އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

"އެހެނަސް" ގެ މަޤްސަދު، ޓީމުގެ ދުލުން! ގަނާ ކުރުމާއި ދެކޮޅަށް އަޑުއުފުލާ, ގަނާ ކުރުން ހުއްޓާލަމާ!

"އެހެނަސް" ގެ މަޤްސަދު، ޓީމުގެ ދުލުން! ގަނާ ކުރުމާއި ދެކޮޅަށް އަޑުއުފުލާ, ގަނާ ކުރުން ހުއްޓާލަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 56 ސިކުންތު

ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެ އުފައްދާ ވެބްސީރީޒް، ބެލުންތެރިންނާއި ހަމައަށް އައުމަށް މިހާރު އޮތީ  ކުޑަ ދުވަސްކޮޅެކެވެ.

ބަލާލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާ މިސީރީޒަކީ "އައި ކިޔު ޕްރޮޑަކްޝަންސް" އިން "އާރް ޓޫ ޒެޑް" އާއި "އާރް ސްކޮޔާޑް" އާއި ގުޅިގެން އުފައްދާ ވެބްސީރީޒެކެވެ. އައިކިޔު ލިވެފައިވާ، ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުދިޔަ "އެހެނަސް ހަމަ ލޯބިވެޔޭ.." ވާހަކައިގެ މައްޗަށް އުފައްދާފައިވާ، "އެހެނަސް" ވެބްސީރީޒް އެކުލަވާލުމުގައި "ލައިޓްސް އައުޓް" އާއި "ބައިސްކޯފު" ވެސް ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ.

 

ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރ ރަވީ ފާރޫޤް ގެ މޮޅު ޑައިރެކްޝަންގެ ދަށުން، އައިޝަތު ރިޝްމީ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މިވެބް ސީރީޒަކީ، އެންމެ ފުރަތަމަ މީގެ ޓީޒަރ ލޯންޗްކުރި ދުވަހުން ފެށިގެން ވެސް، މިސީރީޒް ބަލާލުމަށް ގިނަ ބަޔަކު ކެތްތެރިވަމުން އަންނަ ވެބްސީރީޒެކެވެ. ޓީޒަރ ލޯންޗްކޮށް، ޓްރެއިލަރ ލޯންޗް ކުރި ހިސާބުން ބެލުންތެރިންގެ ޝައުޤުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެންމެން ވެސް ކުރަމުންދިޔަ އެއް ސުވާލަކީ ސީރީޒް ފެންނާނީ ކޮން އިރަކުންތޯއެވެ.

ބެލުންތެރިންގެ އެއުންމީދު މިވަނީ ވަރަށް ގާތް ވެފައެވެ. ޕްރޮޑިއުސަރ އައިކިޔު ބުނިގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި، މިސީރީޒް ބެލުންތެރިނަށް ފެންނަވަރު ވާނެއެވެ. އެހެނަސް، އޭގެ ކުރިން މިވެބްސީރީޒްގެ ކާސްޓާއި ކްރޫ އާއި ބައްދަލު ކޮށްލަމާތޯއެވެ؟

 

"އެހެނަސް-އަންވީލްޑް" ގެ ނަމުގައި އިއްޔެ އެޓީމުން ވަނީ "އެހެނަސް" ގެ ކާސްޓުންނާއި ކްރޫގެ ބަސްދީގަތުންތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

 

ކުރިންވެސް ބުނި ފަދައިން "އެހެނަސް" ވެބްސީރީޒަކީ ގަނާ ކުރުމުން ދިމާވެދާނެ ކަންތައްތަކެއް ދައްކުވައިދޭ ވެބްސީރީޒެކެވެ. މިސީރީޒްގެ ލީޑް ރޯލުން ފެނިގެންދާ މުހައްމަދު ވިޝާލް (ރޯމަން) ކުޅެފައިވާ "ނިޔާޒް" ގެ ރޯލުން ދައްކުވައިދީފައިވަނީ "ރަނޑު" ޒުވާން ފިރިހެން ކުއްޖަކަށް އޭނާގެ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ފުރައްސާރަތަކެވެ. އެކަންތައްތަކާއި އޭނަ ކުރިމަތިލާ ގޮތާއި ފަހުން އޭނާއާއިމެދު ހަމްދަރުދީވެ، އޭނާއަށްޓަކައި ތިބޭ ބަޔަކުވެސް ފެނިގެންދާނެއެވެ.

 

" 'އެހެނަސް...' ފުރަތަމަ ލިޔަންފެށީ 2009 ގަ. އެއިރު ހިތައް އެރީ މީހުން ވަރަށް ވާހަކަ ނުދައްކާ މައުޟޫއެކޭ މިއީ. އެއީ ފިރިހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރަ ކުރުމާއި، ދެވެށި އަނިޔާ އާއި ގަނާ ކުރުން. އެހެންވެ ބޭނުންވީ މިކަންތައްތައް ހިމަނައިގެން ވާހަކައެއް ލިޔަން. ރާއްޖޭގަ މިކަންތައްތައް އަސްލު މިއޮންނަނީ އެހެންތަންތަނާއި ތަފާތުކޮށް، ދީނީ ގޮތުންނާއި ބައިވަރު ކަންތައްތަކެއް ހުންނާތީ ވަރަށް ހަޑި ގޮތަކަށް ކުއްޖާގެ ދިރިއުޅުން ހަލާކުވެގެން އެބަދޭ، ގަނާ ކުރުމާއި ނޫނީ އެކުދިންގެ ބޮލުގަ އަޅުވާ ތުހުމަތުތަކުގެ ސަބަބުން. އެހެންވެ އެެއެއްޗެހި ބޭނުންވީ ބެލުންތެރިންނަށް ވިސްނޭނެ ކަހަލަ ގޮތަކަށް މެސެޖުތަކެއް ދޭން.

ލިޔަން ފެށިއިރު ވަރަށް ބިރުގަތް. އެއީ ފިރިހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިއްޔޭ ބުނީމަ އެއްބަޔަކަށް ވަރަށް ޖޯކު ވާނެ. އަނެއް ބަޔަކަށް އަޑު އަހަންވެސް ވަރަށް ހަޑި، ވަރަށް ފަކުރު ކަމަކަށް ވާތީ. އެކަމަކު ތިން އެޕިސޯޑު، ހަތަރު އެޕިސޯޑު ވަރު ލިޔުނުއިރު އެލިބުނު ސަޕޯޓާއި މެސެޖުތަކުގެ ސަބަބުން އަސްލު ހިތްވަރެއް ލިބުނީ ކުރިއަށްދާން.

'އެހެނަސް' ލިޔެފަ 2012 ގަ ރިލީޒް ކުރީ ވާހަކަފޮތެއްގެ ސިފައިގަ. ލިޔެފަ ނޭނގެ ކިތައް މީހުން ކައިރިއަށް ދެވުންކަމެއް މިހިފައިގެން، އަސްލުގަ ފިލްމަކަށް ހަދަން. އެއްފަހަރު މަސައްކަތް ފެށެން ވެސް ފެށުން. އެކަމަކު ފަހުން ހުއްޓިފަ، އަލުން މިފެށުނީ.

ގިނަ މީހުންނަށް މީގެ މައިގަނޑު އަސްލުގަ 'ފަކުރު' އެއްޗަކަށްވަނީ، މިމީހުންނަށް ފެންނަން ނުވާނެ އެއްޗެއްކަމަށް އެމީހުންނަށް ހީވާތީ. ބުނެފަ އެބަހުރި ވާހަކައެއް ގޮތަށް ފާސްވިޔަސް، ތިނުވާނޭ މީހުންނަށް ފެންނާކަށް..

ބައިސްކޯފުގެ މީޓިންއަކަށް އައި ދުވަހެއްގަ ހަމަ އެންމެ 15 ވަރަކަށް މިނެޓު ވާނީ މީގެ ކޮންސެޕްޓް ކިޔާލަ ދިނީމަ، އެމީހުން މީތި އުފައްދަން ޤަބޫލުވި. މުޅި ޙަޔާތުގަ ވެސް ވަރަށް އުފާވި ދުވަހެއް އެއީ މިރޫ އާއި ހާއްޕެއާއި މީތި އެކްސެޕްޓް ކުރުން" މިވެބްސީރީޒްގެ ޕްރޮޑިއުސަރ އައިކިޔު ބުނެފައިވެއެވެ.

 

"އެހެނަސް" ގެ ކާސްޓާއި މުޅި ކްރޫގެ ބަސްދީގަތުމަށް ވެސް އަޑުއަހާލާއިރު، އޭގެން ކޮންމެ މީހަކީވެސް އެކިއެކި ގޮތްގޮތުން ގަނާކުރުމުގެ ޝިކާރައަކަށްވެފައި ތިބި ބައެއްކަން ހާމަ ވެގެންދެއެވެ. މިސީރީޒްގައި އެމީހުން މަސައްކަތް ކުރަން ޝައުޤުވެރިވި އެންމެ ބޯޑު އެއް ސަބަބަކީ ވެސް އެއީއެވެ.

 

މިސީރީޒްގެ ލީޑް ރޯލުން ފެނިގެންދަނީ މުޙައްމަދު ވިޝާލް (ރޯމަން) އާއި ފާތުމަތު ޝަރާ އާދަމް އެވެ. މީގެ އިތުރުން މުހިންމު ރޯލަކުން ކުޅަދާނަ އެކްޓްރެސް ޝީލާ ނަޖީބު އާއި މުޙައްމަދު މަނިކުވެސް ފެނިގެންދާނެއެވެ.

 

ސީރީޒެއްގައި އެކްޓު ކުރުމުގެ ދާއިރާއަށް އަލަށް ތަޢާރަފްވާ ތަރިންގެ ތެރޭގައި ޝަރާ އާއި ރޯމަންގެ އިތުރުން ދެން ފެނިގެންދާނީ އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް)، އަހުމަދު މަސީޙު، އަހުމަދު ޝާރިފް، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް އެވެ. އެމީހުންގެ އިތުރުން ފިލްމު "ބޮސް" އިން ގިނަ ބެލުންތެރިންގެ ހިތްތައް ދަމައިގަތް މުޙައްމަދު ޔުނާން އާއި ކާމިޔާބު އެތައް ފިލްމެއްގެ ސައިޑް ރޯލަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ އެކްޓަރު އަލީ ނަދީޙް (ޗައްނަ) ވެސް މިވެބްސީރީޒް އިން ފެނިގެންދާނެއެވެ.

 

ގަނާ ކުރުމަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ފެތުރެމުން އަންނަ، ޑޮކްޓަރީ ބޭހުން ފަރުވާ ނުކުރެވޭނެ ބައްޔަކަށް ވެފައިވާ ހިތާމަވެރި ކަމެކެވެ. އެހެން މީހުން އުފައްދަވާފަ ތިބޭ ގޮތަށާއި، ވާހަކަ ދައްކާގޮތާއި، އިސްކޮޅާއި، ހަމުގެ ކުލައާއި، އެސްފިޔަތައް ހުންނަގޮތާއި އަދި ޠަބީޢަތުގައި ހުންނަ ގޮތްތަކާއިމެދު ވެސް ޖޯކުޖަހާ މީހުން މަދެއް ނޫނެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
33%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ