއެވެ. އެ މަސައްކަތް އޭސީސީއަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ވީއެންމެ ރަނގަޅަކަށް ކުރެވޭތޯ މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޮންމެ އަހަރަކުވެސް އޭސީސީން މަސައްކަތް ކުރަނީ ވަކި ޚާއްޞަ ޓާގެޓްތަކެއް ކަ ނޑައަޅައިގެން ނަތީޖާތަކެއް ހާޞިލު ކުރުމަށެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 539 މައްސަލަ އޭސީސީއަށް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 203 މައްސަލައަކީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލަން ފަށާފައިވާ މައްސަލަތަކެވެ. އަދި މި އަހަރު ސެޕްޓެމްބަރ މަހުގެ ނިޔަލަށް 06 މައްސަލަ، ދަޢުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އަދި އެ މައްސަލަތަކުގައި 10 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ވާނީ އެދިފައެވެ. މިއަހަރުގެ ޖަނަވަރީން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ތަޙްޤީޤުކޮށް ނިންމުނު މައްސަލަތަކަށް ބަލާއިރު ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިގެން 74.837,668,023,2 ރުފިޔާ ދައުލަތަށް ގެއްލިފައިވާތީ އެފައިސާ އަނބުރާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ހުށަހެޅިފައެވެ. 

 

ނަޒާހަތްތެރިކަމުގެ ސިފަތައް މުޖުތަމަޢުގައި އަށަގެންނެވުމަށް އޭސީސީގެ ފަރާތުން ގިނަ ހަރަކާތްތަކެއް މިއަހަރުތެރޭގައިވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. މީގެތެރޭގައި ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒްކޮށްގެން ހިންގުނު ޙަރަކާތްތަކާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ހިންގުނު ޙަރަކާތްތައް ހިމެނެއެވެ. އޭސީސީގެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާތީ އެކަންކަން ޙައްލު ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ތަކުރާރުކޮށް އެދެވިފައިވިޔަސް އެކަންކަމަށް ޢަމަލީ ސިފަ ނާންނަކަމީ މި ކޮމިޝަނުން ހިތާމަކުރާ ކަމެކެވެ. 

 

މިގޮތުން އޭސީސީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޤާނޫނުލްޢުޤޫބަތަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްދެއްވުމަށް ތަކުރާރުކޮށް ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދެވިފައެވެ. ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމަކީ ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ބާރުއަޅާ ކަމަކަށް ވުމާއެކު އެކަން ކުށަކަށް ހެދުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުގައި ވަނީ އެދެވިފައެވެ. ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގައި މިއަދު ނުޙައްޤު މުއްސަނދިކަމަކީ ކުށެއްކަމުގައި ކަ ނޑައަޅާފައިވާއިރު ދިވެހިރާއްޖެއިން އެކަމުގައި ފަހަތުފަޔަށް ބުރަވާންޖެހެންވީ ސަބަބެއް އޮތް ކަމަކަށް އަޅުގަ ނޑު ނުދެކެމެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކުގައި ނުހަނު ބޮޑެތި ބާގަ ނޑުތައް ހުރުމާއެކު އެކަންކަން އިސްލާހު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ކަންކަން ހިންގަން އިސްކުރެވޭ ފަރާތްތަކަކީ ނަޒާހަތްތެރި އަދި ކޮރަޕްޝަންގެ ތުހުމަތަކާ ދުރުބަޔަކަށް ހެދުމަކީ ރައްޔިތުންނަށް ދައްކައިދެވޭ ފުރިހަމަ ނަމޫނާއަކަށް ވެގެންދާނެއެވެ. އަޅުގަ ނޑު އެދެނީ ދިވެހިރާއްޖެއިން ކޮރަޕްޝަނުގެ ޢަމަލުތައް ނައްތާލުމަށް އޭސީސީން ކުރިއަށް ގެންދާ މަސައްކަތުގައި ހުރިހާ އިދާރާތަކުގެ ފުރިހަމަ އެއްބާރު ލެއްވުން އަޅުގަނޑުމެންނަށް ލިބިގެން ދިއުމެވެ. ރާއްޖެއަކީ ކޮރަޕްޝަނާއި ފަސާދައަށް ފުރުޞަތުނުދޭ ނަޒާހަތްތެރި ފަރުދުންތަކެއް ދިރިއުޅޭ ޤައުމެއް ކަމުގައި މާތްالله މިންވަރުކޮށް ދެއްވާށިއެވެ. އާމީން!

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް