އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޤާމާއި ތަނަވަސްކަން ދެއްވެވުމުން ތަރުތީބު އޮޅުވައިލާ މީހުން ބިރުވެތިވާށެވެ!: މުފްތީ މެންކް

މަޤާމާއި ތަނަވަސްކަން ދެއްވެވުމުން ތަރުތީބު އޮޅުވައިލާ މީހުން ބިރުވެތިވާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

މިއަދު ގިނަ ބައަކަށް ދިމާވެގެން މިއުޅޭ މައްސަލަ އަކީ ދުނިޔެއަށް އެމީހުން ފޮނުއްވަވައި ދުނިޔޭގައި ލައްވަވައި ތަނަވަސްކަމާއި ސަލާމަތް ޞީއްހަތު ދެއްވެވުމުންވެސް އެމީހުން ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު އެމީހުންނަށް އޮޅިފައިވުމެވެ. ނަތީޖާއަކަށް ވަނީ ކަންކަމުގެ ތަރުތީބު އޮޅުވައިލުމެވެ.  

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ ތަރުތީބަކުންނެވެ. ބޫޓަށް އެރުމުގެ ކުރިން އިސްޓާކީނަށް އަރަން ޖެހެއެވެ. އިސްޓާކީނަށް ނުއަރައި ބޫޓަށް އެރުމަށްފަހު އިސްތާކީނަށް އަރަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ވީމާ ހަމަ އެގޮތަށް އަހަރެމެންގެ އަމިއްލަ ހަޔާތާއިމެދުގައިވެސް ވިސްނައިލާށެވެ.  

އަހަރެމެން ދުނިޔެއަށް ފޮނުއްވަވައި އެންމެހައި ނިޢްމަތްތައް ދެއްވަވާފައި މިވަނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ވީމާ ދެން ކުރަން ހުރި އެހެން ހުރިހާ ކަންކަން ގެންނަން ޖެހޭނީ އަޅުކަން ކުރުމުގެ ފަހަތުންނެވެ. އައްޛާރިޔާތް ސޫރަތުގެ 56 ވަނަ އާޔަތުގައި ވަނީ "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."  

ނަމަވެސް މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ފިހާރަ ހުޅުވާފައި ބަހައްޓަން ޖެހޭތީ، އޮފީހުގައި މަޑުކުރަން ޖެހޭތީ ނަމާދަކަށް ނުދެވެއެވެ. އޮފީހުގައި މަސައްކަތް ބުރަކަމުން ނަމާދަކަށް ނުދެވެއެވެ. ވިޔަފާރި ކުރުމުގެ ތަނަވަސްކަމާއި ވަޒީފާ ނުވަތަ މަތީ މަޤާމް ދެއްވެވީ ނަމާދަށް ބަންގި ގޮވުމުން މިސްކިތަށް ގޮސް ޖަމާއަތުގައި ނަމާދުކުރުމަށް އަންގަވާފައިވާ ﷲ ތަޢާލާކަން ހަމަ ހިތަށް އަރާކަމަކަށްވެސް ނުވެއެވެ.  

މިފަދަ ޣާފިލުކަމުގައި ހުއްޓައި ބައެއް ފަހަރު އެބަ ފަޤީރުވެއެވެ. މަޤާމް ގެއްލެއެވެ. ﷲ ތަޢާލާގެ މަތިން ހަނދާން ވަނީ އެ ހިސާބުންނެވެ.  

ކީރިތި ޤްއާނުގައި ޤާރޫނުގެ ވާހަކަބަޔާން ކުރައްވަވާފައިވަނީ އެ އާޔަތްތައް ކިޔައި ފިކުރުކުރުމަށެވެ. އަލްޤަޞަޞް ސޫރަތުގެ 76 ވަނަ އާޔަތް ކިޔާށެވެ! " ހަމަކަށަވަރުން، ޤާރޫން އަކީ، މޫސާ ގެފާނުގެ ޤައުމުގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާ ތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعة އެއްގެ މީހުންނަށް، އެ ޚަޒާނާ ތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެމީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." 

އެ ޤާރޫނަށް ވީ ކިހިނަކުން ހެއްޔެވެ؟ އަލްޤަޞަޞް ސޫރަތުގެ 81 ވަނަ އާޔަތް ކިޔާށެވެ.

"ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާ ތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّه އާ ދެކޮޅަށް އޭނާއަށް ނަބްރު ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަޞްރު ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ." 

ޤާރޫނު ބިމުގެ އަޑިއަށް ހަމައެކަނި ގަންބަވައި ގެންނެވީއެއް ނޫނެވެ. ޤިޔާމަތާއި ހަމައަށް ވެސް ހުންނާނީ ގެނބިގެނބިގެނބިއެވެ.  

ފިރުޢައުނަކީ ވެރިކަމުގެ ބާރާއިއެކު އެހައިމެ ބޮޑު ތަނަވަސްކަން މިންވަރު ކުރެއްވެވި މީހެކެވެ. ނިމިގެން ދިއައީ ކަނޑަށް ޣަރަޤްުވެގެން ނޫން ހެއްޔެވެ؟ 

މި ދެ މީހުންނަށް އެކަނި ބެލި ނަމަވެސް މިދައްކާ ވާހަކައިގެ ކަންކަން އެނގިގެންދާނެއެވެ. އެފަދަ ބޮޑު ބާރާއި ތަނަވަސްކަން ލިބުމަށްފަހުގައިވެސް ގެއްލިގެންދިއައީ ތަރުތީބު އޮޅުވައިލުމުންނެވެ. ﷲ ތަޢާލާ އެމީހުން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު އޮޅުވައިލުމުންނެވެ! ދުނިޔޭގެ އެދުންތައް ކުރިއަށް ނެރުމުންނެވެ.

މިކަންކަން މިގޮތަށް ކުރިމަތިވާނީ ވަކި މީހަކަށް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ. ވީމާ ތަނަވަސްކަމާއި މަޤާމާއި ވަޒީފާ ލިބުމުން ނުވަތަ އެނޫންވެސް ނިޢްމަތެއް މިންވަރުފުލު ކުރެއްވެވުމުން ތިމާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު އޮޅުވައިނުލާށެވެ. ތަރުތީބު އޮޅުވައި ނުލާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް