އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު: "މާމުއި" ގެ ރަހަ ހަމަ ވަރަށް ވެސް ފުރިހަމަ!

ރިވިއު: "މާމުއި" ގެ ރަހަ ހަމަ ވަރަށް ވެސް ފުރިހަމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 28 ސިކުންތު

ކާމިޔާބު އަދި އެހާމެ ތަފާތު އެތައް ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ "މާމުއި" މިވަނީ މިމަހުގެ އެއްވަނަ ދުވަހު އޮލިމްޕަހު ސްކްރީންގައި އަޅުވާފައެވެ.

ރަތް ދޫލައިގެ ޚަފްލާއަކުން މިފިލްމު ޕްރިމިއާ ކުރި ރެއިން ފެށިގެން މިއަދާއި ހަމައަށްވެސް، "މާމުއި" ބެލި ގިނަ ބެލުންތެރިން ވަނީ ފިމްލަށް ސަނާ ކިޔާފައެވެ.

އެގޮތުން ގިނަ މީހުން ވެސް އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ، ގިނަ ތަރިންތަކެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމުގައި ހަރަކާތްތެރިވި ހުރިހާ ފަންނާނުން ވެސް ދައްކުވައިދީފައިވާ މޮޅު އެކްޓެވެ. ހުރިހާ ތަރިންނަށްވެސް ތައުރީފާއި ސަނާތައް ވަނީ އޮއްސާލާފައެވެ.

"މާމުއި" ގެ ކުރިމަރާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް ޚުލާސާކޮށް ބުނާނަމަ ބުނެވޭނީ، މިފިލްމުން ދައްކުވައިދީފައިވަނީ މީގައި ހަރަކާތްތެރިވާ ހުރިހާ ތަރިންގެ ޙަޔާތުގައި ވެސް ކޮންމެވެސް ކަންތައްތަކެއް ކުރިމަތިވެފައިވާކަމެވެ. އެކަންކަމުގައި އެމީހުން އުޅެމުން ދަނިކޮށް، ފަހު ވަގުތު ދިމާވާ ޓްވިސްޓަކުން އެންމެން ވެސް އެއްތަންވެ، އެމައްސަލައިން އެންމެން އެއްކޮށް ސަލާމަތްވެވޭތޯ އެކުގައި މަސައްކަތް ކުރާ މަންޒަރުވެސް ދައްކުވައިދެއެވެ.  

ތަރިންގެ ރިވިއު:

"މާމުއި" މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ، މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ކުޅަދާނަ ގިނަ ތަރިންތަކެކެވެ. އެގޮތުން އިސްމާއިލް ޖުމައިޙް، މަރިޔަމް މަޖުދާ (މަޖޫ)، ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަގެ އިތުރުން ޑާކްރެއިން އެންޓަޓެއިންމެންޓްގެ ގިނަ އުފެއްދުންތަކަކުން ފެންނަމުންދާ އަހުމަދު ސުނީ، މާރިޔާ ތްރޭސަ، އާދަމް ރިޒްވީ، އަބްދުﷲ ޝާފިއު (ފުބޫ)، އިބްރާހިމް އަމާން، އަލީ ޝަޒްލީމް އަދި ސަމާޙަތު ރާޒީ ވެސް ހިމެނެއެވެ. މީގެއިތުރުން މިހާރު ދިވެހި ފިލްމު އިންޑަސްތްރީގެ އެންމެ ކުރީ ސަފުގައި ފިޔަޖަހަމުން އަންނަ ނުޒުޙަތު ޝުއައިބް ވެސް މިފިލްމުން ފެނިގެންދާއިރު، ކުޅަދާނަ މޮޅު އެކްޓްރެސް ޝީލާ ނަޖީބު ވެސް ފެނިގެންދެއެވެ.

މިމީހުންގެ އިތުރުން ހަމްދާން ފާރޫޤް އާއި، އައިޝަތު ޔާދާ އަދި އަލީ ނަދީޙް (ޗަންނަ) ގެ މޮޅު އެކްޓެއް ވެސް ފެނިފައިވާއިރު އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ވެސް މިފިލްމުގައި އެންމެ މުހިންމު އެއް ރޯލުން ފެނިފައިވެއެވެ.

 

· ޝީލާ ނަޖީބު- ވަރުޖީނާ

ޝީލާ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ ދިވެއްސެއް މިހާރު ހުންނާނެހެން ހިއެއް ނުވެއެވެ. އޭނާގެ ފިލްމީ ކެރިއަރ އެންމެ ފުރަތަމަ ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޝީލާ ގުނާލެވެނީ ވަރަށް ވެސް މޮޅު އެކްޓްރެސެއްގެ ގޮތުގައެވެ. އެއީ ހިތްދަތިވެފައިވާ އަންހެނެއްގެ ނުވަތަ މައެއްގެ ރޯލުން ވިޔަސް، ނުވަތަ ޒީލަގަދަ އަނތްބެއްގެ ނުވަތަ އަބަދުވެސް ބިރުގެންފައިވާ އަންހެނެއްގެ ރޯލުން ވިޔަސް، ޝީލާއަކީ އޭނާ ކުޅޭ އެއްވެސް ރޯލަކުން ބެލުންތެރިންނަށް އެއްވެސް ޝަކުވާއެއް ކުރެވޭނެ ޖާގައެއްދޭ ފަންނާނެއް ނޫނެއެވެ.

"މާމުއި" މިފިލްމުގައި ޝީލާ ފެނިގެން ގޮސްފައިވަނީ "ވަރުޖީނާ" ގެ ރޯލުންނެވެ. މައެއް އަދި މައިދައިތައެއްގެ ރޯލު އޭނާ އަދާކޮށްފައިވާ ފުރިހަމަ ކަމުން، ބެލުންތެރިންގެ ތައުރީފާ ސަނާވަނީ ޝިލާއަށް ހިބަކޮށް ދީފައެވެ.

 

· ޖުމައްޔިލް ނިމާލް- ސަލްމާން

ޖުމައްޔިލް އަކީ ޑާކްރެއިން ގެ ފިލްމުތަކަށް އާ މޫނެއް ނޫނެވެ. މިހާތަނަށް އޭނާ ކުޅުނު ގިނަ ފިލްމުތަކަކީ ވެސް ޑާކްރެއިންގެ އުފެއްދުންތަކޭ ވެސް ބުނުން ދޮގަކަށް ނުވާނެއެވެ. ފިލްމީ ދާއިރާއަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާއަކީ މޮޅު އެކްޓަރެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ދުވަހުން ދުވަހަކަށް އޭނާ އަންނަނީ އެހުނަރު އިތުރުވެސް ކުރަމުންނެވެ.

މިފިލްމުގައި ޖުމައްޔިލް ފެނިފައިވަނީ "ސަލްމާން" ގެ ރޯލުންނެވެ. އޭނާގެ އެހެން ފިލްމުތަކާއި އަޅާބަލާއިރު، މިފިލްމުން އޭނާ ފެނިފައިވަނީ ތަންކޮޅެއް މަދުންނެވެ. ނަމަވެސް އެމަދު މަންޒަރުތަކުގައި ވެސް އޭނާވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލާފަައެވެ. މައިމީހާއާއި އަނބިމީހާއާއި ދެމެދު ހުންނަންޖެހިފައިވާ މީހެއްގެ ރޯލު ވަރަށް ފުރިހަމައަށް ޖުމައްޔިލް ދައްކުވައިދީފައިވެއެވެ. ދެ ކޮޅަށް ވެސް އޭނާގެ ޒިންމާތަކެއްވާކަން ވެސް ދައްކުވައިދީފައިވެއެވެ.

 

· މަރިޔަމް އައްޒަ-  ހައިފާ

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ނަން ވިދަމުން އަންނަ އައްޒަ އަކީ، އޭނާ ކުޅޭ ކޮންމެ ފިލްމަކުން ވެސް ބައެއް ބެލުންތެރިންގެ ހިތްތައް ދަމައިގެންފައިވާ މޮޅު އެކްޓްރެސްއެކެވެ. ދުވަހުން ދުވަހަކަށް އޭނާވަނީ އޭނާގެ އެކުޅަދާނަކަން އިތުރުކޮށް، އެކްޓްކުރުމުގެ ހުނަރު އިތުރުކޮށްފައެވެ.

މިފިލްމުގައި "ހައިފާ" ގެ ރޯލުން އައްޒަ ފެނިގެންދާއިރު، އަނތްބަކާއި ޅީދަރިފުޅެއްގެ އަދި އެކުވެރިއެއްގެ ރޯލު ވަރަށް ފުރިހަމައަށް އައްޒަ ދައްކުވައިދީފައިވެއެވެ. އަނގައިން އެއްޗެއް ނުބުނެ، ހަމައެކަނި އެކްސްޕްރެޝަނުން ބުނަން ބޭނުންވާ އެއްޗެއް ދައްކައިދޭ މަންޒަރުތައް ވެސް، ވަރަށް ފުރިހަމަކަމާއެކު އައްޒަ ދައްކުވައިދީފައިވެއެވެ. "މާމުއި" ގައި އައްޒަގެ އެކްޓާމެދު ހަމަ ބުނެވޭނީ "ސަތޭކަ" ކަމުގައެވެ.

 

· އިސްމާއިލް ޖުމައިޙް- ރުޝްދީ 

ޖުމައިޙް އާއި މެދު ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ މާގިނަ ފިލްމުތަކެއް އަދި ނެތް ނަމަވެސް، އޭނާ އަންނަނީ ހަމަޔަގީނުން ވެސް ދުވަހުން ދުވަހަކަށް އޭނާގެ ހުނަރު އިތުރު ކުރަމުންނެވެ. ބެލުންތެރިންގެ ހިތްތަކުގައި ޖާގަ ހޯދަމުންނެވެ. މޮޅު ޑިޒަރިނަރެއް، މޭކަޕް އާޓިސްޓެއް އަދި ފިލްމީތަރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޖުމައިޙް އަކީ ގިނަ އޭނާއަށް ލިބިފައިވާ މޮޅު ހުނަރުތަކުގެ ސަބަބުން "މަލްޓި-ޓާސްކިންގ ކިންގް" ގެ ނަމުން ވެސް ނަންދެވިފައިވާ ޒުވާނެކެެވެ.

"މާމުއި" އިން ޖުމައިޙް ފެނިގެންދަނީ "ރުޝްދީ" ގެ ރޯލުންނެވެ. ކުށެއް ނުކޮށް، ވާނުވާ ވެސް ނޭނގި ކުށެއްގެ ސަޒާ ލިބެމުންދިޔަ މީހެއްގެ ރޯލު ޖުމައިޙް ކުޅެފައިވަނީ، އޭނާގެ އެކްޓާއިމެދު އެކަކަށް ވެސް ޝަކުވާއެއް ނުކުރެވޭހާ ވެސް ފުރިހަމައަށެވެ. އޭނާއަށް ވަމުންދިޔަ ގޮތް ފެނިފައި ބެލުންތެރިން އޭނާއާއިމެދު ހަމްދަރުދީވިޔަސް، އެހާމެ ހިނިވެސް އައެވެ.

 

· މަރިޔަމް މަޖުދާ (މަޖޫ)- ތާނިޔާ

ޑާކްރެއިންގެ ގިނަ އުފެއްދުންތަކުން ފެންނަމުން އަންނަ މަޖޫ އަކީ ވެސް ނުހަނު ހުނަރުވެރި މޮޅު އެކްޓްރެސްއެކެވެ. އޭނާގެ ރީތިކަމާއި ސާދާ ހިނިތުންވުމުގެ އިތުރުން، އެރޯލަކަށް ދޭންވާ ފުރިހަމަ އެކްސްޕްރެޝަން ދޭކަމީ، މަޖޫގެ ހުރިހާ ރޯލެއް ވެސް އެންމެ ފުރިހަމަ ކުރުވާ މުހިންމު އެއް ސަބަބެވެ.

މިފިލްމުގައި މަޖޫ ފެނިފައިވަނީ "ތާނިޔާ" ގެ ރޯލުންނެވެ. ހަމަޔަގީނުން ވެސް އެރޯލުވެސް އޭނާ ދައްކުވައިދީފައިވަނީ ވަރަށް ފުރިހަމައަށެވެ. ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. ހަމަ އެއްވަނަ އެވެ. 

 

· އަބްދުﷲ ޝާފިއު (ފުބޫ)- ހައްޕު

މޮޅު ކޮމީޑިއަނެއް ކަމަށްވާ ފުބޫ އަކީ، ގިނަ މީހުން ބުނާގޮތުގައި އޮން-ސްކްރީނާއި އޮފް ސްކްރީނުގައި ވެސް ނުހަނު ހެއްވާ މަޖާ މިޒާޖެއް ހުންނަ މީހެކެވެ. "މާމުއި" އިން "ހައްޕު"ގެ ރޯލުން ފެނިގެންދާ ފުބޫ، މިފިލްމުގައި ހަގީގަތުގައި ހުންނަނީ ހައްޕު ކިޔައިގެނެއް ނޭނެވެ. އޭނާގެ އެހެން ފިލްމުތަކެކޭ ވެސް އެއްފަދައިން، މިފިލްމުގައި ވެސް ނުހަނު މޮޅު އަދި އެހާމެ ތަފާތު އެކްޓެއް ފުބޫ ދައްކުވައިދީފައިވެއެވެ. 

 

· ނުޒުޙަތު ޝުއައިބު (ނުޒޫ)- ދިޔާނާ

"މާމުއި" ބެލުމަށްފަހު ހަމަޔަގީނުން ވެސް "ދިޔާނާ" ގެ "ލާފިންގ ތެރަޕީ" ގެ އަޖުމަ ބަލާލާނެއެވެ. މިހާރު ފިލްމު އިންޑަސްޓްރީގައި އެންމެ ނަންވިދާލާ އެއްތަރި ކަމުގައިވާ ނުޒޫ، މިފިލްމުން ފެންނަނީ "ވަރަށް ލޯބި" އަންހެން ކުއްޖެެއްގެ ގޮތުގައި ކަމަށް ގިނަ ބެލުންތެރިން ވަނީ ބުނެފައެވެ. ނުޒޫ އަކީ އަރަމުން އަންނަ، ވިދުވަރުގަދަ ތަރިއެކެވެ. އެހާމެ ހުނަރުވެރި އަދި އަޚުލާޤުވެސް ރަނގަޅު ފަންނާނެއް ކަމަށްބުނެ ދިވެހި ފިލްމު އިންޑަސްޓްރީގެ އެހެން ފަންނާނުން ވެސް ތައުރީފު ކުރަމުންދެއެވެ. 

މިހަތް ތަރިންގެ އިތުރުން ދެން މިފިލްމުން ފެނިގެންދާ ތަރިން ވެސް ދައްކުވައިދީފައިވާ އެކްޓު ވަރަށް މޮޅެވެ. ޚާއްސަކޮށް މިފިލްމުގައި "ޕްރަދީޕް ރައޫފް" ގެ ރޯލުން ފެނިގެންދާ އާދަމް ރިޒްވީ ގެ އެކްޓިން މިފިލްމުގައި ވަރަށް ވެސް ތަފާތުވެފައި އެހާމެ މަޖަލެވެ. އަދި ހަމައެއާއެކު ފިލްމުގެ އެންމެ މުހިންމު އެއް ރޯލުކަމުގައިވާ "ހުދު މުޚްތާރު" ގެ ރޯލުން ފެނިގެންދާ އަހުމަދު ޝާފިއު (ޝާއްކޮ އަންމަޑޭ) ގެ އެކްޓާމެދުވެސް ބެލުންތެރިންނާއި އެހެން ފަންނާނުން ވެސް ދަނީ ތައުރީފާއި ސަނާ ކިޔަމުންނެވެ. "މާމުއި" ގެ ރަހަ އެންމެ ފުރިހަމަ ވެފައިވަނީ މީގައި ހަރަކާތްތެރިވި ހުރިހާ އެކްޓަރުންގެ ވެސް އެކްޓު މޮޅުކަމުންކަން އުފަލާއެކ ފާހަގަ ކުރަމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ