އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު
ދިވެހި ފިލްމު އިންޑަސްޓްރީގައި އަބަދުވެސް ވަރަށް ތަފާތު އަދި ގިނަ ބަޔަކަށް އެންމެ ކަމުދާ ފިލްމުތަކެއް އުފައްދާ އެއް ބަޔަކީ ޑާކް ރެއިން އެންޓަޓެއިންމެންޓޭ ބުނުމުން ހަމަ ޔަގީނުންވެސް ދޮގަކަށް ނުވާނެއެވެ. އެސްޓޫޑިއޯއިން ރިލީޒް ކުރާ ގިނަ ފިލްމުތައް އަބަދުވެސް ހައުސްފުލް ވެއެވެ. ސަބަބަކީ އެމީހުންގެ ޕްރޮޑަކްޝަން އަބަދުވެސް ތަފާތުވެފައި މޮޅުވުމެވެ.
ހައުސްފުލް ޝޯތަކަކާއެކު ރިލީޒްކުރި ފިލްމު "ގޮށްރާޅު" އަށްފަހު، މިހާރު އެޕްރޮޑަކްޝަނުން އަންނަނީ އެމީހުންގެ މުޅިން އައު ކޮމެޑީ ފިލްމު ކަމަށްވާ "މާމުއި" ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "މާމުއި" މިފިލްމުގެ ޓްރެއިލާރ ރޭ އޮލިމްޕަހުގައިި ރިލީޒް ކޮށްފައިވާއިރު، ޓްރެއިލާ ރިލީޒް ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤް އެވެ. އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޒީދާ ސިރާޖު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގިނަ ތަރިންތަކެއް ހިމެނޭ "މާމުއި" ޑައިރެކްޓު ކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) މިފިލްމާމެދު ބުނެފައިވަނީ، މިއީ ޑާކްރެއިން އިން މިހާތަނަށް ގެނެސްދީފައިވާ ފިލްމުތަކަށްވުރެ މަޖާ އަދި ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިފިލްމަކީ އެސްޓޫޑިއޯ އިން މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ އަގުބޮޑު ފިލްމެވެ.
އައިޝަތު ފުއާދު އަދި އަޙުމަދު ތޮލާލްގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމުގައި، ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހު ވެސް ހަރަކާތްތެރިވެއެވެ. ވަޖީހުގެ އިތުރުން ދެން މިފިލްމުން ފެނިގެންދާނީ އިސްމާއިލް ޖުމާޙް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، އަހުމަދު ސުނީ، އާދަމް ރިޒްވީ، މަރިއްޔާ، ހަމްދާން ފާރޫޤް، ނުޒުހަތު ޝިހާބު (ނުޒޫ)، ޝީލާ ނަޖީބު، ޖުމައްޔިލް ނިމާލް، އިބްރާހިމް އަމާން، މާރިޔާ ތްރޭސާ، އަލީ ޝަޒްލީމް، އަހުމަދު އަމާންގެ އިތުރުން އައިމިނަތު ނޫރާ އަދި އަހުމަދު ޝާކިރު އެވެ. އަދި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ އައިޝަތު ޔާދާ ވެސް މިފިލްމުގައި ހަރަކާތްތެރިވެފައިވެއެވެ.
"މާމުއި" ގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު، ލޮލުގައި އެންމެ އަޅައިގަތީ އެފިލްމުގައި ހިމެނޭ ލަވައެކެވެ. ކުރީގެ ބައެއް ލަވަތަށް ރީކްރިއޭޓް ކޮށްގެން ހަދާފައިވާ މިލަވައިގައި ހަރަކާތްތެރި ވެފައިވަނީ ފުބޫ އާއި ނުޒޫއެވެ.
Advertisement
3 އޭޕްރީލް 2019