އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެންވިދާޅުވީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް، ރައީސް ޞާލިޙްގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުންދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް އާއި ޗައިނާގެ ސަފީރުވަނީ ދިވެހިރާއްޖޭގައި ޗައިނާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަޤްވާމީ މަޝްރަހުގައިވެސް ދެ ޤައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ޤައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އެޤައުމުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޗައިނާގެ ސަފީރު ވަނީ ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Advertisement
10 ޖެނުއަރީ 2019