އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެލާގައި ސަރވޭ ޕްރޮގްރާމެއް ފަށައިފި

ކެލާގައި ސަރވޭ ޕްރޮގްރާމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ހއ. އަތޮޅަށް އަމާޒުކޮށްގެން ތައްޔާރުކުރާ އެކްޝަން ޕްލޭނަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި ހއ. ކެލާގައި ސަރވޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ޖޫން 23 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މިހާރު ފުލުހުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ރައްޔިތުން އެކަމާއި ދޭތެރޭ ދެކޭގޮތާއި ފުލުހުންގެ ފަރާތުން ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ.

އަދި އާންމު އިޖްތިމާއީ މިންގަނޑު ތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު އަޅާފިޔަވަޅުތަކާއި ގުޅޭގޮތުންނާއި، ގެވެށި އަނިޔާ ލިބޭފަރާތްތަކާއި މެދު ކަންކުރާނެ ގޮތްތަކާއި އެދަފަ ފަރާތްތަކުގެ ހައްޤުތައް ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

މީގެއިތުރުން މުވާސަލާތީ ވަސީލަތްތަކުގެ ޒަރީއާއިން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކުދިންނަށް އެފަދަތަކެތިން ލިބޭނެ އަދި ލިބެމުންދާ ގެއްލުންތަކާިއ ގުޅޭގޮތުން ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ބިދޭސީންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި އާންމު ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ބިދޭސީންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން މިހާރުވެސް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކުރެވޭނެ ނުވަތަ ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލާިއ މަޝްވަރާ ހޯދިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ