އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެކާގެ ހިތް ފަތަހަ ކުރުމަށްވެސް ކީރިތި ޤްރްއާނަކީ ޝިފާއެއް!

އަނެކާގެ ހިތް ފަތަހަ ކުރުމަށްވެސް ކީރިތި ޤްރްއާނަކީ ޝިފާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

"އޭ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ތިއަބައިމީހުންގެ ގާތަށް ވަޢްޛަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާޢަކާއި، މުއްމިންތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ." (ޔޫނުސް ސޫރަތުގެ 57) 

ނިކަން ވިސްނައިބަލާށެވެ. މިއާޔަތުގައި ވަޙީކުރައްވަވާފައި އެވާ ރައްބުގެ މާނައިގައި މީސްތަކުން އުފެއްދެވި ފަރާތް ހިމެނެއެވެ. މިގޮތަށް ބަޔާން ކުރައްވަވާފައި އެވަނީ މި އާޔަތަކީ އެންމެހައި މީސްތަކުންގެ މައްޗަށް ވަހީ ކުރައްވަވާފައިވާ ބަސްފުޅަކަށްވާތީއެވެ. ﷲ އެވެ ބަޔާން ކުރައްވަވައިފިނަމަ "ތިމަން ﷲ ނުދަންނަ ކަމަށް" ބުނާނެ ބައަކު ތިބޭނެތީއެވެ. 

އެންމެހައި މީސްތަކުންނަށް ﷲ ތަޢާލާ އެ އަންގަވަނީ ހިތްތަކުގެ ހުރިހާ ބަލިތަކަށް ކީރިތި ޤްރްއާނަކީ ޝިފާއެއް ކަމަށެވެ. ޞިއްޙީ ގޮތުން މީހާގެ ކިބައިން ބަލިތަކެއް ނުފެނުނު ނަމަވެސް ހިތުގައި މައްސަލަތައް ހުންނަ މީހުން ވަރަށް ގިނަވާނެއެވެ. މިބުނަނީ ހިތުގެ ބަލިތަކުގެ ވާހަކައެއް ނޫނެވެ. ހިތުގައި އުފެދިފައިވާ މައްސަލަތަކުގެ ވާހަކައެވެ. އެމީހަކު ކަންބޮޑުވާ ކަންކަމުގެ ވާހަކައެވެ. ހިތް އެދޭ ކަންކަމުގެ ވާހަކައެވެ. 

ތިބާގެ ކަންބޮޑުވުން ގުޅިފައިވަނީ އެހެން މީހަކާއި ކަމަށްވެދާނެއެވެ. އެމީހާގެ ހިތުގައިވާ ކަންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެމީހެއްގެ ހިތުގެ އެންމެހައި ބާރުތަކެއްވެސް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ވީމާ ތިބާގެ ހިތުގައި އުފެދިފައިވާ މައްސަލަ ޙައްލުކޮށް ދެއްވެވުމަކީ ﷲ ތަޢާލާއަށް ނުހަނު ފަސޭހަފުޅު ކަމެކެވެ.

ތިބާގެ މައްސަލައަކީ އެހެން މީހެއްގެ ލޯބި ނުލިބުން ކަމަށްވެދާނެއެވެ. އެ ހާލަތުގައި އެމީހާގެ ހިތުގައި ތިބާގެ މައްޗަށް ލޯބި ޖައްސަވައި ދެއްވެވުމުގެ އެންމެހައި ބާރުތަކެއް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. ކީރިތި ޤްރްއާނަކީ އެކަމަށްވެސް އޮތް އެންމެ ރަނގަޅު ޝިފާކަން މިއާޔަތުން އެނގިގެންދެއެވެ!  

މިއާޔަތުގެ އިތުރު ތަފްޞީލަށްދާއިރު ރަނގަޅު މަގު ނުވަތަ ރަނގަޅު ގޮތް އިޚްތިޔާރުކުރުމުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތް ޤަބޫލުކުރަން ބޭނުން ނުވާ މީހުންގެ ވާހަކައެ ހިމެނެއެވެ. އިސްލާމް ދީނުގައި އޮތް ގޮތް މާހަރުކަށިކަމަށް ބުނާ މީހުން އެދައްކަނީ ކޮންފަދަ މޮޔަ ވާހަކަތަކެއް ހެއްޔެވެ؟ އިންސާނާ އުފެއްދެވީ ﷲ ތަޢާލާއެވެ. ވީއިރު ﷲ ތަޢާލާ އަށްވުރެ މޮޅަށް އަހަރެމެންނަށް ކަންކަން އެނގޭ ކަމަށް ބުނުމަކީ ކޮންފަދަ ބޮޑު ނުބައި ވާހަކައެއް ހެއްޔެވެ؟ 

ޕެޓްރޯލް އަޅައިގެން ދުއްވަން އުފައްދާ ވެހިކަލަކަށް ޑީސަލް އަޅައިގެން ދުއްވޭހެއްޔެވެ؟ ނޫނީ ކަރަންޓުން ދުއްވޭނެ ހެއްޔެވެ؟ ދުއްވޭނީ ހަމަ ޕެޓްރޯލް އަޅައިގެން ނޫންހެއްޔެވެ؟ ކާރުގެ ފުރާޅުމަތީގައި ފުރޮޅު ހަރުކޮށްގެން ދުއްވޭނެ ހެއްޔެވެ؟ 

ކީރިތި ޤްރްއާނުން ޝިފާ ލިބިގަނެވޭނީ ފުރިހަމައަށް ކީރިތި ޤްރްއާން ޤަބޫލުކޮށް އަމަލުކުރާ މީހުންނަށެވެ. ނޫންނަމަ ކިތަންމެ ގިނައިން ކިޔެވިނަމަވެސް އެކަމުން ލިބެންޖެހޭ ފައިދާއެއް ނުލިބޭނެއެވެ. ވީމާ ކީރިތި ޤްރްއާނުން ޝިފާއަށް އެދޭ މީހާއަކީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ހުރިހާ ކަންކަން ޤަބޫލުކޮށް އަމަލުކުރާ މީހަކަށް ވާން އެބަޖެހެއެވެ. 

މިފަދަ ވާހަކަތައް ހަމައެކަނި އަޑުއެހުމަކުން ނުފުދޭނެއެވެ. އަމަލުކުރާ ބައަކަށްވާށެވެ! ތަޖުރިބާކުރާ ބައަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ އާޔަތްތަކުގެ ތެދުކަން އެއިރުން އެނގިގެންދާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް